ކްރިމިނަލް ކޯޓާއި ހައިކޯޓަށް ފަނޑިޔާރުން ހޯދަނީ

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ހައި ކޯޓުން މީހަކު ނިކުނަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށާއި ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

ޖޭއެސްސީން ކުރި އިއުލާނެއްގައި ބުނީ، ކްރިމިނަލް ކޯޓަށް ގާޒީ އަކާއި ހައިކޯޓަށް ފަނޑިޔާރަކު ހޯދަން ބޭނުންވާ ކަމަށެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު 16 އޮގަސްޓް ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށާއި، އީމެއިލް މެދުވެރިކޮށް ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެހަށް ([email protected]) ފޮނުވުމުން ފޯމް ބަލައިގަންނާނެ ކަމަށެވެ.

ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާ މީހުންނަކީ އުމުރުން 25 އަހަރު ވެފައިވާ މީހުންނަށް ވާން ޖެހޭނެއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާ ފަރާތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވުމުގެ އިތުރުން، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭނެއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީއަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 48،300 ރުފިޔާ ލިބޭނެއެވެ. އަދި ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އާއި ފޯނު އެލަވަންސް ލިބޭނެއެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވުމުގެ އިތުރުން، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭނެއެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 54،300 ރުފިޔާ ލިބޭނެއެވެ. އަދި ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އާއި ފޯނު އެލަވަންސް ލިބޭނެއެވެ.

ފަނޑިޔާރުންގެ އަހްލާގާރި ސުލޫކަށް ބަލާއިރު، ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތަކީ މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައި ވާންޖެހޭނެއެވެ. އަދި ބުއްދިހަމައަށް ހުރި މީހަކު ކަމުގައި ވާން ޖެހޭނެއެވެ.

މީގެ އިތުރުން ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.

މީގެ އިތުރުން އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިވެސް ވެގެން ނުވާނެއެވެ.

ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަހުލާގީ އަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ހުކުމްކުރެވި އެ ހުކުމް ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ނިމިފައިވާ މީހަކު ކަމުގައި ވެސް ނުވާނެއެވެ.

އަދި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ހުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުމާއެކު ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.

comment ކޮމެންޓް