ޗައިނާގެ މީހަކު ޖަލަށްލާފައި ހުންނަތާ 27 އަހަރު ފަހުން ކުށް ނުކުރާކަން ސާބިތުވެއްޖެ

ޖަންގް ޔޫހުއަން 27 އަހަރު ފަހުން ޖަލުން ދޫކޮށްލި ފަހުން އޭނާގެ އާއިލާ އާ އެކު -- ފޮޓޯ: ވެއިބޯ

ބެއިޖިން (އޮގަސްޓު 7): ޗައިނާގެ މީހަކު މަރުގެ ދައުވާއެއްގައި ޖަލަށްލާފައި ހުންނަތާ 27 އަހަރު ފަހުން އޭނާ ކުށް ނުކުރާ ކަމަށް ސާބިތުވެއްޖެ އެވެ.

ޗައިނާގެ ޖިއަންޝީ ޕްރޮވިންސުގެ ނަންޗަންގް ސިޓީއަށް ނިސްބަތްވާ ޖަންގް ޔޫހުއަން، 1993ގައި ހައްޔަރު ކުރީ އޭނާގެ އަވަށްޓެރި ދެ ކުޑަ ކުއްޖަކު މަރާލި ކަމުގެ ތުހުމަތުގަ އެވެ. އަދި އޭގެ ދެ އަހަރު ފަހުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ބުނެ އޭނާ މަރަން ހުކުމް ކުރި ނަމަވެސް ފަހުން އެ ހުކުމް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފަ އެވެ.

ޖަންގް ހައްޔަރު ކުރި އިރުން ފެށިގެން އޭނާ ގެންދިޔައީ އޭނާ ކުށެއް ނުކުރާ ކަމަށް ބުނަމުންނެވެ. އަދި ފުލުހުން އޭނާއާ ސުވާލު ކުރި އިރު އޭނާއަށް އަނިޔާކޮށް، މަޖުބޫރުން އިއުތިރާފު ކުރުވި ކަމަށް ބުނަމުންނެވެ.

އެ މައްސަލަ އިސްތިއުނާފު ކުރަން ޖަންގް އާއި އޭނާގެ އާއިލާއިން މަސައްކަތް ކުރި ނަމަވެސް ފާއިތުވި އަހަރުތަކުގައި އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ. ނަަމަވެސް އެންމެ ފަހުން މިދިޔަ އަހަރުގެ މާޗް މަހު ޖިއަންޝީގެ ސުޕްރީމް ޕީޕަލްސް ކޯޓުން އެ މައްސަލަ ބަލަން ނިންމި އެވެ. އަދި އެ މައްސަލަ ބެލުމަށް ފަހު މިދިޔަ އަންގާރަ ދުވަހު އެ ކޯޓުން ނެރުނު ބަޔާނެއްގައިވާ ގޮތުން ޖަންގްގެ މައްޗަށް ކުށް ސާބިތުކޮށްދޭ އެއްވެސް ސީދާ ހެއްކެއް ފެނިފައި ނުވެ އެވެ. އެހެންކަމުން ކޯޓުން ވަނީ ޖަންގްގެ ކުށެއް ނެތް ކަމަށް ނިންމައިފަ އެވެ.

އޭގެ ފަހުން ޖަންގް ވަނީ ޖަލުން ދޫކޮށްލައިފަ އެވެ. އަދި މިހާރު 53 އަހަރުވެފައިވާ ޖަންގް، އޭނާގެ 83 އަހަރުގެ މަންމަ އާއި ކުރީގެ އަންހެނުންނާ ބައްދަލުވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.

ޖަންގްގެ ވަކީލު ވިދާޅުވި ގޮތުގައި އޭނާ ޖަލުގައި ހޭދަ ކުރި 9،778 ދުވަހަށް ބަދަލެއްގެ ގޮތުން ސަރުކާރުން ހަތް މިލިއަން ޔުއާން (އެއް މިލިއަން ޑޮލަރު) ދިނުމަށް އޭނާ އެދޭނެ އެވެ.

"އަހަރެން [ޖަލަށް] ގެންދިޔައީ ޒުވާނެއްގެ ގޮތުގައި އަދި ފޮނުވާލީ މުސްކުޅިއެއްގެ ގޮތުގައި، ނަމަވެސް އަހަރެންގެ ކުށެއް ނެތްކަން ހާމަކޮށްދިނުމުން ސަރުކާރަށް ޝުުކުރު އަދާ ކުރަން،" ޖަންގް ބުންޏެވެ.

ޖަންގް ޖަލަށްލި އިރު އޭނާގެ އަންބަކާއި ދެ ކުޑަކުދިން ތިއްބެވެ. ނަމަވެސް އޭނާ ނެތުމުން އެ އާއިލާއަށް މާލީ ދަތިތަކާ ކުރިމަތިވެ، އޭގެ ހަ އަހަރު ފަހުން ޖަންގްގެ އަންހެނުން ވަރިވުމަށް ފަހު އެހެން މީހަކާ ކައިވެނި ކުރި އެވެ. އަދި ޖަންގް މިހާރު މިނިވަން ކުރި އިރު އޭނާގެ ދަރިން ބޮޑުވެ، ކާފަ ދަރިން ވެސް ވަނީ ލިބިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް