ބޯޑަރު ހުޅުވީ ނަމަކަށް، ޓެސްޓް ނުކުރެވި ފަތުރުވެރިން ތާށިވަނީ!

ޖުލައި 15، 2020: ބޯޑަރު ހުޅުވާލި ދުވަހު ރާއްޖެ އައި ޓޫރިސްޓުންތަކެއް ވެލާނާ އެއާޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށް ފަހު، މިދިޔަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ޓޫރިސްޓުންނަށް ހުޅުވާލީ އެތައް މަހެއް ވަންދެން ސިނާއަތުގެ މަސްލަހަތުވެރިންނާ އެކު ކުރި މަޝްވަރާތަކާއި ލިޔަން ޖެހޭ އެސްއޯޕީތައް ލިޔުމަށް ފަހު، ސަރުކާރުގެ އެންމެ މަތި ފަންތީގައި އެތައް ފަހަރަކު މަޝްވަރާ ކުރުމަށް ފަހު އެވެ. ބޯޑަރު ހުޅުވާލަމުން ސަރުކާރުން ދިން ޔަގީން ކަމަކީ ރާއްޖެ އޮތީ ނިއު ނޯމަލްގައި ޓޫރިސްޓުންނަށް ހިދުމަތް ކުރަން ތައްޔާރަށް ކަމަށެވެ.

އެކަމަކު ރާއްޖޭގެ ބޯޑަރު ހުޅުވާލައިގެން މާ ގިނަ ޓޫރިސްޓުންތަކެއް ނާންނައިރު ރާއްޖެއިން ވެފައި އޮތް ތައްޔާރީތަކާ މެދު މި ވަނީ ސުވާލު އުފެދިފަ އެވެ. ނިއު ނޯމަލްގެ ދަށުން، ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ޓޫރިސްޓުން ފުރުމުގެ ކުރިން، އެމީހުން އަތުގައި ސަރުކާރުން ގަބޫލު ކުރާ ލެބަކުން 48-72 ގަޑިއިރުތެރޭ ހަދާފައިވާ ކޮވިޑް ޓެސްޓުގެ ނަތީޖާއެއް އޮތުމަށް ބައެއް އެއާލައިންތަކުން މަޖުބޫރު ކުރެ އެވެ. އަދި އެ ނަތީޖާ ނެތް ނަމަ، އެ ފަސިންޖަރުންނަށް ފުރުމުގެ ހުއްދަ ބައެއް އެއާލައިންތަކުން ނުދެ އެވެ. އަދި އަމިއްލަ ގައުމަށް އެތެރެ ވުމުގައި ވެސް ދަތިތަކެއް ހުރެ އެވެ.

އެކަމަކު އެ ޓެސްޓް ހެދުން ލަސްވެ، އެތައް ޓޫރިސްޓަކު ރާއްޖޭގައި ތާށިވާން ޖެހޭ ކަމުގެ ޝަކުވާ ޓޫރިޒަމް ސިނާއަތުން މި ވަނީ ކުރަން ފަށައިފަ އެވެ.

އެ މީހުން ބުނަނީ، ފަތުރުވެރިންގެ ޓެސްޓު ކުރުމަށް ސަރުކާރުން ހަމަޖެއްސި އިންތިޒާމް މަސައްކަތް ނުކޮށް ފެއިލްވެފައިވާ ކަމަށެވެ.

ރާއްޖޭގެ ބައެއް ރިސޯޓްތަކުން "ސަން"އަށް ބުނީ ސަރުކާރުން ފަތުވެރިން ޓެސްޓުކުރުމަށް ހަމަޖެއްސި އިންތިޒާމުގެ ދަށުން ފަތުރުވެރިން ޓެސްޓް ކުރުމުގައި އެތައް ލަސްތަކެއް ކުރިމަތިވެ ފަތުރުވެރިން ނުފުރި ލަސްވަމުންދާ ކަމަށެވެ.

މާލެ އަތޮޅުގައި ރިސޯޓެއް ހިންގާ ކުންފުންޏެއްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ރިސޯޓަށް އަންނަ ފަތުރުވެރިންގެ ތެރެއިން ޓެސްޓު ހެދުމަށް ބޭނުންވާ މީހުންގެ ސާމްޕަލް ނެގުމަށްފަހު، ފޮނުވަނީ މާލެއަށެވެ. އަދި މީގެ ކުރިން އެ ޓެސްޓު ހަދަމުން އައީ އޭޑީކޭ ލެބުން ކަމަށާއި ނަަމަވެސް އެ ހޮސްޕިޓަލަށްވެސް ބާރުބޮޑުވެ، މިހާރު އެޑީކޭ ލެބުން ޓެސްޓު ނެހެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރުވެސް އެބަތިބި ހަތަރު ޓޫރިސްޓުން ޓެސްޓު ނެހެދި، ނުފުރި. މި ބަލަނީ އަދިވެސް އެހެން ލެބަކުން ޓެސްޓު ހެދޭތޯ. މި ގޮތަށް ލަސް ވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވެމެއް،" ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ ވިދާޅުވި އެވެ.

ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ އިސް އޮފިޝަލަކު ވެސް މި ޝަކުވާ ތަކުރާރު ކުރެއްވި އެވެ.

އެ ރިސޯޓުގެ މެނޭޖުމަންޓުން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވީ، އެ ރިސޯޓުންވެސް ސާމްޕަލް ފޮނުވަމުން އައީ އޭޑީކޭ ލެބަށް ކަމަށާއި ނަމަވެސް މިހާރު އޭޑީކޭ އިން ޓެސްޓު ނަތީޖާތައް ލިބުމުގައި ލަސްތަކެއް އުޅޭތީ، އިތުރު ސާމްޕަލް ނުނަގާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެންގެ އެބަތިބި ހަތަރު ވަރަަކަށް ފަތުރުވެރިން ޓެސްޓު ހަދަން ޖެހޭ. މި މަސައްކަތް ކުރަނީ މިހާރު އައިޖީއެމްއެޗް ލެބަށް ފޮނުވައިގެން ޓެސްޓު ހެދޭތޯ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބ. ދަރަވަންދޫ ހޮސްޕިޓަލުން ކޮވިޑަށް ޓެސްޓު ކުރެވޭ ކަމަށާއި ނަމަވެސް ފަތުރުވެރިންގެ ސާމްޕަލް އެތަނުން ނުނެގޭ ކަމަށެވެ. މި މައްސަލަ ކުރިއަށް އޮތްތާންގައި އިތުރަށް ދިމާވުމުގެ ފުރުސަތު އޮތަތީވެ، ސަަރުކާރުން މިކަމަށް އެހެން އިންތިޒާމެއް ހަމަޖެއްސެވުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

"ވަރަށް ބޮޑު ދައްޗެއް މާލެއިން ފޮނުވަމަކީވެސް. އޭގެ ބަދަލުގައި ރިސޯޓާ ކައިރިތަނަކުން އިންތިޒާމް ހަމަޖެއްސުމަކީ ފަސޭހަވެގެންދާނެ ކަމެއް. ހަމަ އެކަނި ޓެސްޓު މި ހެދެނީ ބޮޑެތި ހޮސްޕިޓަލުގެ ލެބްތަކުން،" އޭނާ ވިދާޅުވި އެވެ.

ރ. އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓަކަށްވެސް މި މައްސަލަ ވަނީ ކުރިމަތިފަ އެވެ. އެ އަތޮޅު ރިސޯޓެއްގެ މެނޭޖްމަންޓުގެ އިސް ބޭފުޅަކު ވިދާޅުވީ، އެ ރިސޯޓުގައި މިހާރުވެސް 12 އަށް ވުރެ ގިނަ ފަތުުރުވެރިން ޓެސްޓު ކުރަން ޖެހި، ނުކުރެވިފައިވާ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ މި މައްސަލަތައް ދިމާވަނީ އިންޑަސްޓްރީއާ އެކު ސަރުކާރުން އެކަށީގެންވާ ގޮތެއްގައި މަޝްވަރާ ކުރަމުން ނުދާތީ ކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރުމުގައި ވެސް އެންމެ އެދެވޭ ގޮތުގައި މަސައްކަތް ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ ގޮތް ހުސްވެފައި. އެއް މަސް ވެގެން މި ދަނީ ބޯޑަރު ހުޅުވާލިތާވެސް، މިކަމަށް އެކަށީގެންވާ ހައްލެއް ނައި. ތައްޔާރުނުވެ ބޯޑަރު ހުޅުވުމުގެ ނަތީޖާ މިއީ. އަޅުގަނޑުމެން މިދަނީ ރައީސް އޮފީހަށާއި އެޗްޕީއޭއަށްވެސް އީމެއިލް ފޮނުވަމުން. އެދެވޭ ޖަވާބެއް ނުލިބޭ. އިންޑަސްޓްރީއާ ގުޅުން ކުޑަވުމާއި މަޝްވަރާ ނުކުރުން މިކަންކަން މިހާ ދިގުލައިގެން މިދަނީ،" އޮޕަރޭޓް ކުރާތާ 24 އަހަރު ވެފައިވާ އެ ރިސޯޓުގެ އިސް ފަރާތަކުން ވިދާޅުވި އެވެ.

އެޗްޕީއޭގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، އެ އިދާރާއަށްވެސް އެ ޝަކުވާ އަންނަމުންދާ ކަމަށާއި އެކަން ވީވަރަކުން ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ، އެކި ރިސޯޓުތަކަށް އެކި ލެބްތަކުން ޓެސްޓު ކުރުމުގެ އިންތިޒާމް ހަމައްޖައްސާފައިވާ ކަމަށެވެ.

"އޭޑީކޭ، އައިޖީއެމްއެޗް، ޓްރީޓޮޕް އަދި އައްޑު ސިޓީއާއި ކުޅުއްދުއްފުށީ ލެބްތަކުން ރިސޯޓުތަކަށް ޓެސްޓް ކުރުމަށް ހަމަޖެއްސީ. އަތޮޅު ތެރޭ އެެހެން ރަށްތަކުގައި މިހުންނަނީ ޖީން އެކްސްޕާޓް މެޝަން. އެހެންވެސް އެ ތަންތަން ހާއްސަކޮށްފައިވަނީ އާންމު ރައްޔިތުންނަށް، އެހާ ބޮޑު ކެޕޭސިޓީއެއް އެތަންތަނުގައި ނެތުމުން،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ، އެޗްޕީއޭ އިން މަސައްކަތް ކުރަނީ ބެލެންސެއް ގެންގުޅެ، ޓެސްޓު ކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ. މިފަދަ ބަލިމަޑުކަމެއްތެރޭ ވަކި ބަޔަކަށް އިސްކަންދީ އެގޮތަށްވެސް އިންތިޒާމް ހަމަ ނުޖެއްސޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބެލެންސެއް ގެންގުޅެން ޖެހޭ، މިއުޅެނީ ޕެންޑަމިކްއެއްގައި. އެހެންވެ އެލޮކޭޝަންއެއްވެސް ހެދީ ރިސޯޓުތަކަށް [ވަކި ލެބްތަކެއް ހާއްސަ ކުރީ]. ފަތުރުވެރިން މުހިންމު ގޮތައް އާންމު ރައްޔިތުންވެސް މުހިންމު. އެއްފަރާތަކަށް ގިނަކޮށްަފައި އަނެއް ފަރާތައް މަދުވެސް ނުކުރެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

މިކަން ހައްލު ކުރުމަށް ކުރާ މަސައްކަތަކީ ކޮބާތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، މިހާރުވެސް ކެޕޭސިޓީ ބޮޑު ކުުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކުރިން 800 ޓެސްޓު ދުވާލަކު ހެދުމުން އައި ނަމަވެސް، މިހާރު 1،100 އަށް ޓެސްޓް ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއޯސީ)ގެ ތަރުޖަމާން އަދި އެޕިޑޮމިލޮޖިސްޓް ޑރ. ނަޒްލާ ރަފީގުވެސް ރޭ ވިދާޅުވީ، ޓޫރިސްޓު ޓެސްޓް ކުރުމުގައި ދަތިވާތީ، އެޗްއީއޯސީއިން އެކަން ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ފުރުމުގެ ކުރިން ޓެސްޓް ހަދަން ޖެހޭ ޓޫރިސްޓުންގެ މައުލޫމާތު ދުރާލާ ފޮނުވުމުން އެޗްއޯސީއިން އެ އިންތިޒާމް ހަމަޖައްސަން މިހާރު ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ވަނީ އެއާޕޯޓުގައިވެސް ޓެސްޓިން ފެސިލިޓީއެއް ގާއިމު ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް މީގެ ކުރިން ބުނެފަ އެވެ. އޮފިޝަލް ވިދާޅުވީ، އެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށާއި ނަމަވެސް އެ ފެސިލިޓީ ގާއިމް ކުރެވޭނީ ކޮން ދުވަހަކު ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ބައެއް ރިސޯޓްތަކުގެ ހަރަދުގައި އަމިއްލައަށް ވެސް ކޮވިޑް ޓެސްޓިން ފެސިލިޓީ ގާއިމްކޮށްފައިވެ އެވެ. އެގޮތުން، ސޮނޭވާ ރިސޯޓްސް އިން ހަރަދުކޮށްގެން ނ. މާފަރު އެއާޕޯޓްގައި ވަނީ ކޮވިޑް ޓެސްޓް ލެބެއް ގާއިމްކޮށްފަ އެވެ.

އިމިގްރޭޝަން އިން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު 15 އިން ފެށިގެން އެ މަހުގެ ނިޔަލަށް 1،769 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

comment ކޮމެންޓް