ނިޒާމުގެ ވާހަކަ، ނުނިމުނު ނިކަން ފޫހި ބަހުސެއް!

ފެބްރުއަރީ 3، 2020: މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލިސް ރައީސް ނަޝީދުގެ އަރިހުގައި މަޖިލީހަށް ވަޑައިގަންނަވަނީ -- ފޮޓޯ/ މަޖިލިސް

މިހާރު ރާއްޖޭގައި އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީ އެކުލަވާލުމގެ ތެރެއިން، ރާއްޖޭގައި އޮންނަ ފެންނަ ނިޒާމާއި ގުޅޭ ވޯޓެއް އާންމުންގެ ކުރިމައްޗަށް ހުށަހެޅުނެވެ. ރާއްޖޭގައި އޮންނަން ފެންނަނީ ޕާލިމަންޓްރީ ނިޒާމު، ބަރުލަމާނީ ނިޒާމެއްތޯ ނުވަތަ ރިޔާސީ ނިޒާމެއްތޯ ރައްޔިތުން ކައިރީ އެހި އެވެ.

ވޯޓުލީ 62.05 އިންސައްތަ މީހުން ބޭނުންވީ ރިޔާސީ ނިޒާމެއް ބޭއްވުމަށެވެ. އަދި 37.95 އިންސައްތަ މީހުން ބޭނުންވީ އާ ނިޒާމެއް ތަޖުރިބާ ކުރާށެވެ. އެއީ ބަރުލަމާނީ ނިޒާމެވެ.

އެ ވޯޓާއި ހަމައަށް ދާން ޖެހުނީ، ދިވެހި ޖުމްހުރިއްޔާގެ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ތެރެއިން ހާއްސަ މަޖިލީހުގެ މެންބަރުންގެ މެދުގައި އެ ބަހުސް ބޮޑުވެގެންނެވެ. އޭރުވެސް ބަރުލަމާނީ ވެރިކަމުގެ ނިޒާމަކަށް ތާއީދުކުރެއްވި ބޭފުޅުންނާއި ރިޔާސީ ނިޒާމަކަށް ތާއީދުކުރެއްވި ބޭފުޅުން ތިއްބެވި އެވެ. ހާއްސަކޮށް އޭރުގެ އިދިކޮޅު އެމްޑީޕީއިން ތާއީދުކޮށް ކެމްޕޭން ކުރީވެސް ބަރުލަމާނީ ނިޒާމަށެވެ. ނަމަވެސް އޭރު ސަރުކާރު ހިންގަމުން އައި ޑީއާރުޕީއިން ތާއީދުކުރީ ރައީސުލްޖުމްހޫރިއްޔާއަށް ބާރު ލިބޭ ރިޔާސީ ނިޒާމް ދަހަމައްޓާށެވެ.

އެ ވޯޓަށްފަހު ގާނޫނުއަސާސީ ފަރުމާކޮށްފައިވަނީ ރިޔާސީ ނިޒާމުގެ ސިފަ ޖައްސައިގެންނެވެ. ނަމަވެސް ބަރުލަމާނީ ނިޒާމުގެ ބައެއް ކަންކަމާއި އެކު "މަސްހުނި" ނިޒާމެއްގެ ގޮތުގައި އާ ގާނޫނު އަސާސީ އެއްކޮށް ފާސްކޮށްފައިވަނީ 2008 ވަނަ އަހަރުގެ ޖޫން 26ގަ އެވެ.

"އެ މަސައްކަތް ކުރަމުން ދިޔަ އިރު 23 ގައުމެއްގެ ގާނޫނު އަސާސީ ދިރާސާ ކުރިން. އެކި ނިޒާމްތަކަށް ބައްޓަން ކުރެވިފައި ހުރި. ބަރުލަމާނީ ނިޒާމުތަކުގައި ވެސް ހުރި ރަނގަޅު ސިފަތައް މީގެ ތެރެއަށް ގެނައިސްފައި ހުންނާނެ. ރިޔާސީ ނިޒާމުގައި ވެސް ހުރި ރަނގަޅު ސިފަތައް މީގެތެރެއަށް ގެނައިސްފައި ހުންނާނެ. އެހެންވީމަ އެ ގޮތަށް ބަލައިގެން އެކުލަވާލާފައި އޮތް ނިޒާމެއް މިހާރު ގާނޫނު އަސާސީން އެ ފެންނަނީ،" މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމެޓީގެ މުގައްރިރު އިބްރާހިމް އިސްމާއީލް ވިދާޅުވި އެވެ.

ބައެއް ބޭބޭފުޅުންގެ ނަޒަރުގައި މިހާރު އޮތް ގާނޫނުއަސާސީގައި ބަރުލަމާނީ ނިޒާމުގެ ސިފަތައް ވަރަށް ބޮޑަށް އެކުލިވިގެންވެ އެވެ. ސަބަބަކަށް ވަނީ ރިޔާސީ ނިޒާމުގައި ނުދޭ ވަރުގެ ބާރުތަކެއް މަޖިލީހަށް ދީފައިވުމެވެ. އެހެން ދިމާވީ އޭރު އިދިކޮޅުގައި އޮތް އެމްޑީޕީގެ ވިސްނުން އެ ދިމާލަށް ހުރުމުންނެވެ.

ގާނޫނު އަސާސީއަށް 12 އަހަރު ފުރާފުރިހަމަވީއިރު ނިޒާމުގެ ބަހުސް ނުނިމިގެން އުޅެނީ އެހެންވެގެން ކަމަށްވުން ގާތެވެ. އޭރު ބަރުލަމާނީ ނިޒާމަށް އެންމެ ބޮޑަށް ވަކާލާތު ކުރި އެމްޑީޕީ މިއަދު މި އޮތީ ވެރިކަމުގަ އެވެ. އޭރު ވެސް ބަރުލަމާނީ ނިޒާމަށް "މަރުދޭ" މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، މިއަދު ވެސް ހުރީ ހަމަ އެ ވާނުގަ އެވެ. ނިޒާމުގެ ބަހުސް އެންމެ ބޮޑަށް އުފައްދަވަނީވެސް ހަމަ އެމަނިކުފާނެވެ.

ގާނޫނު އަސާސީއަށް 12 އަހަރު ފުރުމާ ވިދިގެން ދެއްވި ބަސްދީގަތުމެއްގައި މަޖިލިސް ރައީސް ވިދާޅުވީ އެމަނިކުފާނަށް އަބަދުވެސް ވިސްނެނީ ރަނގަޅުވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށާއި އެއީ އަލަކަށް ދައްކާ ވާހަކައެއް ނޫން ކަމަށެވެ. އަދި އެއީ ސިޔާސީ ވާދަވެރިކަމެއްގައި ވެސް ދައްކަވާ ވާހަކައެއް ނޫން ކަމަށް އެމަނިިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދުވެސް ވިދާޅުވަނީ މިހާރު އެއީ އެމަނިކުފާނަށް ވަރަށް ބާ ވާހަކައެއް ކަމަށެވެ.

ނަމަވެސް، ރާއްޖޭގެ ގާނޫނުއަސާސީ ބޮޑަށް ބުރަވަނީ ބަރުލަމާނީ ނިޒާމުގެ ވެރިކަމަކަށް ކަމަށް އެެމަނިކުފާނު ދެކަވަޑައިގަންވަ އެވެ. ވެރިކަމުގައި ލިބިލެއްވި ތަޖުރިބާގެ މައްޗަށް ބުރަވެ ވަޑައިގެން މަޖިލިސް ރައީސް ވިދާޅުވީ ފެހި ގާނޫނުއަސާސީގެ ދަށުން ރިޔާސީ ނިޒާމަކަށް ވެރިކަން ކުރައްވަން ލިބިވަޑައިގަތުމުން އެތައް ދައްޗަކާއި ތުރާ އެމަނިކުފާނުގެ ވެރިކަމުގައި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެވެ. އަދި ބަރުލަމާނީ ސިފަތައް ގިނަ ގާނޫނުއަސާސީއެއްގެ މައްޗަށް ރިޔާސީ ވެރިކަމެއް ކުރަން ޖެހުމުން ދިމާވާނޭ ހުރިހާ މައްސަލައެއް ދިމާވި ކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.

"މިގާނޫނު އަސާސީ ބިނާވެގެން އައީ ވަރަށް ބޮޑަށް ބަރުލަމާނީ ސިފައިގައި. އެންމެ ފަހު ވަަގުތު ވެރިކަމުގެ ނިޒާމު އޮންނަންވީ ގޮތާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުނީ. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން އެ ވޯޓް އޭރުގައި އެމްޑީޕީން އޭގެ ނަތީޖާ ބަލައެއް ނުގަނޭ. މި ގާނޫނު އަސާސީ ތަންފީޒުކުރަން ރިޔާސީ ނިޒާމެއްގައި އަަޅުގަނޑަށް ލިބުނީމާ ދިމާވި ހުރިހާ ދައްޗެއް ދިމާވީ،" ފެހި ގާނޫނުއަސާސީގެ ދަށުން ފުރަތަމަ ފަހަރަށް ވެރިކަން ކުރެއްވި، ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް ތިންބާރު ވަކިވެފައިވާ ނިޒާމުގައި، ވެރިކަން ހިންގާ ބާރުން އެކަމާއި މުތުލަގައް ދެކޮޅޭ ބުނުމަކުން މުޅިއަކުން ގޯހެއް ނުވާނެ އެވެ. އެކަން އެންމެ ފަހުން މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން އަޑު އެއްސެވި ފަރާތްތަކަށް ސާފުވާނެ އެވެ.

ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިސްނުންފުޅު އެކަމުގައި ތަފާތެވެ. ރައީސް ސޯލިހު ވިދާޅުވަނީ ވެރިކަމުގެ ނިޒާމުގެ ބަހުސަކީ ވަކި ގޮތަކަށް ރައްޔިތުން ބަސް ބުނެފައިވާ ކަމެކެވެ. އެއީ، ރިޔާސީ ނިޒާމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންވެ، ވެރިކަމުގައި ހުންނަވައިގެން އެކަމާ މެދު ވިސްނަން ވަގުތު ހޭދަކުރައްވަން ބޭނުންފުޅުނުވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ވިސްނުންފުޅަކީ ނިޒާމު ފުރޮޅާލަން ބޭނުން ނަމަ، އަނެއްކާ ވެސް ރައްޔިތުން ކައިރީ ހޭލަފާ އަހަން ޖެހޭނެ ކަމަށެވެ. އެހެން ނޫނީ އެކަން ކުރަން އެމަނިކުފާނުގެ ތާއީދެއް ނެތެވެ.

"ބަރުލަމާނީ، ރިޔާސީ ނިޒާމެއްގެ ކަންކަން އޮތީ މީގެ ކުރިން ނިމިފައި. ކުރިން އޮތީ ރައްޔިތުން ގޮތަކަށް ނިންމާފައި. އެއްވެސް ޒަމާނެއްގައި އެކަން ކުރަން ބޭނުން ނަމަ ދެން ވެސް ހަމަ ދާން ޖެހޭނީ ރައްޔިތުންގެ ކައިރިއަށް،" ރައީސް ވިދާޅުވި އެވެ.

ގާނޫނުއަސާސީގައި ނިޒާމުގެ ވާހަކައެއް ނެތް!

ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ އިތުރުން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ހިމަނައިގެން ތިން ބާރުގެ މައްޗަށް އެކުލެވޭ ނިޒާމަކަށް ރާއްޖޭގައި އަމަލު ކުރަމުން އައި ނަމަވެސް، ވަކި ނިޒާމެއް އޮންނަން ޖެހޭނެ ކަމަކަށް ގާނޫނު އަސާސީގައެއް ބުނެފައެއް ނުވެ އެވެ.

އެހެން ނަމަވެސް ގާނޫނުއަސާސީގެ ފުރަތަމަ ބާބުގެ ހަ ވަނަ މާއްދާގައި ބުނަނީ، އެ ގާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށެވެ. އަދި ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔަކީ ވެސް ރައިސުލްޖުމްހޫރިއްޔާ ކަމެވެ. މިއީ ރިޔާސީ ނިޒާމު ތަސައްވަރު ކުރާ ސިފައެކެވެ.

ރިޔާސީ ނިޒާމެއްގައި ދައުލަތުގެ އެންމެ އިސްވެރިޔާ ވެސް އަދި ވެރިކަން ހިންގުމުގެ ބާރުވެސް ލިބެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ރިޔާސީ ނިޒާމުގެ ސިފައަކީ ދެ ހައިސިއްޔަތު ރައީސްއަށް ލިބުމެވެ. އެހެންވެ، ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ރިޔާސީ ނިޒާމުގައި ގަދަ އެވެ. އަދި އެކަން އެހެންވަނީ އެ މަސްއޫލިއްޔަތަކީ ސީދާ ރައްޔިތުންގެ ވޯޓަކުން އޭނާއާ ހަވާލުކުރާ މަސްއޫލިއްޔަތަކަށް ވުމެވެ.

ނަމަވެސް ޕާލިމަންޓްރީ ނިޒާމު ނުވަތަ ބަރުލަމާނީ ނިޒާމުގެ ސިފައަކީ، ހެޑް އޮފް ސްޓޭޓް ނޫނީ ދައުލަތުގެ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. އޭގެ މާނައަކީ ރައީސްއަށް ހަމައެކަނި ލިބިވަޑައިގަންނަވަނީ މަގާމުތަކަށް މީހުން އައްޔަން ކުރުމުގެ ބާރު ފަދަ ރަމްޒީ ބާރުތަކެކެވެ. އަދި ވެެރިކަން ހިންގުމުގެ ބާރު ހަވާލުވަނީ ބޮޑުވަޒީރާ އެވެ. އަދި ބޮޑުވަޒީރު ހޮވަނީ އާންމު އިންތިހާބަކަށް ފަހު އެކުލަވާލާ، ގާނޫނު ހަދާ މަޖިލީހުގެ ތެރެއިންނެވެ. ވެރިކަން ހިންގުމުގެ ހުރިހާ ބާރެއް ލިބެނީ ބޮޑުވަޒީރަށެވެ. ކުރުކޮށް ބުނާ ނަމަ، ވެރިކަން ހިންގުމުގެ ބާރަކީ ޒާތަކަށް މަޖިލީހަށް އޮންނަ ބާރެކެވެ.

ޔޫރަޕާއި އޭޝިޔާގެ ބައެއް ގައުމުތަކުގައިވެސް އެ ނިޒާމު އޮވެ އެވެ.

ރާއްޖޭގެ ގާނޫނު އަސާސީގައި ވަކި ނިޒާމެއްގެ ވާހަކަ ނެތް ނަމަވެސް، ރާއްޖޭގައި އޮންނަން ފެންނަ ނިޒާމާއި ގުޅޭ ގޮތުން 2007 ވަނަ އަހަރުގެ އޮގަސްޓް 18 ވަނަ ދުވަހު ނެގި ވޯޓުން، ބަރުލަމާނީ ނިޒާމުގެ މައްޗަށް ރައްޔިތުން ރިޔާސީ ނިޒާމު އިސްކުރުމުން ގާނޫނު އަސާސީ ބައްޓަން ކޮށްފައިވަނީ ވެރިކަން ކުރުމުގެ ބާރު ތަރުތީބު ކުރުމުގަިއ ރިޔާސީ ނިޒާމުގެ ސިފަތައް އަސާސެއްގެ ގޮތުގައި ބަލައިގެންނެވެ.

