ކާފިއު ވަގުތުގައި ފަތިސް ނަމާދަށް ދެވޭނެ: އެޗްޕީއޭ

މާލެ ސަރަހައްދުގައި ރޭގަނޑު ދިހަ އަކުން ފަތިހު ފަހަކާ ހަމައަށް މީހުން ނިކުމެ އުޅުން މަނާކޮށްފައި އޮތް ނަމަވެސް ފަތިސް ނަމާދަށް ދެވޭނެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

މާލޭ ސަރަހައްދުގައި ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވަނީ މިއަދު އެވެ.

އެ ގަޑީގައި ބޭރަށް ނިކުތުން މަނާކޮށްފައި އޮތް ނަމަވެސް އާންމުކޮށް ފަހެއް ޖެހުމުގެ ކުރިން ފަތިސް ނަމާދު ބަންގި ގޮވަ އެވެ. އެއާ އެކު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ ވަގުތުގައި ބޭރަށް ނިކުމުވޭނެ ހަތް ފަރާތްތެއް އިސްތިސްނާ ވާނެ ކަމަށް ބުނެފަ އެވެ.

އެ ފަރާތްތަކަކީ:

ސިފައިންނާއި ފުލުހުން
ސިއްހީ ހިދުމަތްދޭ މުވައްޒަފުން
އެމްބިއުލަންސް
އެޗްއީއޯސީގެ ފާސް ހުރި ފަރާތްތައް
ފަތިސް ނަމާދަށް މިސްކިތައް ދާ މީހުން
އެމަޖެންސީ ސިއްހީ ހިދުމަތް ހޯދަންޖެހޭ ފަރާތްތައް
ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް
މީގެ ކުރިން މާލެ ސަރަހައްދުގައި މީހުން ބޭރަށް ނިކުމެ އުޅުން މަނާކޮށްފައި އޮތީ ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 5:00 އަށެވެ. އަދި ވިޔަފާރިތައް ހުޅުވާފައި ބެހެޓެނީ، ރޭނގަޑު 10:00 އަށެވެ.

comment ކޮމެންޓް