ބިދޭސީން ވިޔަފާރި ކުރާ މައްސަލަ ހައްލުކުރަން އާ ގަވައިދެއް ހަދަނީ

ބިދޭސީއަކު މަސްދޯންޏެއްގަައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންނާ ގުޅޭ އާ ގަވައިދެއް އަންނަ ހަފްތާ ގެޒެޓް ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އާ ގަވައިދާއެކު ބިދޭސިންނާ މެދު ހުރި ގިނަ މައްސަލަތައް ހައްލު ވެގެންދާނެ ކަމަށެވެ.

"ބިދޭސިންގެ މައްސަލައަކީ އަޅުގަނޑޑުމެން ހަވާލުވީ އިރުވެސް އޭގެ ކުރިންވެސް ބޮޑު މައްސަލައެއްގެ ގޮތުގައި ރައްޔިތުން ދެކެމުން އައި ކަމެއް. ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން އެކަން ހައްލު ކުރުމަށް އަޅުގަނޑުމެން ވައުދުތަކެއް ވެގެން [އައީ]،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބިދޭސިންނާ ގުޅޭ ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި އެކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކޮވިޑް-19 އައި އިރު، އެ މަސައްކަތް ކުރިއަށްދަނިކޮށްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ކޮވިޑާއެކު ބިދޭސިންނާ ގުޅޭ އިތުރު މައްސަލަތައް ނިކުމެފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން ބިދޭސިން ތިބޭ ތަންތަނުގެ ހާލަތު ދަށް ކަމަށާއި، ތޮއްޖެހިގެން ބިދޭސިން ގެންގުޅުމާއި، ވަޒީފާއެއް ނެތި އަމިއްލަ އަށް އުޅުނު ބިދޭސިންގެ މަސައްކަތް ގެއްލުމުުމުން މަގުމަތިވިކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މީގެ އިތުރުން ބިދޭސިން ލައްވާ މަސައްކަތް ކުރުވާ މުސާރަ ނުދިނުމުގެ މައްސަލައަކީވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"ވަރަށް ގިނަ ވިޔަފާރިތައް އެބަހުރޭ ދެމަހެއް ތިންމަހެއް މުސާރަ ނުދެވިވެސް. އެހެއް އޮއްވާ ކޮވިޑްގެ ހާލަތު އައިސް އެހެން ނުދެވި ހުރި މުސާރަ އިތުރުވެ، ވަރަށް ނުބައި ހާލަތަކަށް ދިޔައީމާ ބިދޭސިންވެސް އިހުތިޖާޖު ކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަންތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ރެގިޔުލަރައިޒޭޝަން ޕްރޮގްރާމުވެސް ކޮވިޑްގެ ސަބަބުން ހުއްޓިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މުސާރަ ނުދޭ މައްސަލާގައި ބިދޭސިން އިހުތިޖާޖު ކުރުމުން ޑީޕޯޓުކޮށް ފޮނުވާލާފައިވަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް މިނިސްޓަރު ރޭ ވިދާޅުވި އެވެ.

"އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ބައެއް ފަރާތްތައް ޑީޕޯޓު ކުރި ވާހަކައަކީ ރަނގަޅު ވާހަކައެއް. ޑީޕޯޓު ކުރިކަމަށް މައުލޫމާތު ލިބިފައިވަނީ އިހުތިޖާޖު ކުރީމަކާ ނޫން. ފުލުހުންނާއި ސިފައިންނަށް އެޓޭކް ކޮށް މާރާމާރި ހިންގާ މިކަހަލަ ކަމެއްގައި ތުހުމަތު ކުރެވޭ މަދު ބައެއް. އިމިގްރޭޝަނުގެ ގާނޫނުގެ ތެރޭ އެބައޮވޭ ޑީޕޯޓު ކުރެވޭނެ ކަމަށް އެބައޮވޭ، އަޅުގަނޑު އެއްވެސް ވަރަކަށް އެންކަރޭޖު ކުރާ ކަމެއް ނޫން އިހުތިޖާޖު ކުރުމުގެ ނަމުގަައި މާރަމާރި ހިންގުމާ ތަންތަނަށް ގެއްލުން ދިނުން. އެކަމަށް އަޅަންޖެހޭ ހަރުކަށި ފިޔަވަޅު ސަރުކާރުން އަޅާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެއީ އެފަރާތްތަކުގެ ހައްގު ގެއްލުވާލުން ކަމަށް ނުދެކޭ ކަމަށާއި މުޒާހަރާކުރި ގިނަ ބަޔަކު އެބަ ތިބި ކަމަށެވެ. އެ މައްސަލަތައް ކޯޓުތަކުގައި ކުރިއަށް އެބަދާ ކަމަށާއި އިކޮނޮމިކް މިނިސްޓްރީ މެދުވެރިއަކަށްވެ ލޭބާ ރިލޭޝަންސް އާއި ގުޅިގެން އެކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މާލޭގައި ބިދޭސީން ވިޔަފާރިކުރަން ތިބޭ ކަމުގެ ޝަކުވާ އަކީވެސް ބޮޑު މައްސަލައެއް ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ނަމަވެސް އެފަދަ ގިނަ ތަންތަނަކީ ކޮންމެވެސް ދިވެއްސެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަމުން، އެކަމުގައި ފިޔަވަޅު އެޅުމުގައި ގޮންޖެހުން ކުރިމަތިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިކަމަށްވެސް އާ ގަވައިދުގެ ދަށުން ހައްލު ހޯދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވަރަށް ގިނަ މީހުންގެ ޝަކުވާއެއް ކިހިނެއްހޭ އެމީހުން އެގޮތަށް އެ ވިޔަފާރި އެކުރަނީ. ކޮންގަވައިދެއްގެ ދަށުން ހޭ، ކާކު ހުއްދަ ދީގެން ހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އާ ގަވައިދުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރެވޭނެ އުސޫލު ހިމަނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް