ބޭރޫތުގެ ގޮވުން: 200،000އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިއްޖެ

ލުބުނާނުގެ ބަނދަރުގައި ހުރި ގުދަނެއް ގޮވައި، އެ ސަރަހައްދުގައި ހުރި އިމާރާތްތައް ވަނީ ބިމާ ހަމަވެފަ -- ފޮޓޯ: އޭޕީ

ބޭރޫތު (އޮގަސްޓް 5): ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ރޭ ގުދަނެއް ގޮވުމުގެ ސަބަބުން ގިނަ އަދަދެއްގެ އިމާރާތްތަކަށް ލިބުނު ގެއްލުންތަކާ ހެދި 200،000އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް ބޭރޫތުގެ ގަވަރުނަރު މަރުވާން އަބޫދު ވިދާޅުވެއްޖެ އެވެ.

އެމްޓީވީ ނޫހަށް މައުލޫމާތު ދެއްވަމުން އަބޫދު ވިދާޅުވި ގޮތުގައި ލުބުނާނުގެ ސަރުކާރުން މިހާރު ދަނީ ރޭގެ ގޮވުމުގެ ސަބަބުން މަގުމަތިވި 200،000 އާއި 300،000އާ ދޭތެރޭގެ އަދަދެއްގެ މީހުންނަށް ކާނާ އާއި ފެނާއި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެ ހާދިސާގައި ލިބުނު ގެއްލުމުގެ އަގު ފަސް ބިލިއަނަށް ވުރެ އިތުރުވެދާނެ ކަމަށްވެސް އޭނާ ލަފާ ކުރެއްވި އެވެ.

"އަޅުގަނޑަށް ހީވަނީ މިވަގުތު 250،000 އާއި 300،000އާ ދެމެދުގެ އަދަދެއްގެ މީހުންގެ ގެދޮރު ނެތް ހެން. އަދި ގެއްލުމުގެ އަގު ތިން ބިލިއަން ޑޮލަރާއި ފަސް ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާ، އެއަށް ވުރެ އިތުރުވުން ވެސް އެކަށީގެންވޭ،" އަބޫދު ވިދާޅުވި އެވެ.

ބޭރޫތުގެ ބަނދަރު ސަރަހައްދުގައި ރޭ ބާރުގަދަ ގޮވުމަކާއެކު މުޅި ސިޓީ ގުގުމާލި އިރު، އެ ހާދިސާގައި 100 މީހަކު މަރުވެ، 4،000އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި އެ ސަރަހައްދުން ވެއްޓިފައިވާ އިމާރާތްތައް ހޯދަމުންދާ އިރު، އަނިޔާ ލިބިފައިވާ މީހުންނާއި މަރުވެފައިވާ އިތުރު މީހުން ފެނުނު އެކަށީގެންވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެ ހާދިސާ ހިނގި ސަބަބު މިހާރު ތަހުގީގު ކުރަމުންދާ އިރު، އެގައުމުގެ ބޮޑުވަޒީރު ހަސަން ދިއާބު ވަނީ އެ ހާދިސާ ހިނގީ ބޭރޫތު ބަނދަރުގެ ގުދަނެއްގައި ރައްކާކޮށްފައި ހުރި 2،750 ޓަނުގެ އެމޯނިއަން ނައިޓްރޭޓްގައި ރޯވުމުން ކަމަށް ވިދާޅުވެފަ އެވެ.

ގަސް ކާނާ އާއި ބޮން ހެދުމަށްވެސް ބޭނުން ކުރާ އެމޯނިއަމް ނައިޓްރޭޓް އެ ގުދަނުގައި ރައްކާކޮށްފައި ވަނީ އެފަދަ ކެމިކަލްތައް ރައްކާ ކުރުމާ ބެހޭ ގަވާއިދުތަކާ ހިލާފަށް ކަމަށް ދިއާބު ވިދާޅުވި އެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް، ޒިންމާވާ މީހުންނަށް އަދަބު ދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް