ދުބާއީ ކުންފުނިން ގެންނަ ވެންޓިލޭޓަރުތައް ލިބޭނީ ފުލް ޕޭމެންޓު ދެއްކުމުން

ދަރުމަވަންތަ ހޮސްޕިޓަލް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިން އާ ހަވާލުކޮށްގެން ރާއްޖެ ގެންނަ 65 ވެންޓިލޭޓަރު ދޫކުރާނީ އެ ކުންފުންޏަށް ދައްކަންޖެހޭ ފުލް ޕޭމެންޓު ދެއްކުމުން ކަމަށް މައުލޫމާތު ލިބިފައިވާކަމަށް އެޗްއީއޯސީ އިން ބުނެފިއެވެ.

ކޮވިޑްގެ ބަލިމަޑުކަމާއެކު ސަރުކާރުން ވަނީ ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ ކުންފުނީގެ އިތުރުން އިތުރު ދެ ކުންފުންޏަކާ ހަވާލުކޮށްފައެވެ.

ދުބާއީގެ ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ގެނައުމަށެވެ. އޭގެ ތެރެއިން 10 ވެންޓިލޭޓަރު ގެނައި ނަމަވެސް، ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް ނުފެތޭތީ އެ ވެންޓިލޭޓަރުތައް މިހާތަނަށް މިނިސްޓްރީން ބަލައިގެންފައި ނުވާ ކަމަށް ވެއެވެ.

ވެންޓިލޭޓަރުތައް ގެނައުމަށް ސަރުކާރުން ވަނީ އެ ކުންފުންޏަށް ޕްރީޕޭމެންޓު ދައްކައިފައެވެ. އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިރޭ ވިދާޅުވީ އެ ކުންފުނިން ގެންނަ ވެންޓިލޭޓަރުތަކަށް ފުލް ޕޭމެންޓު ދެއްކުމުން ނޫނީ ވެންޓިލޭޓަރުތައް ދޫނުކުރަން އެ ކުންފުނިން ނިންމާފައިވާކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

ނަމަވެސް ފުލް ޕޭމެންޓު ނުދައްކާވެސް އެތަކެތި ގެނެވޭތޯ ސަރުކާރުން އެ ކުންފުންޏާއެކު މަޝްވަރާ ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވެންޓިލޭޓަރުތަކާ ބެހޭ ތަފްސީލީ މައުލޫމާތު ދެން އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑް19ގެ ނުރައްކާތެރި ހާލަތަކަށް ތައްޔާރުވުމަށް ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމަށް ކުންފުނިތަކާ ހަވާލުކޮށްފައި ވަނީ ބިޑް ނުކޮށް ކަމަށާއި، އެގޮތަށް އެކަން ނިންމީ ވަރަށް އަވަހަށް ވެންޓިލޭޓަރުތައް ބޭނުންވާތީ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

comment ކޮމެންޓް