ހަފްތާ ބަންދުގައި ގޭގައި ތިބެގެން މިކަންކަން ޓްރައިކޮށްލަބަލަ!

ގޭތެރެ ސާފުކޮށް ތަރުތީބުކުރުން-- ފޮޓޯ: ޕެކްސެލް/ކޮޓަންބްރޯ

ގޭގައި ހަމަޖެހިލައިގެން ތިބުން ވެފައި މިއޮތީ އަހަރެމެންނަށް ވަރަށް އުނދަގޫ ކަމަކަށެވެ. ކުރީންނަމަ ހަފްތާގެ 5 ދުވަހު ވަޒީފާގައި އަވަދިނެތި އުޅެމުން ޝަކުވާއަކަށް ވެފައި އޮންނަނީ ގޭގައި އޮށޯވެލާނޭ ވަގުތެއް ނުލިބި ގެނެވެ. ނަމަވެސް މިއަދު އެ ފުރުސަތު ލިބުމުން އޭގެ ބޭނުން ހިފަން އެނގެނީ ކިތައް މީހުންނަށްތޯ ހަމަ ރަނގަޅަށްވެސް ސުވާލު އުފެދެ އެވެ.

މި ދުވަސްވަރަކީ އަހަރެމެންގެ ދިރިއުޅުމުގައި މީގެކުރިން އެއްވެސް ވަރަކަށް ތަޖުރިބާ ކުރެވިފައިނުވާ، ތަފާތު ދުވަސްވަރެކެވެ. އަތުން ކުރާ ހޭދަ ސަލާމަތްކޮށް ވީހާވެސް "މިނިމަލް" ލައިފްސްޓައިލްއަކަށް ދިރިއުޅުން ބަދަލުކޮށްލަން ޖެހޭ ވަގުތު ކޮޅެކެވެ. ގޭތެރޭގައި މުޅި އާއިލާ އެއްކޮށް މިހޭދަ ކުރާ ވަގުތުތަކަކީ ވީހާވެސް ހިތްހަމަޖެހުމާއި އެކު ހޭދަކުރާ ވަގުތުތަކަކަށް ހަދަން އެބަޖެހެއެވެ. ނަމަވެސް މިކަން ކުރާނީ ކިހިނެއް ހެއްޔެވެ؟

ބުނެދޭން މިއުޅެނީ ކޮންމެހެން މާ މޮޅު އެއްޗެހިތަކެއް ކައްކާ، ސަކަރާތްޖަހާށޭ އެއް ނޫނެވެ. ގޭތެރެ ސާފުކޮށް ބޭނުން ނުވާ ތަކެތި ވަކިކޮށް ބޭރުކުރަން އުޅޭ ވާހަކައެވެ.

ނަފްސާނީ ދުޅަހެޔޮކަމަށްވެސް މިއީ މުހިންމު ކަމެއް!

ގޭތެރެ ސާފުކޮށް ތަރުތީބު ކުރުމޭ ބުނުމުން ފަހަރެއްގައި މި ލިޔުން ކިޔުން ހުއްޓާލާފައި 'ބެކަށް' ފިއްތާލާނެ މީހުން ގިނަވެދާނެ އެވެ. އެކަމަކު މިއީ އަދި ގޭތެރޭގެ ރީތިކަމާއި ތަރުތީބުކަމަށްވުރެ މާ ފުން، މުހިންމު ކަމެކެވެ.

އިނގިރޭސި ބަހުން 'ކްލަޓާ' އޭ މިބުނެވެނީ ބައިވަރު ތަކެތި ފުނިޖެހި އެއްވެސް ހަމައެއް ލަމައެއް ނެތި އުކާލެވިފައި ހުރުމަށެވެ. ބަދިގެތެރޭގައި ތަށި ސަމްސާ އުކާލެވިފައި ހުރުމާއި، މޭޒުމައްޗަށް ފުނިޖެހިފައިވާ ލެޕްޓޮޕާއި ކަރުދާހާއި ޗާޖަރުތަކުގެ އިތުރުން އަލަމާރީގައި ބަހައްޓާފައި ހުރި ހެދުން ފުންޏަށް ދަންދެން މިއީ ހުސް މިފަދަ 'ކްލަޓާ' ތަކެެވެ.

