ގުޅީފަޅު ޕްރޮޖެކްޓުގެ މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ވެބްސައިޓެއް

ގުޅީފަޅު ހިއްކުމުގެ މަޝްރޫއަށް ފަޅު ތެރެއިން: އީޕީއޭއިން ބުނަނީ އަދި ހިއްކުމުގެ އަސަރު ވިލިމާލޭ ފަރަށް ނުކުރާ ކަމަށް -- ފޮޓޯ/ އީޕީއޭ

ގުޅީފަޅު ހިއްކުމުގެ މަޝްރޫއާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ހާއްސަ ވެބްސައިޓެއް ލޯންޗުކޮށްފިއެވެ،

މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނީ މި ވެބްސައިޓު މެދުވެރިކޮށް ޕްރޮޖެކްޓު ކުރިއަށްދާ މިންވަރާއި، ތިމާވެއްޓަށް ކުރާ އަސަރު ދެނެގަތުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން ޕްރޮޖެކްޓުގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން އާންމުންގެ އެއްވެސް ޝަކުވާއެއް ނުވަތަ ކޮމެންޓެއް އޮތްނަމަވެސް ވެބްސައިޓު މެދުވެރިކޮށް ހިއްސާ ކުރެވޭނެއެވެ.

ގުޅީފަޅު ހިއްކުމުގެ ޕްރޮޖެކްޓަކީ މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ޕްލޭނު ކުރިއަށް ގެންދިޔުމަށް ހިންގާ ޕްރޮޖެކްޓެކެވެ. ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިން ލިމިޓެޑަށެވެ. ޕްރޮޖެކްޓުގެ އަގަކީ 53 މިލިއަން ޑޮލަރު (817.26 މިލިއަން ރުފިޔާ)އެވެ.

ގުޅީފަޅު ޑްރެޖިން އެންޑް ލޭންޑް ރިކްލެމޭޝަން ޕްރޮޖެކްޓުގެ ދަށުން ހަ މިލިޔަން ކިޔުބިކް މީޓަރުގެ ބިން ހިއްކާ ރިވެޓްމެންޓު ޖަހާނެއެވެ. މި ޕްރޮޖެކްޓުގެ ދަށުން ޖުމްލަ 20 މިލިޔަން ކިޔުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާނެ ކަމަށް ވެބްސައިޓުގައި ބުނެފައިވެއެވެ.

ގުޅީފަޅު ހިއްކަން ފަށާފައިވަނީ މެއި މަހުގެ ތެރޭގައެވެ. މި ޕްރޮޖެކްޓު ނިންމާލެވޭނެ ކަމަށް ލަފާކޮށްފައިވަނީ ނުވަ މަހާއި 14 މަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ.

ގުޅީފަޅު ހިއްކަން ފެށުމާއެކު އެ ސަރަހައްދުގެ ކަނޑުގެ ދިރުންތަކަށާއި ފަރުތަކަށް ގެއްލުންވާކަމަށްބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާއިފައެވެ.

އެ މަޝްރޫއުގެ އެންވާރަމަންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް (އީއައިއޭ)ގައި ބުނެފައިވާ ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ކަނޑުގެ ވެއްޓަށް ނޭދެވޭ އަސަރު ކުރާނެ އެވެ. އެގޮތުން އޮތް އެންމެ ބޮޑު ނުރައްކަލަކީ ގުޅީފަޅާ ކައިރި ފަރުތަކަށް ވެލި އެޅުމުގެ ސަބަބުން ފަރުތަކާއި މުރަކަތައް މަރުވުމާއި، ވެލީގެ ސަބަބުން ފެން ކިލަނބުވުމެވެ.

އެގޮތުން އެކަމުގެ ނުރައްކާ 30 ހަކަށް ފަރަށް އެބަ އޮތް ކަމަށް ވެސް ވަނީ ލަފާކުރެވިފަ އެވެ. ނަމަވެސް އީޕީއޭއިން ބުނަނީ އެ މަޝްރޫއުގެ ކަންކަން ދުވަހުން ދުވަހަށް ބަލަމުން އަންނަ ކަމަށާއި ވިލިމާލެ ފަރަށް މާބޮޑު ގެއްލުމެއް ނުވާ ކަމަށެވެ.

ގެއްލުން ކުޑަކުރުމުގެ ގޮތުން ގުޅީފަޅުން ހިއްކާ ސަރަހްދުގައި ހުރި މުރަކަތައް މިހާރު ވަނީ އެހެން ތަނަކަށް ބަދަލުކޮށްފައެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ގުޅީފަޅުގައި ޕޯޓު ހެދުމަށް އެތަން ހިންކަނީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މާލޭގެ ބަނދަރު ގުޅީފަޅަށް ބަދަލުކުރަނީ ހަމައެކަނި ބޯޓުފަހަރު ކައިރިކުރާ މަގަތު ފާލަމެއްގެ ގޮތުގައި ބޭނުންކުރަން ނޫންކަމަށާއި އިތުރު ޕްލޭންތައް އެބަހުރި ކަމަށެވެ.

"ގުޅީފަޅުގައި 187 ހެކްޓަރުގެ ބިން ހިއްކޭއިރު، އޭގެ ތެރެއިން ބޮޑުބައި އޮންނާނީ ޕޯޓު އަދި ޕޯޓާ ގުޅިގެން ހިނގާ މަސައްކަތްތަކަށް. ނަމަވެސް މަޖިލީހުން ވެސް ނިންމި ގޮތަށް 15 ޕަސެންޓު ބިން ރެޒިޑެންޝަލް ލޭންޑުގެ ގޮތުގައި ކަނޑައަޅާނަން... މިހާރު އަންދާޒާއަކީ ކޮންޓްރޯލްޑް ޕްލޭންޑް ޑިވެލޮޕްމަންޓަކަށް 1200 ޕްލޮޓު އެތަނުން ނެގޭނެ." މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

comment ކޮމެންޓް