އުނގޫފާރުން ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވްވެ، ރަށް އާންމު ހާލަތަށް ގެނެސްފި

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް --

ރ. އުނގޫފާރުން ނެގި ހުރިހާ ސާމްޕަލެއް ނެގަޓިވްވެ، ރަށް އާންމު ހާލަތައް ގެނެސްފި އެވެ.

އުނގޫފާރު މޯނިޓަރިން ހާލަތައް ގެނެސް، މީހުން އަރާ ފޭބުން ވަގުތީ ގޮތުން މަނާ ކުރީ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލން މާލެ ފޮނުވި ބަލި މީހަކު ކޮވިޑަށް އިއްޔެ ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

އުނގޫފާރު ހޮސްޕިޓަލުގެ މެނޭޖަރު އިބްރާހިމް ޒަޔަން މިއަދު "ސަން" އަށް ވިދާޅުވީ، އެ ކޭސްއާ ގުޅިގެން ނެގި ހުރިހާ ސާމްޕަލެއް ނެގަޓިވްވެފައިވާ ކަން އެޗްޕީއޭ އިން މިއަދު އަންގާފައިވާ ކަމަށެވެ. އަދި އެއާއެކު މިހާރު ރަށް މޮނީޓަރިންގެ ހާޅަތުންވެސް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ކޭސްއާ ގުޅިގެން ނަގަން ނިންމި ފަސް ސާމްޕަލް ވަނީ ކޮވިޑަށް ނެގަޓިވްވެފައި،" ޒަޔަން ވިދާޅުވި އެވެ.

ޓެސްޓް ކުރި މީހުންގެ ތެރޭގައި ހިމެނެނީ، ދެ ޑޮކްޓަރުންނާއި ނަރުހަކާއި ޕޮޒިޓިވްވި މީހާގެ ދަރިފުޅު އަދި، ހޮސްޕިޓަލުގައި އޮތް ބަލި މީހެކެވެ.

އުނގޫފާރު ހޮސްޕިޓަލުން ފަރުވާ ހޯދި ބަލި މީހެއް ކޮވިޑަށް ޕޮޒިޓިވްވުމުން ހޮސްޕިޓަލުގެ ހިދުމަތްތައްވެސް ވަގުތީ ގޮތުން މެދުކަނޑާލި އެވެ.

ޒަޔަން ވިދާޅުވީ، ސާމަޕްލްތައް ނެގަޓިވްވުމުން ހޮސްޕިޓަލުވެސް މިހާރު އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ.

މި ކޭސްއާ ގުޅިގެން 35 އަށް ވުރެ ގިނަ މީހުން އެކަހެރި ކުރި އެވެ. ޒަޔަން ވިދާޅުވީ، އެ އެންމެވެސް އަދި ތިބީ އެކަހެރިކޮށްފައި ކަމަށާއި އެމީހުން ޓެސްޓު ކުރާމެދު ގޮތެއް ނިންމާނީ އެޗްޕީއޭ އިން ކަމަށެވެ.

ޒަޔަން ވިދާޅުވީ، އަކަހެރި ކުރި މީހުންގެ ތެރޭގައި ހަތް ޑޮކްޓަރުނާއި 27 އަށް ވުރެ ގިނަ ނަރުހުންވެސް ހިމެނޭ ކަމަށެވެ. އަދި އެހާ ގިނަ މުވައްޒަފުން އެކަހެރި ކުރަން ޖެހުމުން ހޮސްޕިޓަލުގެ ހިދުމަތްތައް ދިނުމަށް ދަތިތަކެއް ހުރި ކަން ޒަޔަން ފާހަގަ ކުރެއްވި އެވެ.

"ބާރު ބޮޑުކޮށް މި ދަނީ. ހައްލު ކުރުމަށް އެމްއެންޔޫ ކެމްޕަސްގެ އެހީތެރިކަމާއެކު އެ ކެމްޕަސްގެ ކިޔަވާ ދަރިވަރުންތަކަކާ އެއް ލެކްޗަރާއެއް ދަނީ ވޮންލަންޓަރީ ކުރުމުން،" ޒަޔަން ވިދާޅުވި އެވެ.

އޭގެ އިތުރުން އަތޮޅުގެ އެހެން ސިއްހީ މަރުކަޒުގެ މެޑިކަލް އޮފިސަރުންވެސް އުނގޫފާރު ހޮސްޕިޓަލަށް ގެނައުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ކޭސްއާ ގުޅިގެން ޅ. އޮޅުވެލިފުށި ވެސް މޮނީޓަރުންގެ ހާލަތައް ގެނަ އެވެ. ނަމަވެސް އެ ރަށް ވެސް މިހާރު ވަނީ މޮނިޓަރިން ހާލަތުން ނަގައިފަ އެވެ. ބަލި މީހާ އުނގޫފާރު ހޮސްޕިޓަލަށް ގެނައީ އޮޅުވެލިފުށި ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިދިޔަ މަހު 29 ވަނަ ދުވަހު އެވެ.

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީވެ ސަރުކާރުން ވަނީ އިއްޔެ އިން ފެށިގެން އިތުރު ފިޔަވަޅުތަކެއް އަޅާފަ އެވެ. މިހާތަނަށް ރާއްޖެއިން 4،400 މީހަކަށް ކޮވިޑް ޖެހިފައިވާ އިރު، 2،693 މީހުން ވަނީ ބަލިން ފަސޭހަވެފަ އެވެ. މިހާތަނަށް ބަލި ޖެހިގެން މަރުވެފައިވަނީ 19 މީހުންނެވެ.

comment ކޮމެންޓް