ނަފްސާނީ އިލްމުވެރިން ބުނާގޮތުގައި 'ޑި ކްލަޓާ' ކުރުން ނުވަތަ ގޭތެރޭގައި ވީހާވެސް މަދު ތަކެތި ބޭނުންކުރުމަކީ އެތަނެއްގައި ދިރިއުޅޭ ބައެއްގެ ސްޓްރެސް އާއި އެންޒައިޓީ އިން ދުރު ކޮށްދޭނެ ކަމެކެވެ.

'ސައިކޮލޮޖީ ޓުޑޭ' ގައި ޑރ.ސޫޒަން ކްރޯސް ވިދާޅުވެފައިވަނީ އަހަރެމެން މި ދިރިއުޅޭ ފަދަ ކުޑަ ގެތަކުގައި މާ ބައިވަރު ތަކެތި ފުނިޖައްސާފައި ބެހެއްޓުމުން އެ ގޭތެރޭގެ މާހައުލު ބަދަލުވަނީ ރަހުމަތްތެރިކަމަށްވުރެ ބޮޑަށް ނަފްރަތުގެ މާހައުލަކަށް ކަމުގައެވެ. އެހެންކަމުން ދުވާލު ހަތަރުދަމު ތާށިވެފައި މިތިބެންޖެހޭ ގެއަކީ ތިމާ ނަފްރަތުކުރާ ތަނަކަށްވެއްޖެނަމަ އެތަނެއްގައި އެމީހަކު ދިރިއުޅޭނެގޮތް ވިސްނުމަށް ގެނެސްލަމާ ހެއްޔެވެ.

ގޭތެރެ ސާފުކޮށް ތަރުތީބުކުރުން-- ފޮޓޯ:ޕެކްސެލް/ކޮޓަންބްރޯ

ފުނިޖެހިފައި އޮންނަ ގެއެއްގައި ކެވޭނީވެސް ގޯސްކޮށް!

އެމެރިކާގެ ކޯނެލް ޔުނިވާސިޓީގައި 2017 ވަނަ އަހަރު މިކަމާއި ގުޅޭގޮތުން ހެދި ދިރާސާއެއްގައި ކުދިންތަކެއްވަނީ ފުނިޖެހިފައިވާ ބަދިގެއަކާއި އަދި ތަރުތީބުކޮށް ރީތިކޮށް ހުރި ބަދިގެއެއްގައި ބައިތިއްބާފައެވެ. ނަތީޖާދެއްކިގޮތުން ފުނިޖެހިފައި ހުރި ބަދިގޭގައި ތިބި ކުދިންވަނީ އަނެއް ބަދިގޭގައި ތިބި ކުދިންނަށްވުރެ ދެގުނަ އިތުރަށް ކުކީސް ކައިފައެވެ.

އެހެންކަމުން މި ދިރާސާއިން ދޭހަވި އެއްކަމަކީ ފުނިޖެހިފައިވާ މާހައުލެއްގައި ފޮނި އެއްޗެހި ކާހިތްވާލެއް ބޮޑުކަމެވެ. އެއީ އެ މާހައުލުގެ ހަލަބޮލި ކަމުންނާއި މިހާގެ ސިކުނޑި ކޮންޓްރޯލްކުރަން އެވާ އުދަގުލުން ކަމަށްވެސް ދިރާސާގައި ބުނެފައިވެއެވެ.

ތަރުތީބުކޮށްލާ، މަސައްކަތްކުރަންވެސް އިތުރު ހިތްވަރެއް!

