ލުބުނާނުގެ ވެރިރަށުގައި ބާރުގަދަ ގޮވުމެއް، ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެއްޖެ

ބޭރޫތުގެ ބަނދަރު ސަރަހައްދުގައި އެއްޗެއް ގޮވުމުގެ ސަބަބުން ބޮޑު ދުންގަނޑެއް އަރަނީ -- ފޮޓޯ: އޭއެފްޕީ

ބޭރޫތު (އޮގަސްޓު 4): ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ބާރުގަދަ ގޮވުމެއް ގޮވައި، ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެއްޖެ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ބޭރޫތުގެ ބަނދަރު ސަރަހައްދުގައި ހިނގި އެ ހާދިސާގައި އެތާ ކައިރީ ހުރި އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބި، މުޅި ސިޓީގެ އެކި ސަރަހައްދުތަކުގައި ހުރި އިމާރާތްތަކުގެ ކުޑަދޮރުތައް ތަޅައިގެން ގޮސްފައިވެ އެވެ.

އެ ގޮވުމަށް ފަހު، ބޭރޫތުގެ ބަނދަރުގައި ވެޔާހައުސްތައް ހުންނަ ސަރަހައްދުން ބޮޑު ދުންގަނޑެއް އަރާ މަންޒަރު ވީޑިއޯތަކާއި ފޮޓޯތަކުން ފެނެ އެވެ.

ބޭރޫތުގައި ދެވަނަ ގޮވުމެއްވެސް އަޑު އިވިގެން ދިޔަ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރި ނަމަވެސް އެ ގޮވުންތައް ހިނގި ސަބަބެއް އަދި އެނގިފައި ނުވެ އެވެ.

ބޭރޫތުގެ ބަނދަރު ސަރަހައްދުގައި އެއްޗެއް ގޮވުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް -- ފޮޓޯ: ރޮއިޓާސް

ރޮއިޓާސްއިން ވަނީ އެ ހާދިސާގައި މަރުވި 10 މީހެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައިވާ ކަމަށް ރިޕޯޓުކޮށްފަ އެވެ. އަދި ލުބުނާނުގެ މީޑިއާތަކުން ވަނީ ގޮވުމުގެ ސަބަބުން ވެއްޓުނު އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެފައިވާ ކަމަށާއި އެ ސަރަހައްދުގައި ހުރި ހޮސްޕިޓަލްތައް ފުރެމުންދާ ކަމަށް ބުނެފަ އެވެ.

ލުބުނާނުގައި އެ ހާދިސާ ހިނގާފައި ވަނީ އެގައުމުގެ ކުރީގެ ބޮޑުވަޒީރު ރަފީކް ހަރީރީ 2005 ވަނަ އަހަރު އަވަހާރަކޮށްލި ހާދިސާއާ ބެހޭ ގޮތުން އދ.ގެ ޓްރައިބިއުނަލްއަކުން ބެލި މައްސަލައިގެ ނިންމުން އިއުލާން ކުރަން ތައްޔާރުވެފައި ވަނިކޮށެވެ.

އެ މައްސަލާގައި، އީރާނުން ވާގިވެރިވާ ހިޒްބުﷲގެ ހަތަރު މެމްބަރެއްގެ މައްޗަށް ވަނީ ޓެރަރިޒަމާއި މީހަކު މެރުމާއި މީހަކު މަރަން އުޅުމުގެ ދައުވާކޮށްފަ އެވެ. އަދި އެމީހުންގެ ޣައިރު ހާޒިރުގައި ބަަލަމުންދާ އެމައްސަލާގައި އދ.ގެ ސްޕެޝަލް ޓްރައިބިއުނަލް ފޯ ލެބެނާން އިން ނިންމާ ގޮތެއް އަންގަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގަ އެވެ.

މީގެ އިތުރުން މިއީ ލުބްނާނަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާ ތެރޭގައި އެގައުމުގެ ސަރުކާރުން އަމަލު ކުރާ ގޮތާ މެދު ނުރުހުން ފާޅު ކުރުުމުގެ ގޮތުން ގިނަ އަދަދެއްގެ މީހުން މުޒާހަރާ ކުރަމުންދާ ދަނޑިވަޅެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް