ތަމްރީނަށްފަހު ވަކީލުކަމުގެ ހުއްދަ ދޭ އިސްލާހު ތަސްދީގުކޮށްފި

ޖެނުއަރީ 31، 2019: ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންނަށް ވަކީލު ކަމުގެ ހުވާ ލައިދިނުމަށް ސުޕްރީމް ކޯޓުގެ ގޯތިތެރޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގާނޫނީ ވަކީލު ކަމުގެ ހުއްދަ ނުލިބި ގިނަ ދުވަސްވެފައި ތިބި ފަރާތްތަކުން ބާ ކައުންސިލުން ހިންގާ އެއް މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލު ކަމުގަ ހުއްދަ ދެވޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު ފާސްކުރީ 71 މެމްބަރުންގެ ވޯޓުންނެވެ.

ބާ އިމްތިހާނު ފުރިހަމަ ކުރުމުން ނޫން ގޮތަކަށް ވަކީލު ކަމުގެ ހުއްދަ ނުލިބޭނެ ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި ބުނެފައިވެ އެވެ. ނަމަވެސް އަހަރެއް ވެގެން ދިޔައިރުވެސް ބާ އިމްތިހާނު ބާއްވާފައި ނުވާތީ ހުއްދަ ނުލިބިގެން ވަކީލުކަން ކިޔަވައިގެން ތިބި ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ބާ އިމްތިހާނު ނުހަދާ މިހާރު ތިބި ވަކީލުންނަށް ހުއްދަ ދެވޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.

މަޖިލީހުން ބިލު ފާސްކުރިއިރު ބުނެފައިވަނީ މިހާރު ހުއްދަ ނުލިބި ތިބި ވަކީލުންނަށް ހާއްސަކޮށްގެން ބާ ކައުންސިލުން ހިންގާ އެއްމަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލު ކަމުގެ ހުއްދަ ދޭން ޖެހޭނެ ކަމަށެވެ.

އިސްލާހުގައި ބުނެފައިވަނީ އެ އިސްލާހު މަޖިލީހުން ފާސްކޮށް ގެޒެޓުގައި ޝާއިރު ކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންގެ ފެންވަރު ވަޒަންކުރާނެ ގޮތް ބަޔާންކުރާ އުސޫލެއް ބާ ކައުންސިލުން އެކުލަވާލައި، ގެޒެޓް ކުރަން ޖެހޭނެ ކަމަށެވެ. އަދި އެ އުސޫލު ގެޒެޓް ކުރާތާ ހަތް ދުވަހުގެ ތެރޭގައި ތަމްރީނު ޕްރޮގްރާމް ބާއްވަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ވަނީ ބުނެފަ އެވެ.

"އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ތާރީހުން ފެށިގެން ގިނަވެގެން 21 ދުވަހުގެ ތެރޭގައި މި ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ގޮތުގެ މަތިން ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރުމުގެ އިންތިޒާމު ބާ ކައުންސިލުން ހަމަޖައްސަން ވާނެ އެވެ." މަޖިލީހުން މިއަދު ފާސްކުރި ބިލުގައި ބުނެފައިވެ އެވެ.

އެ ތަމްރީނު ޕްރޮގްރާމަށް ފަހު ވަކީލު ކަމުގެ ހުވާ ކުރާ ފަރާތްތަކުން އެންމެ އަވަހަށް ބާ ކައުންސިލުން ބާއްވާ ބާ އިމްތިހާނެއްގައި ބައިވެރިވުމަށް ވަނީ ލާޒިމް ކޮށްފަ އެވެ. ނަމަވެސް އެ ބާ އިމްތިހާނުގައި ބައިވެރި ނުވުމުން ދެން ވާނެ ގޮތެއް އިސްލާހުގައި ބަޔާން ކޮށްފައެއް ނުވެ އެވެ.

އެއްމަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލު ކަމުގެ ހުއްދަ ލިބެނީ މިހާރު ހުވާ ނުކުރެވި ތިބި ވަކީލުންނަށެވެ. އޭގެ ފަހުން ކިޔަވާ ކުދިންނަށް ހުއްދަ ލިބޭނީ ބާ އިމްތިހާނު ފުރިހަމަ ކުރުމުން ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް