ފެހި ގާނޫނުއަސާސީގެ ފެހިކަން އެބަ ލިބޭތަ؟

ޖޫން 29، 2020: ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނުއަސާސީގެ ވާހަކަ ފަށައިގަތުމަށް ފަސް އެނބުރި ދާން ޖެހެނީ މީގެ 16 އަހަރު ފަހަތަށް 2004 ޖޫން 9 ވީ ބުދަ ދުވަހާ ހަމައަށެވެ. އޭރު އަމަލުކުރަމުން އައި "ނޫ ގާނޫނުއަސާސީ" އިސްލާހު ކުރިތާ ހަތް އަހަރު ވެސް ރަނގަޅަށް ފުރިހަމަ ނުވަނީސް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމްގެ އެރޭ އިއުލާން ކުރެއްވީ އެ ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވިސްނަވާ ކަމަށެވެ. ރައީސް މައުމޫންގެ އިސްލާހީ ތަގުރީރުގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ، އެ ތަގުރީރުގައި ރައީސް މައުމޫން ވިދާޅުވި، އެންމެ މުހިންމު އެއް ވާހަކަފުޅަކީ އެ މަސައްކަތް ފެއްޓެވުމުގެ މަގުސަދެވެ. ވިދާޅުވީ އެ މަސައްކަތް ފައްޓަވަނީ "ރައްޔިތުންގެ ހަމަޖެހުމާއި ތަރައްގީއަށްޓަކައި، ރާއްޖޭއަށް ބޭނުންވާ އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމުގެ އަޒުމުގައި" ކަމަށެވެ. ބާރުތައް ވަކިކުރުމުގެ މަފުހޫމަކީ ވެސް ރައްޔިތުންނަށް މިނިވންކަމާއި ހައްގުތައް ހޯދައިދިނުމެވެ. ސާދާކޮށް ބުނާ ނަމަ، "ފެހި ގާނޫނުއަސާސީ"ގެ ބޭނުމަކީ ދިވެހިންނަށް ތާހިރު ދިރިއުޅުމެއް ހޯދައިދިނުމެވެ. ބިރެއް ނެތި އުޅެވޭނެ މުޖުތަމައެއް އެންމެންނަށް ކަށަވަރުކޮށްދިނުމެވެ. އިންސާފާއި ހަމަހަމަކަމުގެ މުޖުތަމައެއް ނެގެހެއްޓުމެވެ.

ރައީސް މައުމޫން ސުރުހީ އެޅުއްވި އެ މަސައްކަތް އޮގަސްޓް 7، 2008ގައި ނިމި "ފެހި ގާނޫނުއަސާސީ" ވުޖޫދުވީ ފަހުން 12 އަހަރުވީ ނަމަވެސް އެ ގާނޫނުއަސާސީއިން ތަސައްވަރުކުރި ފޮނި މީރުކަން، އެ ފެހިކަން ދިވެހިންނަށް އެބަ ލިބޭ ހެއްޔެވެ؟

ޖޫން 9، 2004: އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ރައީސް މައުމޫން ވަހަކަ ދައްވަމުން އަތުގައި އޮތް ގަޑި ދިއްކޮލަނީ: 22 ސިކުތުން އެމަނިކުފާނު ވިދާޅުވީ، ގައުމަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް --- ފޮޓޯ/ ދިވެހި ރާއްޖެ ޑިމޮކްރަސީއަށްކުރި ދަތުރު

ހައްގުތަކަށް އަދިވެސް އާދޭސް ކުރަނީ

ގާނޫނުއަސާސީ އޭގެ މާއްޗަށް ބިނާވާ މައިގަނޑު އަސާސަކީ ރައްޔިތުންނެވެ. ބާރުތައް ފެށިގެން އަންނަނީ އަދި ނިމެނީވެސް ރައްޔިތުންނާ ހަމައިން ކަމަށް އޮޅުންނާރާ ވަރަށް އަކުރުން އަކުރަށް ފިލިން ފިއްޔަށް ގާނޫނުއަސާސީގައިލިޔެފައިވެ އެވެ. އަދި ރައްޔިތުންގެ އަސާސީހައްގުތަކުގެ ބާބުގައި ރައްޔިތުންނަށް ކަށަވަރު ނުކޮށްދޭ އެއްވެސް މިނިވަން ކަމެއް ނެތް ކަމަށް ބުނެވިދާނެ އެވެ. އެކަމަކު ރައްޔިތުންނަށް ލިބެން ޖެހޭ އެތައް އަސާސީ ހައްގަކަށް ދިވެހިން ޖެހިފައި ވަނީ ސަލާން ޖަހާށެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟

