ރެވެނިޔު ޗާޖު ނަގަން ޓްރޭޑް ޔޫނިއަން އިން ތާއީދު

މާލޭ ވިޔަފާރި ބަނދަރު -- ފޮޓޯ: ކަސްޓަމްސް

ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ނުރައްކާތެރި ހާލަތެއްގައި އޮތްނަމަވެސް ގިނަ ބާވަތްތަކަކުން ނަގަމުންދިޔަ އިމްޕޯޓު ޑިޔުޓީ މައާފުކޮށް، ބައެއް ބާވަތްތަކުން ޑިޔުޓީ ކުޑަކުރުމަކީ މޯލްޑިވްސް ޓްރޭޑް ޔޫނިއަންއިން ބަލައިގަންނަ ކަމެއްކަމަށް އެ ޔޫނިއަން އިން ބުނެފިއެވެ.

ޓްރޭޑް ޔޫނިއަންއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިގްތިސޯދީ މި ހާލަތުން އަރައިގަނެވެންދެން އެއް ޕަސެންޓްގެ ރެވެނިޔު ޗާޖެއް އިމްޕޯޓް މުދަލުގެ ޑިކްލެއާކުރާ އަގުން ދައުލަތަށް ނެގުމަކީ އެ ޔޫނިއަން އިން ތާއީދުކުރާ ކަމެއް ކަމަށެވެ.

މީގެ ކުރިން ރެވެނިއު ސްޓޭމްޕު ޖަހަމުން އައީ އެކްސްޕޯޓު އަދި އިމްޕޯޓު ލައިސެންސަށް، ލައިންސެންސް ދޫކުރެވޭ އަދަދުގެ ކޮންމެ 100 ރުފިޔާއަކަށް 10 ލާރީގެ މަގުންނެވެ. ލައިސަންސަކާ ނުލައި ސްޓޭމްޕް ފީއެއް ދައްކައިގެން ކޮންމެ ފަރުދަކަށްވެސް މުދާ އިމްޕޯޓު، އެކްސްޕޯޓު އަދި ރީއެކްސްޕޯޓު ކުރެވޭ ގޮތަށް ބަދަލު ގެނައީ މިދިޔަ އަހަރު އެވެ. އަދި އަލަށް ގެނައި އިސްލާހުގެ ދަށުން ސްޓޭމްޕް ފީގެ ގޮތުގައި ނަގަން ކަނޑައަޅާފައި ވަނީ ރާއްޖެއިން އިމްޕޯޓު، އެކްސްޕޯޓު ނުވަތަ ރީއެކްސްޕޯޓު ކުރާ މުދަލަށް ކަސްޓަމްސްއިން ކަނޑައަޅާ އަގުގެ ކޮންމެ 100 ރުފިޔާއަކުން އެއް ރުފިޔާގެ މަގުންނެވެ.

އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ގެނައި އިސްލާހާއެކު އަހަރަކު ގާތްގަނޑަކަށް 178 މިލިއަން ރުފިޔާގެެ ޑިޔުޓީގެ މާފުވުމެއް ވިޔަފާރިވެރިންނަށް ލިބޭނެކަމަށް ކަސްޓަމްސްއިން އަންދާޒާ ކުރެއެވެ.

ޝިޕިން އެޖެންސީތަކާއި ލޯކަލް ފޯވާޑުން، ދިވެހި އިމްޕޯޓަރުންގެ އަތުން އެކި ނަންނަމުގައި ނަގަމުންދާ ނާޖާއިޒު ފައިސާ ނެގުން ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތްވެސް ޓްރޭޑް ޔޫނިއަންއިން ވަނީ ފާހަގަ ކޮށްފައެވެ.

ޓްރޭޑް ޔޫނިއަންއިން ނެރުނު ބަޔާނުގައި ބުނީ މި ހާލަތުގައި ދައުލަތުގެ ހިންގުމުގެ ހަރަދުކުޑަކޮށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަމަށް އަވަސް ހައްލެއް ގެންނަންޖެހޭ ކަމަށެވެ. ރާއްޖޭގެ އުފެއްދުންތެރިކަން އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތުމުގެ ބަދަލުގައި ތަފާތު އިންޑަސްޓްރީތަކަށް މަގުފަހިވެފައިވާ އިގްތިސޯދީ މެކޭނިޒަމެއް ގެންނަން ޖެހޭ ކަމަށާއި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސް ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނީ މި ނާޒުކު ދަނޑިވަޅުގައި އިގްތިސޯދީ ހާލަތުން އަރައިގަތުމަށް ސަރުކާރުން ބޭނުންވާ އެހީތެރިކަން އެ ޔޫނިއަން އިން ދޭނެ ކަމަށާއި މި ހާލަތުގައި އިގްތިސޯދަށް އއަންނަމުންދާ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެ ޔޫނިއަން އިން ބަލައިގަނެ، ތާއީދުކުރާ ކަމަށެވެ.

comment ކޮމެންޓް