ޝީރީންގެ މަރުގެ މައްސަލައިގައި އޭނާގެ ލޯބިވެރިޔާ 12 އަހަރަށް ޖަލަށް

ޝީރީންގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު ކޯޓުން ނެރެނީ: 10 އަހަރު ފަހުން ނަޖާހުއަށް މިއަދު ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ---- ސަން ފައިލް ފޮޓޯ

މާލޭގައި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި މީގެ 10 އަހަރު ކުރިން މަރުވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ އޭރުގެ ލޯބިވެރިޔާ ލ. ގަން، ތުޑިވިލާ، މުހައްމަދު ނަޖާހު، 12 އަހަރަށް ޖަލަށް ލުމަށް ހައިކޯޓުން ދާދި ދެންމެ ހުކުމް ކޮށްފި އެވެ.

ޝީރީން މަރާލާފައި އޮއްވާ ފެނުނީ، 2009 ވަނަ އަހަރު ޑިސެމްބަރު މަސް ތެރޭގަ އެވެ. އޭގެ ހަ އަހަރު ފަހުން ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގައި ތުހުމަތުވާ މުހައްމަދު ނަޖާހު މައްޗަށް ގަސްތުގައި މީހަކު މެރި ކަމުގެ ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފަ އެވެ. އަދި އޭނާ ވަނީ މިނިވަންވެފަ އެވެ.

ނަޖާހުގެ މައްޗަށް ގަސްތުގައި މީހަކު މެރި ކަމުގެ ދައުވާ ކުރީ ޑިސެމްބަރު، 20، 2009 އިން ފެށިގެން މާފަންނު ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރިޔަމް ޝީރީނާއެކު އުޅުނު އުޅުމުގައި އޭނާ ޝީރީން މަރާލާފައިވާ ކަމަށް ބުނެ އެވެ. ކްރިމިނަލް ކޯޓްގެ ޝަރީއަތުގައި ދައުލަތުން ބުނެފައި ވަނީ، ނަޖާހު ޝީރީން މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ފޮއްޓަކަށް ލައިގެން ޓެކްސީއެއްގައި ގެންގޮސް މާފަންނުގައި އިމާރާތްކުރަމުންދިޔަ ގެއެއްކަމުގައިވާ މ. އަންގާގިރީގައި ބަހައްޓާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ޝީރީން މަރުވި ސަބަބު ނޭނގޭ ކަމަށާއި އޭނާ މަރުވި ސަބަބު ދެނެގަނެވޭނީ ޕޯސްޓްމޯޓަމް ހަދައިގެން ކަމުގައިވާތީ، ޕޯސްޓްމޯޓަމް ހެދުމަށް ލަފާދީފައިވާނެ ކަމަށް ޝީރީން ބެއްލެވި ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް ޝީރީންގެ ޕޯސްޓްމޯޓަމް ހެދިކަން ދައުލަތުން ހުށަހެޅި ލިޔުންތަކުން އެނގެން ނެތް ކަމަށް އެ ހުކުމްގައިވެ އެވެ.

ނަމަވެސް ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ.

އެ މައްސަލަ ބެއްލެވި ހައި ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރުންގެ މުހައްމަދު ނިޔާޒު އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދު އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލް ކަމަށް ނިންމާފައިވަނީ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ގަސްތުގައި މީހަކު މެރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތު ނުވި ނަމަވެސް ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ހުށަހަޅާފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބަލައި ނާޖުހެގެ މައްޗަށް 'ގަސްދުމަރާއި ވައްތަރުގެ މަރު' ޝަރީއަތަށް ސާބިތުވާކަމަށެވެ.

"މިކުށުގެ ތައުޒީރީ ޢުޤޫބާތެއްގެ ގޮތުން، ލ.ކަޅައިދޫ އޯޝަންވިލާ މުޙައްމަދު ނަޖާޙު 12 (ބާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށާއި، މަރްޔަމް ޝިރީންގެ ވާރިޘުންގެ ފަރާތުން މަރުގެ ދިޔަ މަޢާފު ނުކުރާހާހިނދު، މަރްޔަމް ޝިރީންގެ މަރުގެ ދިޔައަކީ މުޙައްމަދު ނަޖާޙުގެ ޢާޤިލާއިން ނުވަތަ މުޙައްމަދު ނަޖާޙު އަމިއްލައަށް ދޭން އޮތް ދިޔައެއްކަމާއި، އެދިޔަ ލިބި ގަތުމަށް، މަރްޔަމް ޝިރީންގެ ވާރިޘުންނަށް ދަށުކޯޓުގައި ދަޢުވާ ކުރުމުގެ ޙައްޤު އޮތްކަން އަންގާ،" އެ ހުކުމުގައި ބުނެފައިވެ އެވެ.

އެ ކުށުގެ ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަކީ އޭނާ ކުރި ބޮޑު ފާފައިން ތައުބާވުމަށް އޮތް މަގެއްކަމަށްވާތީ ހުކުމު ނިންމާލަމުން ނަޖާހުއަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

comment ކޮމެންޓް