އާ ގާނޫނުއަސާސީ ލިޔެވުނުތާ 12 އަހަރު ފަހުން، އެ ގާނޫނުއަސާސީ ލިޔުއްވުމުގައި ބައެއް އެބޭފުޅުން ވިދާޅުވާ ގޮތުގައި، އޭރު ގާނޫނުއަސާސީ ހެދުމުގައި ތަސައްވަރު ކުރި ހަގީގީ އެތައް ކަމެއް ތަންފީޒު ވެގެނެއް ނުދެ އެވެ. ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި ގާނޫނުއަސާސީ ޑްރާފްޓް ކުރި ކޮމިޓީގެ މުގައްރިރު އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވީ، ގާނޫނުއަސާސީއިން އާންމު ރައްޔިތު މީހާއަށް އައި ބަދަލު ވަރަށް ވެސް ކުޑަ ކަމަށެވެ. އެކަމަކު ގާނޫނުއަސާސީ އެކުލަވާލީ އާންމު ރައްޔިތުންނަށް މިނިވަންކަން ހޯދައިދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އަދިވެސް އެ ހައްގުތަކަށް ރައްޔިތުން ގިނަފަހަރު ޖެހެނީ އާދޭސް ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުފެނޭ ގާނޫނުއަސާސީ އެކުލަވާލި ހަގީގީ މަގްސަދު އަދި ހާސިލުވާތަނެއް. ގާނޫނުއަސާސީ އެކުލަވާލީ، ރައްޔިތުންގެ މިނިވަންކަމާއި ހައްގުތައް ރައްކާތެރިކުރުމަށާ، ރައްޔިތު މީހާގެ ދިރިއުޅުން ހަމަޖެހުމާއި ތަނަވަސްކަމާއެކު ގެންދާނެ މަގު ކޮށާއި ދައްކައިދިނުން. ރައްޔިތުން ބާރުވެރިކުރުވައި، އެމީހުންގެ ދިރިއުޅުން ބައްޓަން ކުރުމަށް ފުރުސަތު ފަހިކުރުމަށް. އަދި އަޅުގަނޑަކަށް ނުފެނޭ މިދިޔަ 12 އަހަރު އެކަންކަން ހާސިލުވިތަނެއް،" އިބުރާ ވިދާޅުވި އެވެ.

އިބްރާހިމް އިސްމާއިލް (އިބްރާ) "ސަން"އަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ

އިބްރާ ދެކެވަޑައިގަންނަވާ ގޮތުގައި، ގާނޫނުއަސާސީން ހާސިލްވީ އެންމެ ކަމެކެވެ. އެއީ ކޮންމެ ފަސް އަހަރަކުން މިނިވަންކަމާއެކު އެއްވެސް ނުފޫޒެއް ނެތި ރައީސުލްޖުމްހޫރިއްޔާއެއް އިންތިހާބު ކުރަން ރައްޔިތުންނަށް ލިބިފައި އޮތް ފުރުސަތެވެ. އެ އެނޫން ކަމެއް ހާސިލު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އެ ހައްގުވެސް އެންމެ ފަހު ފަހަރު ރައްޔިތުން ހޯދަން ޖެހުނީ ގަދަބަދަވިކަމުންނެވެ.

އޭނާ ގަބޫލުކުރަވަނީ، ގާނޫނުއަސާސީގެ ދަށުން ރައްޔިތުންނަށް މިނިވަންކަމާއި ބާރުވެރިކަން ދީފައިވީނަމަވެސް، އެންމެ ބޮޑު މައްސަލައަކީ މިނިވަން މުސްތަގިއްލު ކޮމިޝަންތަކާއި ފަނޑިޔާރުގެވެސް މިނިވަން ވެގެން ނައުމެވެ. އޭގެ އިތުރުން ހިޔާލުފަޅުކުރުމުގެ މިނިވަންކަން ވެސް އޮތީ ފަހަތުގައި ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

