ލަންކާގެ ޕާލިމެންޓަރީ އިންތިހާބުން ރާޖަޕަކްސަގެ ދެބެއިންނަށް ކާމިޔާބީ

ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ އާއި ބޭބޭފުޅު އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ -- ފޮޓޯ: އޭޕީ

ކޮލަމްބޯ (އޮގަސްޓު 6): ސްރީލަންކާގެ ޕާލިމެންޓު އިންތިހާބުގެ ވަގުތީ ނަތީޖާއިން ރައީސް ގޯޓާބަޔަ އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ޕާޓީން ކުރި ހޯދައިފި އެވެ.

ލަންކާގައި އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓު ލާން 16.2 މިލިއަން މީހުން ރެޖިސްޓާ ކުރި އިރު އޭގެ ތެރެއިން 71 ޕަސެންޓު މީހުން ވޯޓުގައި ބައިވެރިވި އެވެ. އަދި އޭގެ ތެރެއިން ހަ މިލިއަން ވޯޓު މިހާރު ގުނާފައިވާ އިރު 98 ގޮނޑިއެއްގެ ނަތީޖާ ވަނީ އެގިފަ އެވެ. އޭގެ ތެރެއިން 72 ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ރާޖަޕަކްސަގެ ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ)އިންނެވެ. އަދި މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގޯޓާބަޔައާ ވާދަ ކުރެއްވި ސަޖިތު ޕްރޭމަދާސަގެ ޔުނައިޓެޑް ޕީޕަލްސް ފްރޮންޓް (އެސްޖޭބީ) އެލަޔަންސަށް ލިބިފައި ވަނީ 23 ގޮނޑި އެވެ.

މީގެ އިތުރުން ލަންކާގެ ޓަމިލް ދަރިކޮޅުގެ ރައްޔިތުން ތަމްސީލުކޮށްދޭ އައިޓީއޭކޭއިން ވަނީ މިހާތަނަށް ތިން ގޮނޑި ހޯދާފަ އެވެ.

އެ އިންތިހާބުގައި ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)އިން ވާދަ ކުރާނީ އެސްޖޭބީއާ އެއްކޮށް ކަމަށް މީގެ ކުރިން ނިންމާފައި އޮތް ނަމަވެސް، އެންމެ ފަހު ވަގުތު އެ ޕާޓީން ވަނީ އެސްޖޭބީން ވަކިވެފަ އެވެ. އަދި މިހާތަނަށް ގުނާފައިވާ ވޯޓުން ޔޫއެންޕީއަށް އެންމެ ގޮނޑިއެއްވެސް ލިބިފައި ނުވެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ކަމަށާއި ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ރާޖަަޕަކްސަގެ ދެބެއިންގެ އަމާޒަކީ ލަންކާގެ ގާނޫނު އަސާސީއަށް ބަދަލުތައް ގެނެވޭނެ ވަރަށް، ވެރިކަން ކުރާ ޕާޓީން ޕާލިމެންޓުގެ ގޮނޑިތައް ކާމިޔާބު ކުރުމެވެ. އެގައުމުގެ 225 މެމްބަރުން ތިއްބަވާ ޕާލިމެންޓުން އަގުލަބިއްޔަތު ލިބޭނީ 150އަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީއަކަށެވެ.

އެސްއެލްޕީޕީން ވެރިކަމަށް އިސްވެފައި ވަނީ އެގައުމުގެ ރައީސްގެ ބާރުތައް ކުޑަކުރަން 2015 ވަނަ އަހަރު، ކުރީގެ ރައީސް މައިތިރިޕާލަ ސިރިސޭނާގެ ސަރުކާރުގައި ފާސްކުރި ގާނޫނީ އިސްލާހަށް ބަދަލު ގެންނާނެ ކަމުގެ ރިޔަސީ ވައުދާ އެކުގަ އެވެ. އެ އިސްލާހުގެ ދަށުން ރައީސްގެ ބައެއް ބާރުތައް ވަނީ ބޮޑުވަޒީރާއި އެހެނިހެން އިދާރާތަކާ ހަވާލުކޮށްފަ އެވެ.

އިއްޔެގެ އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް އެންމެ ފުރަތަމަ ތާވަލު ކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހަށެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު ލަންކާ ދެ ފަހަރެއްގެ މަތިން ފުރަބަންދު ކުރަން ޖެހުމާ އެކު ދެ ފަހަރެއްގެ މަތިން އިންތިހާބު ފަސް ކުރަން ޖެހުނެވެ. އަދި އެ އިންތިހާބު ބޭއްވީ ކޮރޯނާވައިރަސް ފެތުރިދާނެތީ ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގަ އެވެ. އަދި އެ ފިޔަވަޅުތައް ޓެސްޓު ކުރުމަށް އެގައުމުން މީގެ ކުރިން ބައެއް ސަރަހައްދުތަކުގައި 'މޮކް އިންތިހާބެއް' ބޭއްވި އެވެ.

comment ކޮމެންޓް