މީގެކުރިން އޮފީސް މަސައްކަތަށްފަހު ހަފްތާ ބަންދުގައި ގޭތެރެ ހިރަފުސް ފޮޅާ، އެއްޗެހި ދޮވެ އިސްތިރިކޮށްލުމުން އެ ލިބޭ ހިތްހަމަޖެހޭ ހިތަށް ގެނެވޭ ނޫންހެއްޔެވެ. މިއަދުވެސް ކުރަންވީ އެ ކަމެވެ. އަބަދު ގޭގައި ތިބުމަކީ ގޭތެރެއަށް އެއްޗެހި އުކާލާފައި، ދޮންނަ ވަށިގަނޑު ފުރި ބާރުވެފައި ހުންނަންޖެހޭ ސަބަބެއް ނޫންތާއެވެ. ހުރިހާ ކަމެއް ފަހުން ކުރަން ބެހެއްޓުމަށްވުރެ، ގޭގައި ހުރެގެން ތި ނިންމަންޖެހޭ އޮފީސް މަސައްކަތްތަކާއި ދަރިންގެ ކަންކަން ކުރުމަށްވެސް އިތުރު ހިތްވަރެއް ހޯދުމަށް ގޭތެރެ ފޮޅާ ސާފުކޮށް ކޮންމެ އެއްޗެއްވެސް އެ ބަހައްޓަންޖެހޭ ތަނުގައި ބަހައްޓާލަ ބަލާށެވެ.

ގޭތެރެ ސާފުކޮށް ތަރުތީބުކުރުން-- ފޮޓޯ:ޕެކްސެލް/ކޮޓަންބްރޯ

ބޭނުން ނުވާއެއްޗެހި އިތުރަށް ފޮރުވާނެ ކަމެއް ނެތް!

ބޭނުންނުވާ ބޭކާރު ޚިޔާލުތަކާއި، ވިސްނުންވެސް އިތުރަށް ސިކުޑިތެރޭގައި ރައްކާކުރުމަށްވުރެ ބޭރުކޮށްލުމުން ވަރަށް ބޮޑު ލުޔެއް އިހްސާސް ކުރެވެ އެވެ. ލޮލަށް ނުފެންނަ އެއްޗެހި ބޭރުކޮށްލުމުން އެފަދަ ބޮޑު ލުޔެއް އިހުސާސްވާއިރު، ލޮލަށްް ފެންނަ އެކި ސައިޒުތަކުގެ ތެލި ތަށްޓާއި، ފައިވާނާއި އަންނައުނުވެސް ހަމައެހެން ބޭރުކޮށްލުމުގައި އެއްވެސް މައްސަލައެއް އެބައޮތް ހެއްޔެވެ؟

މިތަނުގައި ބޭރުކޮށްލާށޭ ބުނުމުގެ މާނައަކީ އުކާލުމެއް ނޫނެވެ. އުކާލުމުގެ ބަދަލުގައި އޭގެ ބޭނުންޖެހިފައިވާ އެހެން މީހަކަށް ދިނުން، ނުވަތަ ހެޔޮ އަގެއްގައި އެހެން މީހަކަށް ވިއްކާލުން ނުވަތަ ރީސައިކަލް ވެސް ކުރެވިދާނެ އެވެ. އުކާލަންވީ އެއްޗެއް ނޭގޭނަމަ އަވަހަށް މޭރީ ކޮންޑޯގެ އެހީތެރިކަން ހޯދާށެވެ.

މި ނޫނަސް، ގޭތެރޭގައި ފުނިޖައްސާފައި ތިބަހައްޓާ ތަކެއްޗަކީ ހިރަފުހަށްވެސް ދެވޭ އިތުރު ދައުވަތެކެވެ. އެހެންކަމުން ތިމާގެ ޖިސްމާނީ ދުޅާހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަމަށާއި އާއިލީ ގުޅުންތަކަށް ޓަކައިވެސް މި ހަފްތާ ބަންދުގައި ގޭގައި ތިބެގެން ގޭތެރެ ފޮޅާ ސާފުކޮށް ކޮންމެހެން ބޭނުންވާ އެއްޗެހި އެ ހުންނަންޖެހޭ ތަނުގައި ބަހައްޓާ އިތުރުވާ ތަކެއްޗަށް އެހެން ކޮންމެވެސް ގޮތެއް ހޯދާލާށެވެ.

comment ކޮމެންޓް