ދޮގު މައުލޫމާތު ފަތުރާތީ ޓްރަމަޕްއަށް ޓުވީޓުކުރުމުގައި ހުރަސްތަކެއް ކުރިމަތިވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމަޕް -- ފޮޓޯ: ރޮއިޓާސް

ދޮގު މައުލޫމާތު ފަތުރާތީ ކަމަށް ބުނެ ޓުވިޓާއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމަޕް ޓުވީޓުކުރުމުގައި ހުރަސްތަކެއް ކުރިމަތިކޮށްފި އެވެ.

ޓްރަމްޕް ވަނީ ކޮރޯނާ ވައިރަސް ކުޑަކުދިންނަށް ނުޖެހޭ ކަމަށް ފޮކްސް ނިއުސް އިންޓަވިއުއެއްގައި ވިދާޅުވެފަ އެެވެ. އަދި އެ ވީޑިއޯ ޓްރަމްޕް ޓުވީޓުވެސް ކުރެއްްވި އެވެ.

ޓުވިޓާގެ ތަރުޖަމާނު ވިދާޅުވީ އެފަދަ ސައްހަ ނޫން މައުލޫމާތު ފެތުރުމަކީ ކޮވިޑް 19ގެ ގައިޑްލައިންތަކާ ހިލާފު ކަމެއް ކަމަށެވެ. އަދި އަލުން ޓުވީޓުކުރެވޭނީ އެފަދަ ޓުވީޓުތައް ނެގުމުން ކަމަށް ވަނީ ބުނެފަ އެވެ.

ފަހުން ޓްރަމްޕް ވަނީ އެ ގައިޑްލައިންއަށް ބޯ ލަންބަވައިފަ އެވެ. އަދި އޭގެ ފަހުން ވަނީ ޓުވީޓުވެސް ކުރައްވައިފަ އެވެ.

ޓްރަމްޕްގެ އެ ވީޑިއޯ ފަހުން ވަނީ ފޭސްބުން ވެސް ނަގައިފަ އެވެ.

ޓްރަމްޕްގެ ތަރުޖަމާނު ކޯޓްނީ ޕަރެއްލާ ވިދާޅުވީ ޓްރަމްޕް އެ ވީޑިއޯގައި ވިދާޅުވީ ކުޑަކުދިންނަށް ކޮރޯނާ ވައިރަސް ޖެހުން އޮތީ ވަރަށް ކުޑަ ފުރުސަތެއް ކަމަށެެވެ. އަދި ސޯޝަލް މީޑިއާތަކުން ވަކި އަތަކަށް ޖެހިފައިވާ ކަމަށާއި އަދި ތެދު ހަގީގަށް ހާމަކުރަން އެ ފަރާތްތަކުން ބޭނުންނުވާ ކަމަށް ވެސް ކޯޓްނީ ވިދާޅުވި އެވެ.

ޓްރަމްޕް އަދި އެމަނިކުފާނުގެ އަރިސް ބޭފުޅުންގެ ޓުވިޓާ އަދި ފޭސްބުކް ޕޯސްޓްތަކާ މެދު ފަހަކަށް އައިސް ފިޔަވަޅުއަޅަމުންދާތަން ދަނީ ފެންނަމުންނެވެ. އެގޮތުން އެފަދަ ޕޯސްޓްތައް "ލޭބަލް" ފޭސްބުކް އަދި ޓުވިޓާއިން ދަނީ ކުރަމުންނެވެ.

އެމެރިކާގައި މަރާލީ ޖޯޖް ފްލޮއިޑްގެ މަރާ ގުޅިގެން ކުރިއަށް ދިޔަ މުޒާހަރާގައި މުޒާހަރާގެ ބައިވެރިން އެގައުމުގެ ވޮޝިންގްޓަން ސިޓީގައި "އޮޓޯނަމަސް ޒޯން" އެއް ގާއިމްކޮށްފި ނަމަ ވަރަށް ވަރުގަދަ ރައްދެއް ދޭނެކަމަށް ބުނެ ޓުވީޓު ކުރެއްވުމުން ޓުވިޓާއިން އެ ޓުވީޓުގައި އިންޒާރުގެ "ލޭބަލް" ޖެހި އެވެ.

ކޮރޯނާއަށް ފަރުވާ ދިނުމުގައި އެންޓި މެލޭރިއާ ބޭސް ބަރާބަރުކަަމަށް ޓްރަމަޕްގެ ދަރިފުޅު ޑޮނަލްޑް ޓްރަމަޕް ޖޫނިއާ ވިދާޅުވުމުން އޭނާގެ އެކައުންޓު ޓުވިޓާ އިން 12 ގަޑިއިރަށް "ރެސްޓްރިކްޓް" ކުރި އެވެ.-- ސީއެންއެން--

comment ކޮމެންޓް