ކޮވިޑް-19 ވެކްސީނަކުން ގިނަ އަދަދެއްގެ އެންޓިބޮޑީސް އުފައްދައިފި

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ނޯވާވެކްސް އިން އުފެއްދި ވެކްސީން އަކުން ވަނީ އުއްމީދީ ނަތީޖާތަކެއް ދައްކާފައި ---

އެމެރިކާގެ ވެކްސީން ޑިވެލޮޕްމެންޓް ކުންފުންޏެއް ކަމަށްވާ "ނޯވާވެކްސް" އިން ކޮވިޑް-19 އާ ގުޅިގެން އުފެއްދި އެކްސްޕެރިމެންޓަލް ވެކްސީނަކުން ވައިރަސް އާ ދެކޮޅަށް އެންޓިބޮޑީސްގެ ނިޝާންތަކެއް ދައްކާފައިވާ ކަމަށް އެކުންފުނީން ބުނެފި އެވެ.

ނޯވާވެކްސް އިން ބުނެފައި ވަނީ އެކުންފުނީން އުފައްދާފައިވާ ވެކްސީންގެ ކްލިނިކަލް ޓްރައިއަލްގެ އެންމެ ފުރަތަމަކޮޅުގެ މަރުހަލާގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ޓްރައިއަލްތަކުގެ ނަތީޖާ ފެންނަނީ ވަރަށް ރަނގަޅު ގޮތަކަށް ކަމަށް އެކުންފުނީން ބުންޏެވެ.

އެކުންފުނީން އިތުރަށް ބުނެފައި ވަނީ ޓްރައިއަލްތަކުުގެ ނަތީޖާ ރަނގަޅަށް ދާ ކަމުގައިވާ ނަމަ ވެކްސީން ހެދުމުގެ ތިން ވަނަ މަރުހަލާއަށް ދާނެ ކަމަށެވެ. އަދި އެ މަރުހަލާއަށް އަންނަ މަހުގެ ތެރޭގައި ދާއިރު އެ މަސައްކަތް ކާމިޔާބު ވެއްޖެ ނަމަ އަންނަ އަހަރުގެ ތެރޭގައި އެއް ބިލިއަނާއި ދެ ބިލިއަނާ ދެމެދުގެ ވެކްސިން ޑޯޒް އުފެއްދުމުގެ ގާބިލިއްޔަތު އެކުންފުނީގެ އެބަހުރި ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

ނޯވާވެކްސްގެ ރިސާޗް ޗީފް ގްރެގަރީ ގްލެން ވިދާޅުވީ އެ ވެކްސީންގެ އެންމެ އެކަށީގެންވާ ނަތީޖާތަކެއް ލިބޭނީ ގިނަ ބައެއްގެ މައުލޫމާތަށް ބިނާކޮށް ވެކްސީން ޓެސްޓުކޮށްގެން ކަމަށެވެ.

އަދި މިއަހަރުގެ ޑިސެމްބަރާ ހަމައަށް ދެވޭއިރު ވެކްސީން އާންމުންނާ ހަމައަށް ނެރުމަށް އުފެއްދުމުގެ ހުއްދަ ހޯދާނެ ކަމަށް ގްލެން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު އެކުންފުނީން ޓެސްޓުތައް ކުރިއަށް ގެންދަނީ މަދު ބައެއްގެ މައުލޫމާތަށް ބަރޯސާވެގެން ކަމަށެވެ. އެގޮތުން ވެކްސީން ބޭނުންކޮށްފައިވާ ޕޭޝަންޓެއް ވަނީ ގިނަ އަދަދެއްގެ އެންޓީބޮޑީސް އުފައްދާފައި ކަމަށާއި އޭނާގެ އިތުރުން އިތުރު ދެ ކެނޑިޑޭޓެއްގެ ވެސް ކޮންމެވެސް ވަރަކަށް އެންޓީ ބޮޑީސް އުފައްދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ކޮވިޑް-19 އިން ރިކަވާ މީހުންގެ ގައިގާ ހިމެނޭވަރަށް ވުރެ ގިނަ އަދަދަކަށް އެ ވެކްސީން އިން އެންޓީބޮޑީ އުފައްދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. --- ރޮއިޓާސް

comment ކޮމެންޓް