މާލޭގެ މިސްކިތްތަކުގައި ނަމާދަށް ފަހު ގުނޫތުކިޔަން ފަށައިފި

ޖުލައި 31، 2020: އިސްލާމީ މަރުކަޒުގައި ކުރެވުނު އަޟްހާ އީދު ނަމާދުގެ ތެރެއިން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި އިތުރުވަމުންދާތީ މާލޭގެ މިސްކިތްތަކުގައި ކޮންމެ ނަމާދަކަށްފަހު އަނެއްކާވެސް ގުނޫތުކިޔަން ފަށައިފިއެވެ.

ބޮޑެތި ބަލި މަޑުކަން ފަދަ ކަންތައްތަކާ ގުޅިގެން ކިޔާ ގުނޫތު އަލުން ކިޔަން ފެށިއިރު މާލޭ ސަރަހައްދުގައި ކޮވިޑް-19 ފެތުރޭ މިންވަރު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އިސްލާމިކް މިނިސްޓްރީެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އެގޮތަށް ކޮންމެ ނަމާދަކަށްފަހު ގުނޫތު ކިޔަން ފެށީ ރޭ މަޣްރިބް ނަމާދަށް ފަހު ކަމަށެވެ.

މީގެ ކުރިންވެސް ކޮރޯނާ ވައިރަސް ފެތުރޭތީ މިސްކިތްތަކުގައި ގުނޫތު ކިޔައި ހެދިއެވެ. ނަމަވެސް އެކަން ފަހުން އައިސް އޮތީ ހުއްޓިފައެވެ.

މާލޭގެ މިސްކިތްތަކުގައި ގުނޫތު ކިޔަންފެށި ނަމަވެސް އަތޮޅު ތެރޭގެ މިސްކިތްތަކުގައި ގުނޫތުކިޔަން ފެށިކަމެއް އަދި ސާފެއް ނޫނެވެ. އެކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ވަކި ޖަވާބެއް ނުލިބެއެވެ. މާލެއެކޭ އެއްގޮތަކަށް މިހާރު އަތޮޅު ތެރޭގައިވެސް ކޮންމެވެސް ވަރަކަށް ދަނީ ކޮވިޑްގެ ކޭސްތައް ފެންނަމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮޑް ޖެހިފައިވާ 4293 މީހުން ފެނިފައިވާއިރު 19 މީހުން ވަނީ ބަލީގައި މަރުވެފައެވެ.

comment ކޮމެންޓް