ފެނާއި ނަރުދަމާގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ރައީސް ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ މަހުގެ 20 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި، ފެނާއި ނަރުދަމާގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކޮށްދެއްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ފެނާ ނަރުދަމާގެ ބިލެއް ހުށަހެޅީ، ފެނާއި ނަރުދަމާގެ ހިދުމަތް ރާއްޖޭގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް ކަށަވަރުކޮށްދިނުމަށްޓަކައި، ކަމާބެހޭ ވުޒާރާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރުމާއެކު، ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރާނެ އޮތޯރިޓީގެ މަސްއޫލިއްޔަތާއި ބާރުތައް ބަޔާންކުރުމާއި، ސާފު ފެން ލިބުމާއި، އެކަށީގެންވާ މިންވަރުގެ ނަރުދަމާގެ ނިޒާމެއް ފޯރުކޮށްދިނުމަށް، ފެނާއި ނަރުދަމާގެ ހިދުމަތް ލިބިދިނުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށެވެ.

ފެން އުފައްދައި، ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ އުސޫލުތަކާއި، ފެނާއި ނަރުދަމާގެ ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާތަކުގެ އިތުރުން، ބިލުގައި ބަޔާންކޮށްފައިވާ ޒިންމާތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާންކުރުމަށެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގެމަނަފުށި ދާއިރާގެ މެންބަރު އަހްމަދު ސައީދެވެ.

އެ ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ، ކޮމެޓީ މަރުހަލާގައި ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ފަހު އެވެ. އެގޮތުން ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގައި ހަމަހަމަ ކަމާއި، މެދުކެނޑުމެއްނެތި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަކީ ހިދުމަތްދޭފަރާތުގެ ޒިންމާއެއްކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

އެ ޒިންމާތަކުގެ ތެރޭގައި ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށް ދޫކުރާ ތަންތަނުގައި ފުރަތަމަ ފަހަރު ފެނާއި ނަރުދަމާގެ ހޮޅި ގުޅައިދޭންވާނީ އަގު ނެގުމަކާ ނުލައި ކަމަށް ބުނެފައިވެއެވެ.

އަދި ފެނާއި ނަރުދަމާގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް، މައްސަލައެއް ކުރިމަތިވިޔަ ނުދިނުމަށް ބޭނުންވާ ސާމާނާއި ތަކެތި ފަސޭހައިން ލިބޭނެ ގޮތަކަށް ބަހައްޓައި، މައްސަލައެއް ދިމާވެއްޖެނަމަ، ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކޮށް ދޭންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެއިތުރުން، ހިދުމަތްދޭ ފަރާތްތަކަށް ލިބިފައިވާ ބާރުތައް ތަންފީޒު ކުރުމުގައި ހިދުމަތްދޭ ސަރަހައްދުގައި ދިރިއުޅޭ ނިކަމެތިންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ގުޅައިދިނުމާއި، ފެނާއި ނަރުދަމާގެ ހިދުމަތް ސަސްޕެންޑްކުރުން ނުވަތަ ކަނޑާލުންފަދަ ފިޔަވަޅުތައް އެޅުމުގައި ލުއިގޮތްތަކެއް އިންތިޒާމްކުރަންވާނެކަމަށް ބުނެފައިވެ އެވެ.

ފެނާއި ނަރުދަމާގެ ބިލު ރައީސް ތަސްދީގުކުރެއްވުމާ ގުޅިގެން އެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފަ އެވެ. އަދި، ގާނޫނު ގެޒެޓުގައި ޝާއިއު ކުރުމާއިއެކު، އެ ގާނޫނަށް އަމަލުކުރަން ވަނީ ފަށާފަ އެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމުން، މީހުން ދިރިއުޅޭ ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތުގެ އަގު ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލުގެ މަޝްވަރާގެ މަތިންނެވެ.

މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް ޝާއިއުކުރަން ޖެހޭނެ އެވެ.

comment ކޮމެންޓް