ހުޅުދުއްފާރުން ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރ. ހުޅުދުއްފާރު--

ރ. ހުޅުދުއްފާރުން ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހުޅުދުއްފާރު ކައުންސިލްގެ ރައީސް އަލީ ޖާވިދު "ސަން" އަށް ވިދާޅުވީ އެ ރަށުން ޕޮޒިޓިވްވެފައި ވަނީ އިއްޔެ ހަވީރު މާލެއިން އެރަށަށް ދިޔަ ޒުވާން އަންހެނެއް ކަމަށެވެ.

އޭނާގެ ނަތީޖާ ލިބުނީ ރަށަށް އެރިތާ ކުޑަވަގުތުކޮޅެއް ފަހުން ކަމަށް ވެސް ޖާވިދު ވިދާޅުވިއެވެ.

"ޓެސްޓު ކުރީ ރަށަށް އައުމުގެ ކުރިން މާލެއިން. އައިޖީއެމްއެޗުން މިއަދު އޭނާއަށް ގުޅާފައި ބުނީ ކޮވިޑަށް ޕޮޒިޓިވްކަމަށް،" ޖާވިދު ވިދާޅުވިއެވެ.

ޖާވިދު ވިދާޅުވީ، އެރަށުގައި އެއްވެސް މީހަކާ އޭނައާ ކޮންޓެކްޓްވެފައި ނުވާ ކަމަށެވެ.

މީގެ މަހެއްހާ ދުވަސް ކުރިންވެސް ހުޅުދުއްފާރު ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ. އެ މީހާ މިހާރު ބަލިން ވަނީ ރަނގަޅުވެފައެވެ.

މާލެއިން ރަށްރަށަށް ދާ މީހުން 14 ދުވަހަށް ހޯމް ކަރަންޓިން ކުރެ އެވެ. އަދި އެ މީހަކު ދޫކޮށްލަނީ، ކަރަންޓީންގެ މުއްދަތު ހަމަވެ، ކޮވިޑަށް ހަދާ ޓެސްޓުގެ ނަތީޖާ ނެގެޓިވްވުމުންނެވެ.

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީވެ ސަރުކާރުން ވަނީ މިިދިޔަ އަންގާރަ ދުވަހުން ފެށިގެން އިތުރު ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ކުރިން މާލެއިން ފުރައިގެން ރަށަށް ދާން ބޭނުންވާ ކޮންމެ މީހަކަށް ހުއްދަ ދިން ނަމަވެސް، މިހާރު ސަރުކާރުން ނިންމާފައިވަނީ، ޒަރޫރީ ބޭނުމެއް ނެތި ކޮންމެހެން ރަށަށް ދާން ނުޖެހޭ މީހުންނަށް ރަށަށް ދިޔުމުގެ ހުއްދަ ނުދިނުމަށެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭރަށް ނުކުމެ އުޅޭ އިރު މާސްކު އެޅުމަށްވެސް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފަ އެވެ. އަދި ބަލި އޮތް ރަށްތަކުގައި މާސްކު އެޅުން މިހާރު ވަނީ މަޖުބޫރުކޮށްފަ އެވެ.

މިހާތަނަށް ރާއްޖެއިން 4،500 މީހަކަށް ކޮވިޑް ޖެހިފައިވާ އިރު، 2706 މީހުން ވަނީ ބަލިން ފަސޭހަވެފަ އެވެ. މިހާތަނަށް ބަލި ޖެހިގެން މަރުވެފައިވަނީ 19 މީހުންނެވެ.

comment ކޮމެންޓް