ފުވައްމުލަކު ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ފުވައްމުލައް ސިޓީ: އެކްސިޑެންޓުގައި އަނިޔާވި ދެ ޒުވާނުން ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައި--ސަން ފައިލް ފޮޓޯ

މާލެއިން ފުވައްމުލަކަށް ގޮސްހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

ޕޮޒިޓިވްވެފައި ވަނީ ހޯމް ކަރަންޓީންގައި ހުރި މީހެކެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޟިރާރު މިއަދު "ސަން" އަށް ވިދާޅުވީ، އޭނާ ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީންގެ 14 ދުވަސް ހަމަވެ، ހެދި ޓެސްޓުން ކަމަށެވެ.

"14 ދުވަސް ހަމަވެގެން އިއްޔެ ސާމްޕަލް ނެގީ. މިއަދު އެޗްޕީއޭ އިން ވަނީ އަންގާފައި އޭނާ ޕޮޒިޓިވްވިކަން،" ޟިރާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އޭނާ ކަރަންޓިންގައި ހުރީ އާއިލާއާއެެކު ކަމަށާއި އޭނާ ޕޮޒިޓިވްވުމާ ގުޅިގެން މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

މާލެއިން ރަށްރަށަށް ދާ މީހުން 14 ދުވަހަށް ހޯމް ކަރަންޓިން ކުރެ އެވެ. އަދި އެ މީހަކު ދޫކޮށްލަނީ، ކަރަންޓީންގެ މުއްދަތު ހަމަވެ، ކޮވިޑަށް ހަދާ ޓެސްޓުގެ ނަތީޖާ ނެގެޓިވްވުމުންނެވެ.

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީވެ ސަރުކާރުން ވަނީ އިއްޔެ އިން ފެށިގެން އިތުރު ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ކުރިން މާލެއިން ފުރައިގެން ރަށަށް ދާން ބޭނުންވާ ކޮންމެ މީހަކަށް ހުއްދަ ދިން ނަމަވެސް، އިއްޔެ އިން ފެށިގެން ސަރުކާރުން ނިންމާފައިވަނީ، ޒަރޫރީ ބޭނުމެއް ނެތި ކޮންމެހެން ރަށަށް ދާން ނުޖެހޭ މީހުންނަށް ރަށަށް ދިޔުމުގެ ހުއްދަ ނުދިނުމަށެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭރަށް ނުކުމެ އުޅޭ އިރު މާސްކު އެޅުމަށްވެސް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފަ އެވެ. އަދި ބަލި އޮތް ރަށްތަކުގައި މާސްކު އެޅުން މިހާރު ވަނީ މަޖުބޫރުކޮށްފަ އެވެ.

މިހާތަނަށް ރާއްޖެއިން 4،400 މީހަކަށް ކޮވިޑް ޖެހިފައިވާ އިރު، 2،693 މީހުން ވަނީ ބަލިން ފަސޭހަވެފަ އެވެ. މިހާތަނަށް ބަލި ޖެހިގެން މަރުވެފައިވަނީ 19 މީހުންނެވެ.

comment ކޮމެންޓް