ދެވަނަ ލޮކްޑައުންއަކަށް ނުގޮސް ކުރަންވީ ކަމަކީ، އުސޫލުތައް ހަރުދަނާކޮށް ތަންފީޒުކުރުން: ޝަރީފު

މަވޯޓާ ޝަރީފު: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެވަނަ ލޮކްޑައުންއަކަށް ނުގޮސް ކުރަންވީ ކަމަކީ، އުސޫލުތައް ހަރުދަނާކޮށް، އެކަންކަން ތަންފީޒުކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

ކޮވިޑް ކޭސްތައް އިތުރުވަމުންދާތީވެ، ދެވަނަ ލޮކްޑައުންކަށް ދިޔުމަށް ބައެއް މީހުން ދަނީ ގޮވާލަމުންނެވެ.

އެކަމާ ގުޅިގެން މަވޯޓާ ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުރަތަމަ ލޮކްޑައުންކަށް ދިޔައީ، ބަލި ފެތުރުން ކޮންޓްރްކޮށް، ސާޖެއް އައުމުގެ ކުރިން ސިއްހީ ނިޒާމް އެކަމަށް ތައްޔާރުވުމަށްޓަކައި ކަމަށެވެ. އެގޮތުން، އެ މުއްދަތުގެ ތެރޭގައި އައިސޮލޭޝަން ފެސިލިޓީތައް ގައިމުކޮށް، އައިސީޔޫ ބެޑްތައް އިތުރުކޮށް، ސިއްހީ ވަސީލަތްތަކާއި ޓެސްޓިން ކެޕޭސިޓީވެސް އިތުރުކޮށްފައިވާ ކަމަށެވެ.

މަވޯޓާ ޝަރީފު ވިދާޅުވީ، ލޮކްޑައުންއަކަށް ދިޔުމަށް ތާއީދު ނުކުރައްވާ ކަމަށެވެ. އޭގެ ބަދަލުގައި މިހާރު އެޅިފައިވާ ފިޔަވަޅުތައް ހަރުކަށި ކަމާއެކު ތަންފީޒު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މާސްކު އެޅުމަށާއި ގައިދުކަމާއި ހޭންޑް ސެނިޓައިޒް ކުރުމަށް އިދާރާތަކުން ވަރަށް ބޮޑަށް ބާރު އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންކަމުން، ކޭސްތައް އިތުރުވިނަމަވެސް ދެވަނަ ލޮކްޑައުންއަކަށް ދާން ޖެހޭ މަގްބޫލު ސަބަބެއް ނެތް. ދެވަނަ ލޮކްޑައުން ނުވަތަ ކާފިއުއެއް ހިންގުމުގެ ބަދަލުގައި، ކުރަންވީ ކަމަކީ، ފެސިލީތައް އިތުރަށް ވަރުގަދަކޮށް މިހާރު ހެދިފައިވާ އުސޫލުތައް ހަރުދާނާކޮށް ތަންފީޒުކުރުން،" ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު މަވޯޓާ ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވައިރަހަށް ފަރުވާއެއް ނުހޯދެނީސް ބަލި ދެމި އޮންނާނެ ކަމަށެވެ. އަދި އަވަސް މުސްތަގުބަލެއްގައި ވައިރަހަށް ވެކްސިންއެއް ނުހޯދޭނެ ކަން އެނގޭއިރު، އަހަރުމެންނަށް ކުރެވެން އޮތް ކަމަކީ އެންމެން ގުޅިގެން ބަލިން ރައްކާތެރިވުމަށްޓަކައި ފިޔަވަޅުތައް އެޅުން ކަމަށެވެ.

ރާއްޖޭގައި މިހާރު 4،500 އަށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު، ދުވާލަކަށް ފެންނަމުންދާ ކޭސްތައް އުޅޭނީ 100 އިން މަތީގައެވެ. ސަރުކާރުން ވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މާސްކު އެޅުމަށް މަޖުބޫރުކޮށްފައެވެ. އޭގެ އިތުރުންވެސް އިތުރު ފިވަޅުތަކެއް މިހާރު ވަނީ އަޅާފައެވެ. އެގޮތުން ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ކާފިއު ހިންގަމުން އަންއިރު، ވިޔާފާރިތައްވެސް މިހާރު ރޭގަނޑު 9:30 އިން ފެެށިގެން ބަންދުކުރަން ޖެހެއެވެ.

comment ކޮމެންޓް