ގުރައިދޫގައި ބިދޭސީއަކު މަރާލި މީހާއަށް މަރުގެ ދައުވާ އުފުލައިފި

ތ. ގުރައިދޫގައި ބިދޭސީ މީހާ މަރާލާފައި އޮތް ސަރަހައްދު --- ފޮޓޯ: އެމްވީކްރައިސިސް

މި އަހަރުގެ މެއި މަހުގެ ތެރޭގައި ތ. ގުރައިދޫގައި ބިދޭސީއަކު މަރާލި މީހާއަށް މަރުގެ ދައުވާ އުފުލައިފިއެވެ.

ގުރައިދޫގައި މަސައްކަތް ކުރާ ބިދޭސީއަކަށް މެއި 20 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ތޫނުއެއްޗަކުން ހަމަލާދީ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ ވެސް ބަންގްލަދޭޝް މީހެކެވެ.

ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝާޙް އަލަމްއަށް ތޫނުއެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ތ. ގުރައިދޫ ކަންޑަރު ސަރަހައްދުގައިހުރި ސައިޓެއްގެ ތެރޭގައި ފުން ޒަޚަމްތަކަކާއެކު ޝާޙް އަލަމް މަރުވެފައި އޮއްވާ ފެނިފައިވާ މައްސަލާގައި ދައުވާ އުފުލާފައި ވަނީ ބަބުލް މިއަހް ނަމަކަށް ކިޔާ މީހެއްގެ މައްޗަށް ކަމަށެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު ގެ ފަސް ވަނަ މާއްދާގެ ދަށުން އޭނާގެ މައްޗަށް ކޮށްފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އެ މީހާ މަރާލާފައިވަނީ މެއި 20ވަނަ ދުވަހުގެ ރޭ 12:45 ހާއިރު ދެ މީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މާރާމާރީގައި މަރާލާފައިވަނީ ގުރައިދޫގައި ދަނޑުވެރިކަން ކުރުމުގައި އުޅެމުން އައި އުމުރުން 35-40 އަހަރާ ދެމެދު ބަންގްލޭޝަށް ނިސްބަތްވާ ޝާހުއާލަމް ނަމަކަށް ކިޔާ މީހެކެވެ.

އޭނާ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ ސައިޓު ކުރިމަތިންނެވެ.

އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 22 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ އެ މައްސަލައާ ގުޅިގެން ބިދޭސީން އުޅޭ ސައިޓްތައް ބަލަމުން ދަނިކޮށެވެ. ފެނުނުއިރު އޭނާ ވެސް ހުރީ ޒަހަމްވެފަ އެވެ.

comment ކޮމެންޓް