ފުރާ ފަތުރުވެރިންގެ ޓެސްޓު އެޗްއީއޯސީ މެދުވެރިކޮށް ހަދަނީ

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ފުރާ ފަތުރުވެރިން ފްލައިޓަށް އެރުމުގެ ކުރިން ބޭނުންވާ ކޮވިޑް ނެގެޓިވް ރިޕޯޓަށް ޓެސްޓު ހެދުން އެޗްއީއޯސީ މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ރާއްޖޭގެ ބޯޑަރު ގުޅުވާލިފަހުން 1،700 އެއްހައި ފަތުުރުވުވެރިން އައިސްފައިވާއިރު ބައެއް އެއާލައިންތަކުން ފަސިންޖަރުން ބޯޓަށް އެރުމުގެ ކުރިން ތިން ދުވަސް ނުވަތަ ދެ ދުވަސް ނުވާ ކޮވިޑް ނެގެޓިވް ރިޕޯޓެއް ބޭނުންވެއެވެ. ނަމަވެސް އެ ރިޕޯޓު ހޯދުމަށް ބޭނުންވާ ޓެސްޓު ހެދުމުގައި ދަތިތައް ދިމާވެ ބައެއް ފަތުރުވެރިންނަށް ރާއްޖެއިން ނުފުރި އެބަތިއްބެވެ.

މިކަމާމެދު ޓޫރިޒަމް ސިނާއަތުގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެޗްއީއޯސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފަތުރުވެރިކަން އަލުން ފެށިިިރު، ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލުތަކުގައި ކޮވިޑު ޓެސްޓު ކުރެވޭ އަގާއި ކެޕޭސިޓީ އިންޑަސްޓްރީ އާއި ހިއްސާ ކޮށްފައިވާނެ ކަމަށެވެ.

"އެކަމަކު އެކަން އެންމެ އެދޭ ގޮތުގައި ކުރިއަށް ނުދާތީ މިހާރު ނިންމާފައި ވަނީ އެޗްއީއޯސީ މެދުވެރިކޮށް އެކަން ކުރަން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެގޮތުން ކުރިއާލާ ފުރާމީހުންގެ ލިސްޓު އެޗްއީއޯސީއާ ހިއްސާ ކުރުމުން ޓެސްޓު ކުރުމުގެ ކަންތައް ހަމަޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއިން ފުރާ ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ޓެސްޓު ހެދި އެއް ފަތުރުވެރިޔަކު އިއްޔެ ވަނީ ޕޮޒިޓިވް ވެފައެވެ. އޭނާ ހުރީ އޮބްލޫ ސެލެކްޓް ސަންގެލި ރިސޯޓުގައެވެ.

ޕޮޒިޓިވްވި ފަތުރުވެރިޔާގެ ހާލު ރަނގަޅު ކަމަށް އެޗްއީއޯސީ އިން ބުންޏެވެ.

comment ކޮމެންޓް