ޓޭލާގެ އާ އަލްބަމްއާއެކު ބިލްބޯޑުގެ މުޅިން އާ ރެކޯޑެއް

ޓޭލާ ސްވިފްޓްގެ އާ އަލްބަމް ވަނީ ބިލްބޯޑުގެ ދެ ޗާޓެއްގެ އެއްވަނައަށް އެއްފަހަރާ އަރާފައި --

ޓޭލާ ސްވިފްޓްގެ އާ އަލްބަމް ކަމަށްވާ "ފޯކްލޯ" ބިލްބޯޑުގެ ޗާޓުތަކަށް އަރައި މުޅި ބިލްބޯޑުގެ ތާރީހުގައިވެސް މުޅިން އާ ރެކޯޑެއް މުގުރާލައިފި އެވެ.

ފޭނުންނަށް އަންގާވެސް ނުލާ އަލްބަމެއް އެއްކޮށް ތައްޔާރުކޮށް ޓޭލާ އެ އަލްބަމް ރިލީޒްކުރަން އުޅުމުން ހުރިހާ އެންމެނަށް ބޮޑު ޝޮކެއް ލިބިގެން ދިޔަ އެވެ.

އަލްބަމް ނެރުމާއެކު ފޭނުންނަށް އެ އަލްބަމް ވަރަށް ކަމުގޮސްފިއެވެ. އަދި ގިނަ އިރުތަކެއް ނުވެ ބިލްބޯޑަށް އެ އަލްބަމް އެރި އެވެ. އެ އަލްބަމް ރިލީޒްކޮށް ބިލްބޯޑުގެ ރެކޯޑެއް މުގުރާލާފައިވަނީ ދެ ޗާޓެއްގެ އެއްވަނައަށް އެއްފަހަރާ އެރުމުންނެވެ.

އެގޮތުން ފޯކްލޯ ވަނީ ބިލްބޯޑުގެ "ހޮޓް 100" އާއި "ބިލްބޯޑް 200"ގެ ޗާޓުގެ އެއްވަނައަށް ޑެބިއޫކޮށްފައެވެ. ޓޭލާގެ އަލްބަމްގެ ސިންގަލް އެއް ކަމަށްވާ "ކާޑިގަން" ވަނީ "ހޮޓް 100"ގެ އެއްވަނައަށް އަރާފައެވެ. އެފަދަ ރެކޯޑެއް މީގެ ކުރީން އެއްވެސް ފަންނާނެއް ހަދާފައެއް ނުވެ އެވެ.

ފޯކްލޯ ނެރުނު ފަހުން އެ އަލްބަމް އަންނަނީ އެތައް ރެކޯޑެއް މުގުރަމުންނެވެ. އެ އަލްބަމް ސްޕޮޓިފައިއަށް އަޕްލޯޑުކުރި ފުރަތަމަ ދުވަހު އެކަނިވެސް 80.6 މިލިއަނަށް ވުރެ ގިނަ ފަހަރު ސްޓްރީމްކޮށްފައި ވެ އެވެ.

comment ކޮމެންޓް