އެކަމަކު މައްސަލައަކަށް ދިމާވީ، މަޖިލީހުގެ ބާރުތައް ލިޔުނު އިރު ރިޔާސީ ނިޒާމެއްގައި ރައީސްއަށް ލިބޭ ބާރުތައް ހަނިކުރުމުންނެވެ. ބަރުލަމާނީ ސިފަތައް ގިނަވި ސަބަބަކީ އެއީ އެވެ.

ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި އޭރުގެ ބަންޑާރަނައިބުގެ ހަސިއްޔަތުން އިންނެވި ޑރ. ހަސަން ސައީދު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އެކުލަވާލިއިރު ރައީސްގެ ބާރުތައް ހަނިކޮށް، ގިނަ ބާރުތަކެއް މަޖިލީހަށް ނެގީ އޭރުގެ ހާލަތު އޮތް ގޮތުން އިދިކޮޅުން އެގޮތަށް ލޮބީކޮށްގެންނެވެ. ސަބަބަކަށްވީ، ރައީސް މައުމޫން 30 އަހަރުގެ ވެރިކަން ދިގު ދެމިގެން ދިޔުމުގެ ބިރު އޮތުމާ އެކު އެމަނިކުފާނު ދެން ވެރިކަމަށް ވަޑައިގެން ނަމަވެސް، ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ނުދިނުމަކީ އޭރު އިދިކޮޅުގައި ތިއްބެވި ބޭފުޅުން ބޭނުންވި ގޮތް ކަމަށް ހަސަން ވިދާޅުވި އެވެ.

"އެބޭފުޅުން [އިދިކޮޅުން] ބެލީ ވެރިކަމަށް ނާދެވުނު ނަމަވެސް އެބޭފުޅުންނަށް މަޖިލީހަށް ރަނގަޅު އަދަދެއްގެ ގޮޑި ކާމިޔާބު ކުރެވިދާނޭ. އެގޮތަށް ބަލާފައި މަޖިލީހުގެ ހައިބަތު އެބޭފުޅުން ގާނޫނުއަސާސީގެ ތެރޭގައި ބޮޑުކުރެއްވީ. ރައީސުލްޖުމްހޫރިއްޔާއަށް ވުރެ އިނާޔަތް ބާރު މިހުރިހާ ކަމެއްވެސް އޭގެ ޒާތުގައި މަޖިލީހަށް އެބޭފުޅުން ބޮޑުކުރެއްވީ،" ބަރުލަމާނީ ސިފަތައް ރާއްޖޭގައި ގިނަވެގެން އައި ސަބަބު ހަސަން ވިދާޅުވެ ދެއްވި އެވެ.

އޭގެ ސަބަބުން، ކޮންފްލިކްޓްތަކެއް ނޫނީ އަރައިރުންތަކެއް ބާރުތަކުގެ މެދުގައި އުފެދެ އެވެ.

މިހާރު އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އަދި އޭރު ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ގާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމިޓީގައި ހިމެނިވަޑައިގެންނެވި އެ މަޖިލީހުގެ ސ. އަތޮޅު މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނު އަސާސީގައި ރިޔާސީ ނިޒާމެއްގައި އޮންނަ ބާރުތައް ރައީސްގެ އަތުން ނިގުޅައިގެންފައި ވުމުން އުފެދޭ ހާޖާނުތައް ހައްލުކުރަން ކުރެވޭނޭ ކަމަކީ، ބައެއް ބާރުތައް ރައީސްގެ އަތް މައްޗަށް އަލުން ދިނުމެވެ.

އެގޮތުން އޭނާ ފާހަގަ ކުރެއްވީ، މަޖިލީހުން ހަދާ ބައެއް ގާނޫނުތައް ރައީސްއަށް ވީޓޯ ކުރުމުގެ ބާރު ދިނުމަށެވެ. އަދި ރައީސް ވީޓޯ ކުރައްވާ ގާނޫނެއް، އަމަލު ކުރަން ލާޒިމް ކުރާ ނަމަ މަޖިލީހުގެ ވަރަށް ބޮޑު އަގުލަބިއްޔަތަކުން އެ ބިލެއް ފާސްކުރަން ޖެހޭ ނަމަ ކަމަށް ހިމެނުމަށެވެ. މީގެ އިތުރުން، މިނިސްޓަރުން ވަކިކުރުމަށް މަޖިލީހަށް އޮންނަ ބާރު ފަސޭހަކޮށް އޮންނަ އޮތުން ހަނިކުރުމަށް އޭނާ ތާއީދު ކުރައްވަ އެވެ.

"އެގޮތަށް ގާނޫނުއަސާސީ ބައްޓަން ކުރެވުނީމާ އެ ތަޖުރިބާއަށް ބަލާފައި އަޅުގަނޑަށް މިހާރު ގަބޫލު ކުރެވޭ ވެރިކަން ހިންގާ މީހެއްގެ ބާރުތައް ރިޔާސީ ނިޒާމެއްގައި އޮންނަ ވަރަށް ވުރެ މާ ބޮޑަށް ހަނިކުރެވިފައި އޮތް ކަމަށް. އޭގެ ސަބަބުން ގާނޫނުގެ ވެރިކަމެއް އަމާން އޮމާންކޮށް ހިންގަން އެބަ މައްސަލަތައް ދިމާވޭ،" މަވޯޓާ ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ވެރިކަން ކުރަން ހުންނަ މީހަކަށް ޖެއްސުން ކުރަން ގަސްތުގައި މަޖިލީހުން ކަންތައްތަކެއް ކުރާތަން. އެ ތަޖުރިބާ އަޅުގަނޑުމެންނަށް ކުރެވިއްޖެ. އެހެންވީމާ، އެއީ އަޅުގަނޑުމެން ފުރުސަތު ދޭންވާނެ ކަމެއް ނޫން،"

ނިޒާމު ބަދަލު ކުރަން ގާނޫނުއަސާސީއާ ކުޅެން ޖެހޭ!

ވެރިކަން ކުރާ ނިޒާމު ބަދަލު ކޮށްފި ނަމަ މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީއަށް ބޮޑެތި އިސްލާހުތައް ގެނައިސް ބައެއް ބާބުތައް އެއްކޮށް އުނިކޮށް މުޅިން އާބާބު ތަކެއް ހިމަނަން ޖެހޭ ކަމާއި މެދު ގާނޫނީ މާހިރުން ދެބަހެއް ނުވެއެވެ.

"ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަންޏާ މިހާރު އޮތް ގާނޫނު އަސާސީއާ އެކު ކުރިއަކަށް ނުދެވޭނެ. ގާނޫނުއަސާސީއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސް ހަމަ އަލުން އެހެން ގޮތަކަށް ގާނޫނު އަސާސީ އެކުލަވާލަން ޖެހޭނީ،" ތަޖުރިބާކާރު ގާނޫނީ ވަކީލަކު ވިދާޅުވި އެވެ. ހާއްސަކޮށް ވެރިކަން ހިންގުމުގެ ބާރުތައް ބަޔާން ކުރާ ބާބު އެކީ ބަދަލުކުރަން ޖެހޭނެ އެވެ.

ވެރިކަން ކުރާ ނިޒާމު ކަނޑަ އަޅާފައިވަނީ މީގެ 13 އަހަރު ކުރިން ސީދާ ދިވަހި ރައްޔިތުންގެ އަގުލަބިއްޔަތުންނެވެ. އެހެން ކަމުން އެ ނިޒާމު ބަދަލުކުރުމުގެ ފުރިހަމަ ބާރު ދެންވެސް އޮތީ ރައްޔިތުންގެ އަތް މަތީގައި ކަމަށް ގާނޫނީ މާހިރުން ބުނެ އެވެ.

"ގާނޫނު އަސާސީއަކީ ކުޑަ ކުޑަ ދުވަސްކޮޅަކަށް ލިޔާ އެއްޗެއް ނޫން. އެއީ އެކި ޒަމާންތަކަށް ދެމިގެން ކުރިއަށް ދާން ތައްޔާރު ކުރާ އެއްޗެއް. މިސާލަކަށް އެމެރިކާގެ ގާނޫނު އަސާސީއަށް 200އަށް ވުރެން ގިނަ އަހަރުވެގެން ދިޔައީ. އެކަމު ބޮޑެތި އިންގިލާބީ ބަދަލުތައް އައި އިރުވެސް ގާނޫނު އަސާސީ ކޮންމެހެން ބަދަލު ކުރާކަށް ނުޖެހޭ،" އިބުރާ ވިދާޅުވި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުމްހޫރިއްޔަތެއް އިއުލާން ކުރީ 01 ޖެނުއަރީ 1953މ. ގައެވެ. ޖުމްހޫރިއްޔަތެއް އުފެދެން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ، އޭރު ރައްޔިތުންގެ ރުހުމާއި ލޯބި ލިބިފައި ހުރި، އަދި 1951 އޮކްޓޯބަރު 20 ވަނަ ދުވަހު ރަސްގެފާނުގެ ގާއިމް މަގާމެއްގެ ގޮތުން ވަލިއްޔުލް އަމްރުގެ ގޮތުގައި ހުރި މުހައްމަދު އަމީން ރަސްކަން ގަބޫލު ނުކުރެއްވުމެވެ.

ބަރުލަމާނީ ސިފަތައް ދޫކޮށް ފުރަތަމަ ފަހަރަށް ރިޔާސީ ނިޒާމަކަށް ބަދަލު ކުރުމަށް 1952 ވަނަ އަހަރުގެ އެޕްރީލް 16 ވަނަ ދުވަހު އޭރުގެ ހާއްސަ މަޖުލީހުގައި މަޝްވަރާ ކުރެވުނެވެ. މަޖުލީހަށް ފެނުނީ އެކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށެވެ. މިގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުން އޮތީ އެޕްރިލް 17 އަދި 18 މި ދެދުވަހު އެވެ.

މި ވޯޓުން ފާސްވީ ރާއްޖޭގައި ޖުމްހޫރިއްޔަތެއް އޮންނަން ފެންނަކަމަށެވެ. ރައީސަކަށް ހޮވުނީ މުހައްމަދު އަމީނެވެ. ނާއިބު ރައީސަކަށް ހޮވުނީ ވެލާނާގޭ މުހައްމަދު އިބްރާހީމް ދީދީ އެވެ. މިނެގުނު ވޯޓުގެ ނަތީޖާއާ ގުޅިގެން ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއްގެ ބިންގާ އެޅުނެވެ.

ތާރީހަށް ބަލާއިރުވެސް ދިވެހިން ދެ ފަހަރުވެސް ސާފު ބަހުން ތާއީދުކުރީ ރިޔާސީ ނިޒާމަށެވެ. ބަރުލަމާނީ ނިޒާމަކަށް ދިވެހިން ރުހުން ދީފައެއް ނުވެ އެވެ. އެކަމަކު އެ ބަހުސް ނުނިމިގެން މި އުޅެނީ ގާނޫނުއަސާސީ ބައްޓަންވެފައިވާ ގޮތުންނެވެ. އެ ގާނޫނުއަސާސީގައި ބަރުލަމާނީ ގިނަވެ، ހަމަޖެހުން ހޯދަން އުނދަގޫވެގެންނެވެ. އެކަމަކު އެއީ ރައްޔިތުން ރަސައްވަރު ކުރިގޮތެއް ނޫނެވެ. ރައްޔިތުން ރުހުން ދިނީ ތާއީދުކުރީ ދެފަހަރުވެސް ރިޔާސީ ނިޒާމަށެވެ. އެހެންވީމާ، އެ ބަހުސް ފޫހިކަމަކަށް ހަދާ ދެން ނިންމާކަށް ނުވޭ ހެއްޔެވެ؟

comment ކޮމެންޓް