އަނިޔާވެރި މަރާއެކު ކުޑަހުވަދޫ ބޮޑު ބިރުވެރި ކަމެއްގައި!

ދ. ކުޑަހުވަދޫން: ހުސައިން ހަސަން

މީގެ ކުރިން މިރަށަށް ފެތުރިފައި އޮތް ބިރުވެރި ކަމަކީ ސުނާމީ ހާދިސާއަށްފަހު ދ. ގެމެންދޫއިން މި ރަށަށް ދިރިއުޅުން ބަދަލުކުރި އުމުރުން 76 އަލީ ހަސަން (އައްޔުބޭ)ގެ "ސިހުރުހަދާ" ކަމަށް ގެމެންދޫ އާއި ކުޑަހުވަދޫގެ ބައެއް މީހުން ކުރާ ތުހުމަތުތަކުގެ ސަބަބުން ފެތުރިފައިވާ ބިރުވެރި ކަމެވެ. އެ ބިރުވެރިކަން ބޮޑުވީ ސިހުރުގެ ވާހަކަތަކުގެ ތެރޭގައި ތިއްބާ މިރަށު ކަނީރުގޭ ޝީރީނާގެ މަރުވުމުންނެވެ. އަދި އިތުރު މަރަކާ މީހުން އައްޔުބެއާ ގުޅުވާލާ ހިސާބުންނެވެ. މިހާރު މިރަށަށް ފެތުރިފައި ވަނީ ކުއްލި ގޮތަކަށް އައްޔުބޭ މަރާލުމުގެ ބޮޑު ބިރެވެ. އައްޔުބޭގެ ހަށިގަނޑުގެ އެތަން މިތަނަށް ތޫނު އެއްޗެހިތަކުން ހަމަލާދީ މަރާލި ހާދިސާއާ ގުޅިގެން މިރަށުގެ ގިނަ ބަޔަކު ރެއިން ފެށިގެން ވަނީ ވަރަށް ބޮޑު ސިހުމެއް ތެރެއަށް ގަންބާލާފަ އެވެ.

ގެމެންދޫ ކުޑަ ކަތީބު ކަމުން ހުންނެވި ދުވަސްވަރު ފޫޅުމާ ފޮތެއް ދައްކައިގެން ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ސާބިތުވެ ފ. އަތޮޅަށް އަރުވާލި އައްޔުބޭ މަރާލުމުން މިރަށު މީހުންނަށް އެންމެ ބޮޑު ބިރުވެރި ކަމަކަށްވީ އަނިޔާވެރިގޮތަކަށް މަރާލި އައްޔުބޭގެ ހަށިގަނޑަށް ދީފައިވާ އެތައް ހަމަލައެއްގެ ފޮޓޯތަކެވެ.

އެއާއެކު އޭނާގެ އެތެރެހަށީގެ ގުނަވަންތައް ބޭރަށް ނުކުމެ، ލެއިން ތައްތޮޅިފައިވާ ކަމުގެ ވާހަކަތައް ފެތުރެން ފެށުމުންނެވެ. އަދި ކުއްލި ގޮތަކަށް އެންމެންގެ ފޯނުތަކަށް ފެތުރިގަތް އަނިޔާވެރި މަންޒަރުތަކުގެ ވީޑިއޯތަކުންނެވެ. އަދި މިރަށުގައި "ތޫފާނެއް" ފަދައިން ފެތުރިގަނެފައިވާ ސިހުރު ކުޅިގަނޑުގައި ދެން އަތުވެދާނެ ހަމަލާތަކަކާ ހެދި އެވެ. މިރަށުގެ ގިނަ މީހުން ތިބީ ދެންވާނެ ގޮތެއް ނޭނގި މޫނުގައި އަތް އަޅައިގެނެވެ.

"އަޅުގަނޑު މިހުރީ ބިރުން، އެއީ ފޮޓޯތައް ފެނުމުން، އަދި ފެންމަތިވެގެން އުޅޭ ސިހުރުގެ ކަންތައްގަނޑު އިތުރަށް ބޮޑުވެދާނެތީ. މިއީ ފިތުނަވެރި ކަމުގެ ތެރެއިން ހިނގާފައިވާ ހާދިސާއެއް ކަމަށް މީހުން ތުހުމަތު ކުރާތީ،" މިރަށު މީހަކު ބުންޏެވެ.

