ދިލް ބޭޗާރާގެ "މަސްޚަރީ"ގެ ވީޑިއޯ ލަވަ ދައްކާލައިފި

މަސްޚަރީގެ މަންޒަރެއް--

ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތް ފެނިގެންދިޔަ އެންމެ ފަހު ފިލްމު ދިލް ބޭޗާރާގެ ލަވަ "މަސްޚަރީ"ގެ ވީޑިއޯ ލަވަ ދައްކާލައިފި އެވެ.

މި ލަވައިގެ އޮފިޝަލް ވީޑިއޯ ލަވަ އިއްޔެ ޔޫޓިއުބްގައި ރިލީޒްކުރިއިރު މި ލަވައަށް އަންނަނީ އާންމުންގެ ތަރުހީބު ލިބެމުންނެވެ. ރިދޭ ގައްތާނީ އަދި ސުނިދީ ޗޯހަންގެ ހިތްގައިމު އަޑުން ކިޔާފައިވާ އެ ލަވައިގެ ލިރިކްސް ހެދީ އަމީތާބް ބައްޓާޗާރިޔާ އެވެ. އަދި ލަވައިގެ މިއުޒިކް ތައްޔާރުކުރީ އޭ ރަހްމާން އެވެ.

މިދިޔަ މަހު 24 ވަނަ ދުވަހު ހޮޓްސްޓާގައި ރިލީޒްކުރި އެ ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ސަންޖަނާ ސާންގީ އާއި ސުޝާންތު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ރިލީޒްކުރުމާއެކު އައީ ގިނަ ރެކޯޑުތަކެއް ހަދަމުންނެވެ. އެ ފިލްމު ރިލީޒްކުރިތާ 24 ގަޑިއިރުތެރޭ 95 މިލިއަން ވިއުސް ވަނީ ލިބިފަ އެވެ. މި ފިލްމުވެފައި ވަނީ ޑިޖިޓަލް ޕްލެޓްފޯމެއްގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އިންޑިއާގައި އެންމެ ގިނަ ބަޔަކު ބެލި ފިލްމަށް ވެފަ އެވެ. އަދި އެ ފިލްމަށް ވަނީ އެންމެ ބޮޑު އޯޕަނިން ހޯދި ފިލްމުގެ ލަގަބު ލިބިފައި ކަމަށް ހޮޓްސްޓާއިން ބުނެ އެވެ. ސުޝާންތުގެ ފަހު ފިލްމު ވެފައި ވަނީ އައިއެމްޑީބީ އިން މިހާތަނަށް އެންމެ ރޭޓިން މަތިކޮށް ލިބުނު ފިލްމަށް ވެފަ އެވެ.

comment ކޮމެންޓް