ލީބިޔާއަށް ހަތިޔާރު އެތެރެ ކުރުން ހުއްޓުވަން ޖަރުމަނުގެ ސިފައިން ފޮނުވައިފި

ލީބިޔާއަށް ހަތިޔާރު އެތެރެ ކުރުން ހުއްޓުވަން ޖަރުމަނުން ވަނީ ސިފައިން ފޮނުވާފަ

ބާލިން (އޮގަސްޓް 6): ލީބިޔާއަށް ހަތިޔާރު އެތެރެ ކުރުން މަނާކޮށް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރެއް ތަންފީޒު ކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ފަރާތުން ޖަރުމަނުގެ ސިފައިންތަކެއް މެޑިޓެރޭނިއަން ކަނޑުގައި، ލީބިޔާ ކައިރީ ހަރަކާތްތެރިވުމަށް ފުރައިފި އެވެ.

ޖަރުމަނުގެ ހަނގުރާމަ މަތީ ބޯޓަކުން 250 ސިފައިންނާ އެކު އެ ދަތުރު ފެށީ ފަސް މަހުގެ މިޝަންއެއްގަ އެވެ. އީޔޫއިން މިދިޔަ މެއި މަހުން ފެށިގެން ކުރިއަށްގެންދާ އެ މިޝަނުގެ މަގުސަދަކީ ލީބިޔާއަށް ހަތިޔާރު އެތެރެ ކުރުން ހުއްޓުވުމާއި އެގައުމުން ގަވާއިދާ ހިލާފަށް ތެޔޮ އެކްސްޕޯޓު ކުރުމާ ބެހޭ މައުލޫމާތު އެއްކުރުމާއި އިންސާނީ ވަގުފާރި ކުރުން ހުއްޓުވުމެވެ. އެ މަސައްކަތަށް ކަނޑު ބޯޓުގެ އިތުރުން އިޓަލީ އާއި ފްރާންސާއި ގްރީސްއަށް ނިސްބަތްވާ މަތިންދާބޯޓާއި ސެޓެލައިޓުތައް ދަނީ ބޭނުން ކުރަމުންނެވެ.

ޖަރުމަނުގެ ހޭމްބާގް ބޯޓުގެ ކުރޫއިން އެ މިޝަން ނިންމާލުމަށް ފަހު އެނބުރި ގައުމަށް ދާނީ ޑިސެމްބަރު 20ގަ އެވެ. އަދި ކޮރޯނާވައިރަސް ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ދުވަހުގެ ކުރިން ޖަރުމަނުގެ ސިފައިންނަށް އެއްގޮތަކަށްވެސް އެއްގަމަށް ނުފައިބާ ތިބެން ޖެހިދާނެ ކަމަށް އެގައުމުގެ ސިފައިންގެ ކޮމާންޑަރަކު ވިދާޅުވި އެވެ.

އެފްރިކާގައި ގުދުރަތީ ގޭހާއި ތެލުގެ އެންމެ ބޮޑު މުއްސަނދިކަމެއް ލިބިފައިވާ ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލްގައްޒާފީ އާ ދެކޮޅަށް 2011 ވަނަ އަހަރު ހިންގި ހަރަކާތްތަކުގައި ގައްޒާފީ އަވަހާރަ ކޮށްލި ފަހުން އެގައުމު ވަނީ ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފަ އެވެ. އެ ހަނގުރާމައިގައި ދުނިޔޭގެ ބައެއް ގައުމުތަކުން ދަނީ އދ.އިން ބަލައިގަނެފައިވާ ނެޝަނަލް އެކޯޑް ސަރުކާރާއި އަސްކަރީ ކޮމާންޑަރު ޚަލީފާ ހަފްތަރުގެ ފައުޖުތަކަށް ތާއިދު ކުރަމުންނެވެ. އެގޮތުން ނެޝަނަލް އެކޯޑު ސަރުކާރަށް ތުރުކީން އެހީތެރިވަމުންދާ އިރު މިސްރާއި ރަޝިއާ އާއި ޔޫއޭއީން ތިބީ ހަފްތަރާ އެއްކޮޅަށެވެ.

comment ކޮމެންޓް