ޔާސިރާ ސުވާލެއް ނުކުރޭ، ދައުވާ ނުކުރީ ތުހުމަތުގައި އަސާސެއް ނެތީމަ: އާއިލާ

ޔާސިރު ޔަހުޔާ ސޯލިހު: --

ޓެރަރިޒަމްގެ ތުހުމަތުގައި ރާއްޖޭގެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ހުއްޓާ ހާލުބޮޑުވެގެން މަރުވި ޔަމަންގެ ޔާސިރު ޔަހުޔާއާ ޓެރަރިސްޓް ހަރަކާތްތަކާ ގުޅޭ ގޮތުން ސުވާލުނުކުރާ ކަމަށާއި އަދި އެކަމުގައި ދައުވާ ނުކުރީ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތުމުން ކަމަށް ޔާސިރުގެ އާއިލާއިން ބުނެފި އެވެ.

ދިވެއްސަކާ ކައިވެނިކޮށްގެން ކުޑަ ކުއްޖެއް ވެސް ހުންނަ ޔާސިރު ހައްޔަރުކުރީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާގެ ވިސާ ކެންސަލްކޮށް ޑީޕޯޓްކޮށްލެވެން ދެން ހުރީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފަ އެވެ. ނަމަވެސް ޔާސިރު ކުރި ބަނޑުހައިހޫނުކަމުގެ ހަޅުތާލާ ގުޅިގެން ހާލުބޮޑުވެ ސްޓްރޯކެއް ޖެހިގެން މިދިޔަ އާދިއްތަ ދުވަހު އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ.

ޔާސިރުގެ މަރާ ގުޅޭ ގޮތުން އިމިގްރޭޝަން، ކަރެކްޝަންސް އަދި ފުލުހުން ރޭ ނެރުނު ބަޔާނުގައި ބުނީ އޭނާ އަކީ އަލްގައިދާ އަށް ނިސްބަތްވާ އެ ޖަމާއަތުގެ ތަމްރީމްތައް ހަދާފައިވާ އިސް މީހެއް ކަމަށެވެ. އަދި މީގެ ކުރިން އޭނާ ޑީޕޯޓް ކުރަން މަސައްކަތް ކުރުމުން އޭނާގެ ޕާސްޕޯޓްނެތުމާއި އެކަމުގައި އޭނާގެ އެއްބާރުލުން ނުލިބުނު ކަމަށް ވެސް ބުނެފައިވެ އެވެ.

ޔާސިރު ރާއްޖެ އެތެރެވެފައި ވަނީ 2014 ވަނަ އަހަރު އެވެ.

ދައުލަތުގެ އިދާރާތަކުން ނެރުނު ބަޔާނާ ގުޅިގެން ޔާސިރުގެ އާއިލާގެ ބަޔާނުގައި ބުނީ އޭނާ ރާއްޖެ އެތެރެވި ފަހުން އޭނާއަކީ ނުރައްކާތެރި ޓެރަރިސްޓެއް ކަމަށް ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އިންޓެލިޖެންސް އިދާރާތަކުން މައުލޫމާތު ދީފައިވަނިކޮށް 2017 ވަނަ އަހަރާ ޖެހެންދެން އޭނާގެ ވިސާ ކެންސަލްނުކޮށް އޮވެ މުޖުތަމުއަށް ދޫކޮށްލައިފައި އޮތުމުން ދައުލަތުން ކުރާ ތުހުމަތުތަކުގެ އަސާސެން ނެތްކަން އެނގޭ ކަމަށެވެ.

ޔާސިރުގެ އާއިލާއިން ބުނީ އޭނާ 2017 ވަނަ އަހަރު ފެބްރުއަރީ މަހު އެކެއްގައި އިމިގްރޭޝަނަށް ހާޒިރުވުމަށް އެންގި ކަމަށާއި އަދި އެއްވެސް ތަފްސީލެއް ނުދީ އެ މަސް ނިމުމުގެ ކުރިން ރާއްޖެ އިން ފުރައިގެންދާން އެންގި ކަމަށް ބުންޏެވެ. ނަމަވެސް ޔާސިރުގެ އަންހެނުން ބަނޑަށް އަށް މަސްވެ ދަތުރުކުރުން ރައްކާތެރި ކަމަށް ނުވާތީ އަންހެނުން ވިހައި ގަދަވަންދެން އޭރު ޔާސިރު މަޑުކުރީ ކަމަށް ބުނެފައިވެ އެވެ. އެ މައްސަލަ ފަހުން ޔާސިރުގެ ވަކީލުން އިމިގްރޭޝަނަށް ސިޓީ ފޮނުވުމުން އެކަމާ ގުޅޭ މައުލޫމާތު ނުދިންކަންވެސް ފާހަގަކޮށްފައިވެ އެވެ.

ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތަކަށް ދިވެހީން ރެކްރޫޓްކުރަން އުޅޭކަމަށް ތުހުމަތުކޮށް ޔާސިރު ހައްޔަރުކުރީ 2017ގެ މާޗް ތިން ވަނަ ދުވަހު އެވެ. ނަމަވެސް އެ ތުހުމަތުތަކާ ގުޅިގެން ސުވާލެއް ނުކުރާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

"ޓެރަރިސްޓް ޖަމާއަތެއް ހިންގުމުގައި ބައިވެރިކުރުމަށް މީހަކު އެޖަމާއަތާއި ގުޅުވުމަކީ ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމަކަށްވީ އިރު، އިތުބާރު ހުރި މަސްދަރުތަކަކުން އެފަދަ މައުލޫމާތެއް ލިބިފައިވާ ކަމަށް ބުނާ ހާލު ޔާސިރު ޔަހްޔާއާއި އެތުހުމަތުތަކާ ގުޅިގެން އެއްވެސް ސުވާލެއް. ތަހުގީގެއް އަދި ދައުވާއެއް އުފުލިފައި ނުވަނީ އެ ތުހުތަމުތަކުގައި އެއްވެސް އަސާސެއް ނެތުމުން ކަމުގައި ދެކެމެވެ." ޔާސިރުގެ އާއިލާއިން ނެރުނު ބަޔާނުގައިވެ އެވެ.

ޔާސިރުގެ ރާއްޖެއިން ފުރުވާލަން ބޭނުންވާ ޓްރެވެލް ޑޮކިއުމެންޓް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ޔަމަން ސަރުކާރުން ހޯދުމަށް ކުރި މަސައްކަތަށް އޭނާގެ އެއްބާރުލުން ނުލިބުނުކަމަށް ދައުލަތުން ބުނެ އެވެ.

ނަމަވެސް ޔާސިރުގެ އައިލާއިން އެކަން ދޮގުކުރެ އެވެ. އާއިލާއިން ބުނީ މިދިޔަ އަހަރު ޔާސިރުއާއި ކަރެކްޝަންސްއާ ދެމެދު އެއްބަސްވުމެއް ގާއިމްކުރި ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ޔާސިރުގެ އާއިލާއިން އޭނާ ފުރުވާލުމުގެ ކަންތައްތައް ހަމަޖެއްސުމަށް ޓަކައި މެލޭޝިޔާގައި ހުންނަ ޔަމަނުގެ އެމްބަސީއަށް ދިޔުމުން، ދިވެހި ސަރުކާރުން ޔާސިރު ޔަޙްޔާ ބަންދުކޮށްފައިވާކަމުގެ ލިޔުމެއް ހޯދުމަށް އެންގި ކަމަށް ބުނެފައިވެއެވެ.

"އާއިލާއިން އެދުނު ލިޔުން މޯލްޑިވްސް އިމިގްރޭޝަންގެ އިން އާއިލާ އާ ހަވާލުކޮށްފައި ވަނީ 9 ޑިސެމްބަރު 2019ގައި ކަން ފާހަގަކުރަމެވެ. އެހެންކަމުން ޔާސިރު ޔަހްޔާ ނުވަތަ އޭނާގެ އާއިލާއިން އެއްބާރުލުން ނުދީގެން ޔާސިރު ޔަހްޔާ ފުރުވާނުލެވުނު ކަމަށް ބުނާ
ބުނުމަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފް ވާހަކަތަކެއްކަން ފާހަގަކުރަމެވެ." ޔާސިރުގެ އާއިލާގެ ބަޔާނުގައިވެ އެވެ.

ގާނޫނު އަސާސީއާއި ޚިލާފަށް އޭނާ ހައްޔަރުކޮށް ބަންދުކޮށްފައިވާތީ އާއި، ރާއްޖޭގެ ގާނޫނު އަސާސީއާއި ބައިނަލްއަޤުވާމީ މުއާހަދާތަކުން ކަށަވަރުކޮށްދޭ އިންސާނީ ހައްގުތަކާއި އަދި މޯލްޑްވިސް ކަރެކްޝަނަލް ސާވިސްގެ އުސޫލުތަކުގެ ދަށުން، އޭނާއަށް ލިބެންޖެހޭ އަސާސީ
ހައްގުތަކެއް ނުލިބޭ ކަމަށް ބުނެ ޔާސިރު ފުރަތަމަ ފަހަރަށް ހަޅުތާލުކުރީ މިދިޔަ އަހަރު އެވެ. އެ ހަޅުތާލު ނިންމާލީ ކަރެކްޝަންސްއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.

އެއްބަސްވުމެއްގެ ދަށުން، ޔާސިރުއަށް ލިބެން ޖެހޭ އަސާސީ ހައްގުތައްް ކަށަވަރުކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށް އާއިލާއިން ބުންޏެވެ. އަދި ޔާސިރު ޔަހްޔާ އަމިއްލަ އިސްނެގުމުގެ މަތިން ރާއްޖެ ދޫކޮށް ފުރައިގެން ދިއުމުގެ ހުއްދައަށް އެދުމުން 20 މަސް ދުވަހުގެތެރޭގައި ފުރައިގެން ދިއުމަށް އޮތީ ޝަރުތުކޮށްފަ އެވެ.

"އެންމެ ފުރަތަމަ ފަހަރު ޔާސިރު ޔަހްޔާ ކުރި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލުމަށް ހެދުނު އެއްބަސްވުމުގެ މުއްދަތު
ހަމަވުމުން، ޔާސިރުގެ ހައްގުތަކަށް ދެވަނަ ފަހަރަށް އުނިކަން ލިބެން ފެށުމުން ދެވަނަ ފަހަރަކަށް ހަޅުތާލު ފަށާފައިވެ އެވެ. އެ
ހަޅުތާލުތައް ޔާސިރު ޔަޙްޔާ ފަށާފައިވަނީވެސް ފާއިތުވި މެއި މަހުގެ 45 ވަނަ ދުވަހުން ފެށިގެން އާއިލާ ބައްދަލުވުންތަކާއި ފޯނު
ކޯލް ދިނުން ހުއްޓާލުމުންނެވެ." ޔާސިރުގެ އާއިލާގެ ބަޔާނުގައި ވެއެވެ.

ޔާސިރުގެ އާއިލާއިން ބުނީ ހައްގުތައް ނުލިބޭކަމުގެ ޝަކުވާ ކުރުމުން އެ ހައްގުތައް ނުލިބެނީ އޭނާ އަކީ ބިދޭސީއަކަށް ވުމުން ކަމަށް ކަރެކްޝަންއިން ބުނި ކަމަށާއި އަދި ކޮވިޑާ ގުޅިގެން ފޯންކޯލް ނުދެވޭނެކަމަށް އެންގި ކަމަށެވެ.

"އަދި 14 ޖުލައިގައި ހާލުދެރަވެ ހޮސްޕިޓަލްގައި އެޑްމިޓްކުރުމުން ޔާސިރު ޔަހްޔާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ހުއްޓާލާފައިވާކަމަށާއި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ދިޔާތަކެތި ދެމުންގެންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން އާއިލާއަށް މައުލޫމާތުދީފައިވާކަން
ފާހަގަކުރަމެވެ" އާއިލާގެ ބަޔާނުގައިވެ އެވެ.

ޔާސިރު އެންމެ ފަހު ދުވަސްވަރު އޭނާ ގޭ ބަންދަށް ވަގުތީ ގޮތުން ބަދަލުކުރަން ސިވިލް ކޯޓަށް ވެސް ހުށަހެޅި އެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

ޔާސިރު މަރުވިފަހުން ނިންމަން ޖެހޭ ޕާޕާވޯކްއާއި ބަލަން ޖެހޭ އެހެނިހެން ކަންތައްތައް ބަލަން ޖެހޭ ކަމަށް ބުނެ އޭނާގެ ހަށިގަނޑު އަދިވެސް އޮތީ މޯޗަރީގައި ބާއްވައިފަ އެވެ.

comment ކޮމެންޓް