އިބުރާ ވިދާޅުވީ ބޭނުން އެއްޗެއް މިހާރު ބުނެވުނު ނަމަވެސް، ބާރުވެރި މީހުންނާ ދެކޮޅަށް ހިޔާލެއް ފާޅުކޮށްލާއިރަށް އެ މީހަކު ފިއްތާލާ ކަމަށެވެ. އަދި އެ މީހަކާ ގުޅިފައިވާ އެހެން ހުރިހާ ކަމަކަށް ދަތިކޮށް އެ މީހަކަށް ނޭވާ ނުލެވޭ ވަރު ކޮށްލާ ކަމަށް އިބުރާ ވިދާޅުވި އެވެ. އެހެން ކަމަށްވާ ނަމަ، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަރުދާހުގައި ލިޔެފައި އޮތަސް އަމަލީ ގޮތުން ތަންފީޒުވާ ކަމާ މެދު އޭނާ ސުވާލު އުފައްދަވަ އެވެ.

"ކޮންމެ ވެރިކަމެއްގައި ވެސް މިވާ ގޮތަކީ ހިޔާލެއް ފާޅުކުރާއިރަށް ދެން ވެރިކަމުގެ ފަރާތުން އެ މީހެއްގެ ވަށައިގެން ހުންނަ ހުރިހާ ކަމަކަށް އެބަ ހުރަސްއަޅާ. އެ މީހަކަށް ދެން އެއްޗެއް ބުނަން ނުކެރޭ ވަރު އެބަކޮށްލާ. މިއީ އެއްނޫން ދެއްތޯ އަޅުގަނޑުމެން އޭރު ތަސައްވަރުކުރި މިނިވަންކަން. އެކަންކަން އަޅުގަނޑުމެންގެ ތެރޭގައި އެބަ ހިނގާ ހަމަ އަބަދުވެސް،" އިބުރާ ވިދާޅުވި އެވެ. "މިކަންކަން ބަދަލުވެގެން މި ގާނޫނުއަސާސީގެ ހަގީގީ ފައިދާއެއް އަޅުގަނޑުމެންނަށް އޮތީ،"

ދެން އަނެއް ބޮޑު މައްސަލައަކީ ގާނޫނުއަސާސީގެ ދަށުން، ހަދަން ޖެހޭ ގާނޫނުތައް މިއަދާ ހަމައަށް އައިއިރުވެސް އަދިވެސް ހުރީ ނުހެދި އެވެ. އިބްރާ ދެކެވަޑައިގަންނަވާ ގޮތުގައި، އެއީވެސް ގާނޫނުއަސާސީ ތަސައްވަރުކުރި ކަންކަން ހާސިލު ނުވާ ވަރަށް ބޮޑު ސަބަބެކެވެ.

"ތަސްދީގު ކުރި ފަހުން، ތިން މަޖިލިސް މިއައީ. މިއީ 19 ވަނަ މަޖިލިސް. އެކަމަކު ގާނޫނުއަސާސީ ހިންގުމަށްޓަކައި ހަދަން ޖެހޭ 78 ގާނޫނެއް އަދިވެސް ނުހެދޭ އަދިވެސް. ހަމަ ކުރީގައި ހުރި ގާނޫނުތަކާއި ގަވައިދުތަކެއް މިއޮތީ. އެހެންވީމަ ރައްޔިތުންގެ މަޖިލިސްވެސް މިއޮތީ ވަރަށް ބޮޑަށް ފެއިލްވެފައި،" އިބްރާ ވިދާޅުވި އެވެ.

ގާސިމް އިބްރާހިމް ހާއްސަ މަޖިލީހުގެ ރިޔާސަތުގައި: އޭނާ ވިދާޅުވީ، ގާނޫނުއަސާސީގެ ފޮނުމީރުކަން މިން ކުރަން އަދި އަވަސްކަމަށް -- ފައިލް ފޮޓޯ

އަސްލު މައްސަލަ: އިހުލާސްތެރިކަމެއް ނެތުން

ގާނޫނުއަސާސީގެ ދަށުން ހަދަން ޖެހޭ ގާނޫނުތައް ނެހެދިވާ ކަމުގެ ކަންބޮޑުވުން އޭރުގެ ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި އަދި މިހާރު މާމިގިލި ދާއިރާގެ މެމްބަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ފާޅުކުރެއްވި އެވެ. ގާސިމް ވިދާޅުވީ، ވީހާވެސް އަވަހަކަށް އެ ގާނޫނުތައް ހަދަން ޖެހޭ ކަމަށެވެ. އަދި ގާނޫނު އަސާސީއާ ތާރަޒްވާ ގާނޫނުތައްވެސް އުވާލަން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

ނަމަވެސް ގާސިމް ގަބޫލު ކުރައްވާ ގޮތުގައި، ގާނޫނުއަސާސީގެ ކަންކަން ތަންފީޒު ވެއްޖެތޯ ނުވަތަ ނޫންތޯ ބުނަން އަދި މާ އަވަސް ކަމަށެވެ.

"ބާރަ އަހަރު އެއީ އަދި މިބާވަތުގެ ކަމަކަށް މާ ގިނަ ދުވަހެއް ނޫން. އެހެން ނަމަވެސް މިކަންކަން ފުރާ ފުރިހަމަވުމަށް ނަގާނެ އަދި ދުވަސް ކޮޅެއް. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މީގެ ދެގުނަ ދުވަސް ނުވަތަ 20-30 އަހަރުވެސް ވެދާނެ،" ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސް، ގާސިމް ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ސަރުކާރުގައި ބަންޑާރަނައިބުކަމުގެ މަގާމު ފުރުއްވި، ހަސަން ސައީދު ވިދާޅުވީ، ގާނޫނުއަސާސީގައި ހުރި ކަންކަން ތަންފީޒު ނުވަނީ، އޭރު ގާނޫނުއަސާސީ އެކުލަވާލިއިރު، އެއްވެސް ބައެއްގެ އިހުލާސްތެރިކަން ނެތުމުން ކަމަށެވެ.

"ރައީސް މައުމޫން ހަވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި އިރުވެސް، ގާނޫނުއަސާސީ އިސްލާހު ކުރާނެ ކަމަށް ވިދާޅެއް ނުވޭ. އެހާ މުހިންމު ކަމެއް ދިން ނަމަ، އިންތިހާބުގެ އެޖެންޑާއެއްގެ ގޮތުގައި ހިމެނުއްވީސް. އެމަނިކުފާނުގެ ވިހިވިހި ތަސައްވަރުގައިވެސް އެކަން ހިމަނާފައި ނުވޭ. އެއިން ދޭހަވަނީ، ރައީސް މައުމޫނު ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ފެއްޓެވީ، ދިގު މުސްތަގުބަލަކަށް ވިސްނަވާފައި، ގައުމަށް ބޭނުންވެގެން ކުރި ކަމެއްގެ ގޮތުގައި ނޫން ކަން،" ރައީސް މައުމޫނުގެ ކެބިނެޓުން ފަހުން އިސްތިއުފާ ދެއްވި ހަސަން ސައީދު ވިދާޅުވި އެވެ.

ރައީސް މައުމޫނުްގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރެއްވި ހަސަން ސައިދު: އޭނާ ވިދާޅުވީ، ގާނޫނުއަސާސީ އެކުލަވާލީ އެއްވެސް ބައެއްގެ އިހުލާސްތެރިކަމެއް އޮވެގެން ނޫން ކަމަށް --- ފައިލް ފޮޓޯ

އޭނާ ގަބޫލުކުރައްވާ ގޮތުގައި، ރައީސް މައުމޫން އެ މަސައްކަތް ފެއްޓެވީ، އޭރު ބޮޑުވެ ފައްކާވަމުން ދިޔަ އިދިކޮޅު ހަރަކާތްތަކުންނާއި ބޭރު ގައުމުތަކުން އައި ޕްރެޝަރާއެކު އެވެ. އަދި އޭރުގެ އިދިކޮޅު ފަރާތްތަކުންވެސް މަސައްކަތް ކުރީ އެމީހުން ވެރިކަމަށް އައިސްދާނެ ކަމަށް ބަލައިގެން ނޫން ކަމަށާއި އެހެން ކަމުން އެފަރާތްތަކުންވެސް މަސައްކަތް ކުރީ، ވެރިކަމުގެ ހުރި މީހަކަށް އުދަނގޫވާ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ކަމަށެވެ.

