ޖީޑީޕީ މައިނަސް 11 ޕަސެންޓަށް ވެއްޓޭނެ ކަމަށް ލަފާކޮށްފި

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރު ރާއްޖޭގެ ޖީޑީޕީ މައިނަސް 11 ޕަސެންޓަށް ވެއްޓޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އިގްތިސޯދާ ބެހެ ވަޒީރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މީގެ ކުރިން އަންދާޒާކޮށްފައި އޮތީ މިއަހަރު ރާއްޖޭގެ ޖީޑީޕީ މިދިޔަ އަހަރާ އަލާބަލާ އިރު 7.5 ޕަސެންޓު ކުރި އަރާނެެ ކަމަށް ކަމަށެވެ. ނަމަވެސް ކޮވިޑް19 އާއެކު ދިމާވެފައިވާ ދަތިތަކާ އެކު އިގްތިސޯދު ހުއްޓިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު މުޅި ދުނިޔެ ދެކެމުން މިދާ ދަތިކަމަކީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔެއަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު އިގްތިސޯދީ ގޮންޖެހުން ކަމަށެވެ.

ރާއްޖޭގެ މުޅި އިގްތިސޯދު ކަހަލަ ގޮތަކަށް ޓޫރިޒަމް އަށް ބަރޯސާވާއިރު، މުޅި ދުނިޔެއަށް އިގްތިސޯދީ ހީނަރުކަން އައިސްފައިވާ މި ދަނޑިވަޅުގައި ރާއްޖެއަށް ކުރާ އަސަރު ބޮޑުކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ޖުލައި 15، 2020: ކޮވިޑް19އާ ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަޅުގަނޑުމެންނަށް ޑޮލަރު ލިބުންވެސް [ދަތި]. އިގްތިސޯޯދަށް ވަންނަ ފައިސާގެ ބޮޑުބަޔެއް ޓޫރިޒަމްއިން ވަންނަ އިރު ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުވެފައި، އެ ބޯޑަރުތަކުން ފުރައިގެން ފަތުރުވެރިން ނާންނާތީ އިގްތިސޯދު މިއޮތީ ހުއްޓިފައި. މުޅިން ކަހަލަ ގޮތަކަށް ބަރޯސާވެފައި އޮތީ ޓޫރިޒަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހާ ހަމަ އަށް މިލިއަނެއް ހައި ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ކަމަށާއި ކޮވިޑާ ގުޅިގެން މާޗު މަހު ބޯޑަރު ބަންދުކުރުމާ ހަމައަކަށް 380،000 މީހުން އައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ޖުލައި 15ގައި ބޯޑަރު ހުޅުވާލި ފަހުން 2،700 މީހުން އައިސްފައިވާ ކަމަށާއި ބޯޑަރު ބަންދު ކުރުމާއި ހަމައަށް ވެސް އެވްރެޖުކޮށް މިދިޔަ އަހަރާ އަޅާބަލާ އިރު މިއަހަރު އައިސްފައި ވަނީ 165،000 މީހުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއީ ތިން ގުނަ ދަށްވުމެއްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު (ވ) އަދި ފިނޭންސް މިނިސްޓަރު އަމީރު

"އިންޑަސްޓްރީ އެއްކޮށް ކަހަލަގޮތަކަށް ހުއްޓިފައި، އިގްތިސޯދު އޮތީ ދަތި ހާލަތެއްގައި،" މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

"ކޮވިޑް ނެތް އިރު ޖީޑީޕީ 7.5 ޕަސެންޓް ކުރި އަރާނެ ކަމަށް ބެލީ. މިހާރު އަންދާޒާ ކުރަނީ 11 އަށް ދާނެ ކަމަށް އެއީ ވަރަށް ބޮޑު ދަށްވުމެއް،" އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ދުވަހަކު ވެސް ރާއްޖެ ކުރިމަތި ނުލާވަރުގެ ބޮޑު އިގްތިސޯދީ ދަތިކަމެއް ކަމަށެވެ. މި ދަތިކަމުން އަރައިގަތުމަށް އޮތް ގޮނންޖެހުމަކީ ކޮވިޑަކީ ކޮހިނެއް ވާ ބައްޔެއްކަން އަދުވެސް ނޭނގުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ މުހިއްމު މާކެޓުތަކަށް ކޮވިޑްގެ ދެވަނަރާޅެއް ބިންދާލާފައިވާ އިރު ރާއްޖޭގެ ހާލަތު ވެސް ވަމުންދާ ގޮތް ސާފު ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވެކްސިނެއް ލިބެންދެން ދަތިކޮށް އޮތްކަމަށް ފެންނަނީ،" މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މީހުންގެ ވަޒީފާ ގެއްލި އާމްދަނީ ލިބުން ހުއްޓިފައިވާ ކަމަށެވެ. މީގެ ސަބަބުން އަލުން ވަޒީފާ ލިބި އާމްދަނީ ލިބެން ފެށުމުން ޗުއްޓީ ހޭދަކުން ފަށާނީ ކޮންއިރަކުތޯ ސުވާލު އުފެދޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ކުރިން ތިބި ހާލަތަށް ދާން ވަގުތު ނަގާނެ. ކުރިއަށް އޮތް 6-8 މަސް ދަތިވާނެ. މަޑުމަޑުން ނޯމަލް އަކަށް ދެވެން ފުރުސަތު އޮންނާނެ. އަހަރެއް ދޮޅު އަހަރު ވާއިރު ރަނގަޅު ހިސާބަކަށް ދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޖުލައި 15، 2020: ކޮވިޑް19އާ ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު ވިދާޅުވީ 2019ގައި ތިބި ހިސާބަށް ދެވޭނީ 2022ގެ ނިޔަލަށް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރާއްޖޭގެ އިގްތިސޯތު އޮތީ ޓޫރިޒަމަށް ބަރޯސާވެފައި ކަމަށާއި އެހެން ދާއިރާތައް ކުއްލިއަކަށް ތަރައްގީ ނުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން އިތުރު ސިނާއަތްތައް ތަރައްގީ ކުރުމަށް އިތުރު އަހަންމިއްޔަތުމަކެއް ދެވޭނެކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"ގޮންޖެހުމަކީ ޓޫރިޒަމް އެކަނި ވަރުގަދަކޮށް އޮތީ،" ޓޫރިޒަމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިގްތިސޯދު ޑައިވަސިފައިކޮށް ޓޫރިޒަމަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް