ނޯޓް 20 އަދި އާ ގެލެކްސީ ބަޑްސް ދައްކާލައިފި

ސެމްސަންގްގެ ނޯޓް ސީރީޒްގެ އާ ފޯނު ކަމަށްވާ "ނޯޓް 20" ލައިންއަޕްގެ ފޯނުތަކުގެ އިތުރުން އެކުންފުނީގެ އާ ވަޔާލެސް އިއާބަޑްސް ކަމަށްވާ "ސެމްސަންގް ގެލެކްސީ ބަޑްސް ލައިވް" ދައްކާލައިފި އެވެ.

ސެމްސަންގް އިން ރޭ ބޭއްވި އެކުންފުނީގެ ވާޗުއަލް "އަންޕެކްޑް" އިވެންޓުގައި އެކުންފުނީގެ ފަހުގެ އުފެއްދުންތައް ވަނީ ދައްކާލާފައެވެ. އެގޮތުން އޯގަސްޓު މަހުގައި ބާއްވާ އިވެންޓަކީ އާންމުގޮތެއްގައި ނޯޓް ސީރީޒްގެ ފޯނުތަކަށް ހާއްސަ އިވެންޓެކެވެ.

މިފަަހަރުގެ އިވެންޓުގައި ސެމްސަންގް ގެލެކްސީ ނޯޓް ސީރީޒްގެ ދެ ފޯނު ވަނީ ދައްކާލާފައެވެ. އެއީ "ނޯޓް 20" އާއި "ނޯޓް 20 އަލްޓްރާ" އެވެ.

ނޯޓް 20 ސީރީޒްގެ ފޯނުތައް --- ފޮޓޯ : ޖީއެސްއެމްއެރީނާ

ގެލެކްސީ ނޯޓް 20 އަކީ ނޯޓް ސީރީޒް ބޭނުންކުރަން ބޭނުންވެފައިވާ ފަރާތްތަކަށް އަޖުމަ ބަލާލުމަށް އަގުހެޔޮކޮށް ލިބޭ ނޯޓް ފޯނެވެެ. އެގޮތުން ނޯޓް 20 ވިއްކަން ފަށާ އަގަކީ 999 ޑޮލަރެވެ.

އެހެންނަމަވެސް ނޯޓް ލައިންއަޕްއަކީ އެ އަހަރެއްގެ ސްމާޓްފޯނު ދުނިޔޭގައި ހިމެނޭ އެންމެ ވަރުގަދަ ސްޕެސިފިކޭޝަންތަކާއި ހާޑްވެއާތައް އެއްކުރުމަށް ސެމްސަންގް އިން ނެރޭ ފޯނެވެ. އެގޮތުުން ނޯޓް 20 އަލްޓްރާ އަކީ މިވަގުތު މާކެޓުގައި ހުރި އެންމެ ވަރުގަދަ ހާޑްވެއާތައް އެެއް ފޯނަކުން ލިބޭނެ ފޯނެވެ.

ސެމްސަން އިން ބުނެފައިވަނީ ނޯޓް 20 އަލްޓްރާ ވިއްކަން ފަށާނެ އަގަކީ 1،300 ޑޮލަރު ކަމަށެވެ.

އަދި މިއަދުން ފެށިގެން އެ ޑިވައިސްތަކަށް ޕްރީ އޯޑަރަށް ހުޅުވާލާނެ ކަމަށް ސެމްސަންގްއިން ވަނީ ބުނެފައެވެ.

ގެލެކްސީ ބަޑްސް ލައިވް -- ފޮޓޯ : ސެމްސަންގް

ސެމްސަންގް އިން ރޭގައި އަލަށް ދައްކާލި އަނެއް ޑިވައިސްއަކީ ގެލެކްސީ ބަޑްސް ލައިވް އެވެ. އެ ކުންފުނީން ވަނީ މީގެކުރީންވެސް ވަޔާލެސް ބަޑްސް އުފައްދާފައެވެ. އެހެންނަމަވެސް ލައިވް ބަޑްސްތަކަކީ މުޅީން އާ ޑިޒައިނަކާއެކު ތައްޔާރުކޮށްފައިވާ ބަޑްސް އެވެ. އެގޮތުން އާ ވަޔާލެސް ބަޑްސް ހުންނާނީ ކިޑްނީ ބީންސްގެ ޑީޒައިނަށެވެ. އެ ބަޑްސް ވިއްކަން ފަށާ އަގަކީ 167 ޑޮލަރެވެ.

ސެމްސަންގްގެ އާ އީކޯ ސިސްޓަމް ---

އޭގެ އިތުރުން ސެމްސަންގްގެ އާ ސްމާޓްވޮޗް ކަމަށްވާ "ގެލެކްސީ ވޮޗް3" އާއި ޓެބްލެޓް "ޓެބް އެސް7" އަދި ފަތްޖަހާލެވޭ ފޯނު ކަމަށްވާ "ގެލެކްސީ ޒީ ފޯލްޑް2"ވެސް ވަނީ ރޭގެ އިވެންޓުގައި ދައްކާލާފައެވެ.

comment ކޮމެންޓް