"އޭރު އިދިކޮޅުގައި ތިއްބެވި ބޭފުޅުންގެ ތަސައްވަރަށް ވެސް ނާދޭ ރައީސް މައުމޫން ނޫން ބޭފުޅަކު ވެރިކަމަށް އަތުވެދާނެ ކަމަކަށް. މައުމޫން ވެރިކަމުން ވަކިވާނެ ކަމަކަށް. އެހެންވެ، އެބޭފުޅުން ބެއްލެވީ އެބޭފުޅުންނަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ، މަޖިލީހުން އެކަށީގެންވާ އަދަދެއް އެބޭފުޅުންނަށް [އިދިކޮޅަށް] ލިބިދާނޭ. އެހެންވެ، އެބޭފުޅުން [އިދިކޮޅު ފަރާތްތަކުން] ބެއްލެވީ މަޖިލީހުގެ ދައުރު ހަރުދަނާ ކުރައްވަން، މެންބަރުންގެ ދައުރު ހަރުދަނާ ކުރައްވަން. ދެން ވެރިކަމުގައި ހުންނަ މީހަކަށް ޖެއްސުން ކުރަން ދަތިކުރުން. އެފަދަ ނިޒާމެއް މި ހެދީ،" ފެހި ގާނޫނުއަސާސީއާއެކު ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައިވެސް ވާއްދަކުރެއްވި ހަސަން ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފަހުން ވެރިކަމަށް އައި މީހުންގެވެސް އެވެސް ކަހަކަ އިހުލާސްތެރިކަމެއް ނެތް ކަމަށެވެ.

"އަމަލީ ގޮތުން އަޅުގަނޑުމެން އުންމީދުކުރި ފޮނިމީރު ކަމެއް ނުލިބޭ. ނުލިބެން ޖެހޭ ސަބަބަކީ، ކޮންމެ ވެރިކަމަކުންވެސް މި ބަލަނީ، ވެރިކަން ކުރުމަށް އުދަނގޫވާ ކޮންމެ ކަމަކަށް ގާނޫނުއަސާސީ ނުވަތަ ގާނޫނު ބަދަލު ކުރުން. ގާނޫނީ އިމުގެ ތެރެއިން ވެރިކަން ކުރުމުގެ ބަދަލުގައި މި ބަލަނީ، އެމީހަކަށް ފަސޭހަވާ ގޮތައް ގާނޫނުއަސާސީވެސް ގާނޫނުވެސް ބަދަލުކޮށްލުން. އެހެންވެ ހަގީގީ މަންފާ ނުލިބެނީ،" ހަސަން ސައީދު ވިދާޅުވި އެވެ.

ގާނޫނުއަސާސީގައި އުސޫލީ މައްސަލަތަކެއް ނެތް ކަމަށް ހުރިހާ ބޭފުޅުން ވެސް އިއްތިފާގުވެ އެވެ. މައްސަލައަކީ ވެރީންގެ އިހުލާސްތެރި ކަމެއް ނެތުމެވެ. ގާނޫނުއަސާސީ އޭގެ ފުރިހަމަ ގޮތުގައި ހިންގައިދޭން ބޭނުންނުވުމެވެ. އެހެން ނޫނީ، ކިތަންމެއް ދުވަހެއް ފާއިތުވިނަމަވެސް، ފެހި ގާނޫނުއަސާސީ ތަސައްވަރު ކުރާ ހަގީގީ މަންޒަރުގައި ކުލަ ޖެހުމަކީ ނާދިރުކަމެކެވެ. ލިޔުމުން ހުރިހާ ހައްގުތަކެއްވެސް ކަށަވަރުވެ އެވެ. އެކަމަކު، އަމަލީ ގޮތުން ދިވެހީންނަށް ލިބުނީ ވަރަށް މަދު ހައްގުތަކެކެވެ. ހައްގުތަކުގެ ވާހަކައަކީ ކަރުދާހުގައި ހަމައެކަނި ލިޔެލާފައި އޮންނަ ބަސްތަކަކަށް ވެއްޖެ އެވެ. ފެހި ގާނޫނުއަސާސީއާ އެކުވެސް ދިވެހިންނަށް ޖެހުނީ މި ހާލެވެ.

comment ކޮމެންޓް