އައްޔުބޭގެ އާއިލާ އާއި މިރަށުގެ މީހުންގެ ފޯނުތަކުގައި ހުރި ފޮޓޯތަކުގައި އައްޔުބޭގެ ހަށިގަނޑު އޮތީ "ކޮށާލައިފަ" އެވެ.

"އަހަރެން ބިރު އަވަދިވެއްޖެ، ހުރިހާ ވަގުތެއްގައި ވެސް މިހުރެވެނީ ބިރުވެރި ކަމުގެތެރޭގައި،"

އައްޔުބޭގެ ދޮންދަރިފުޅު އިސްމާއިލް އަހުމަދު (ކެޔޮޅުބެ) ބުނީ ބައްޕަގެ ހަށިގަނޑުގެ 15 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.

"ބައްޕަގެ ހަށިގަނޑު އޮތީ ކޮނެލާފައި،" އޭނާ ބުންނެވެ. "ބަނޑު ފަޅާލައި ގޮހޮރު ބޭރަށް ފެންނަން ހުރި އިރު، ބުރަކައްޓާ ދިމާލުން އަރިކަށި ކަފާލައިފައިވުމުން ކަށިތަކެއް ފެންނަން ހުރި އަދި ކަރުން އަށް އިއްޗިއަށް ކަފާލައިވުމުން ކަރުގެ ނާރުތައް ބުރިވެ ބައްޕަ އޮތީ ލޭ ހުސްވެފައި،" ކެޔޮޅުބެ ބުންޏެވެ.

މިރަށުގެ ގިނަ ބަޔަކު ބުނަނީ އައްޔުބޭގެ މެޔަށް ދަނޑެއް ހަރާލާފައިވާ ކަމަށާއި އެ ހަބަރު ފެތުރުމާއެކު ބައެއް މީހުންގެ ހެއަށް ގޮތްވެ ނަފުސާނީ ގޮތުން ވަރަށް ބޮޑަށް "ބަލި"ވެފައިވާ ކަމަށެވެ.

"އަހަރެންގެ ހަޔާތުގައި މިފަދަ ރަހުމުން ކުޑަގޮތަކަށް މަރާލާފައިވާ އިންސާނެއްގެ ހަށިގަނޑު ނުދެކެން، އަޅުގަނޑު ވަރަށް ބިރުގަތް. އަޅުގަނޑަށްވުރެ ބޮޑަށް އެހެން މީހުން ތިބީ ބިރުގެންފައި،" އައްޔުބެގެ މަރު ކަށަވަރު ކުރި މި ރަށު ހޮސްޕިޓަލު އާންމު ބަލިތަކާބެހޭ ޑރ. ހާލިދު ޝަރީފު ހާން ވިދާޅުވި އެވެ.

މިރަށު ރަށުގެ ފަލަކު، އިސްމާއިލް ސައީދު ބުނީ އައްޔުބެއަށް ދިން ހަމަލާގެ ޒަހަމްތަކުގެ މަންޒަރު އަބަދު ލޯމައްޗަށް ފެންނަ ކަމަށެވެ. އަދި އެހެން މީހަކު ބުނީ ފޯނުގައި ފޮޓޯތައް ހުރުމުން ފޯނުވެސް ބޭނުން ކުރަން ޖެހިލުންވާ ކަމަށެވެ.

"ކޮންމެވެސް ފޮޓޯއެއް އިރުކޮޅަކާ ލިބޭ. އެ ފޮޓޯތައް ފެނުމުން އެންމެން ވެސް ބިރުގަންނާނެ. މިރަށު އެންމެހެން ތިބީ ބިރުން،" އޭނާ ބުންޏެވެ.

އައްޔުބެއަށް މަރާ ގުޅިގެން އާއިލާއިން ބުނީ ބައްޕަ މަރާލީ ގިނަ ދުވަސްތަކެއް ވަންދެން ރޭވުންތެރިކަމާއެކު ހީލަތްތެރި އަމަލެއްގެ ތެރެއިން ކަމަށެ. ބައްޕަ މަރުވެގެން ދިޔައީ އެންމެ ފަހުގެ ހަމަލާގައި ކަމަށާއި އޭގެ ބަދަލަށް ހަމަލާއެއް ދޭން ބޭނުން ނުވާ ކަމަށެވެ.

"އަހަރެމެން ވެސް މިތިބީ ބިރުން،" އާއިލާގެ މެންބަރަކު ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް