ގަނޑުވަރު ތެރެއިން - 25

ލޫސީގެ ލޮލުން ނިދީގެ އަސަރު ނުފިލިޔަސް މަންމާފުޅާއެކު ކޮންމެވެސް ވަރަކަށް ނާސްތާކުރިއެވެ. ގޮދަންފުށުގެ މަޑު ޕާނާއި ޗީޒް އަދި މޭވާއެވެ. ގަހުވަ ތަށްޓެއް ބޯލުމުން ސިކުނޑިއަށް ތާޒާކަން ލިބުނެވެ. ކުޑަދޮރުން ބޭރަށް ބަލައިލިއިރު ދުންފިނީގެ ސަބަބުން ދުރު ފެންނަވަރެއް ނުވެއެވެ. އޭރު ކިއްލާގެ ތެރެއަށް އަޖައިބެއްފަދަ ހިމޭންކަމެއް ވެރިވެއްޖެެވެ. ހިތުގައި ބިރުވެރިކަން ހިނގައިލިވަރުން މޭގައި ފިރުމައިލެވުނެވެ. އޭނަގެ ބައްޕައާއި ބޭބެ ސަލާމަތްވިހެއްޔެވެ. އަރަބިންގެ އަތްދަށުވެ ގަތުލުވީބާވައެވެ. ނޫނީ އެމީހުންގެ އަތްދަށުގައި ހައްޔަރުވީހެއްޔެވެ. ކުއްލިއަކަށް ދޮރުމަތިން މީހެއްގެ ހިލަންވިއެވެ.

"ކާކުތަ؟ "ލޫސީ އަށް ކެތްނުކުރެވިގެން ގޮސް ދޮރުގެ ފަރުދާ ދުރުކޮށްލާފައި ބޭރަށް ބަލާލައިފިއެވެ.

މަރިޔަމް ފެނިފައި ހައިރާންކަމެއް ލިބުނެވެ.

"މަރިޔަމް..........."

"ލޫސީ އެކަނިތަ؟ މިއުޅެނީ ވަރަށް ބޮޑު ކަންތައް ގަނޑަކާ ދިމާވެގެން. ވަރަށް ގާތުން ހުރިހާ މަންޒަރެއް ބަލާލާފައި މިއައީ. ލޫސީ. މުސްލިމުން ކިއްލާ ފަތަހަކޮށްފި. އެމީހުންގެ ބާރު ދަށުގައި ކިއްލާ މިވަނީ...." މަރިޔަމްގެ ވާހަކަތަކުން ލިބުނު ސިހުމުގައި ލޯ ބޮޑުކޮށްލެވުމާއެކު އަނގަމަތީ އަތް އަޅާލެވުނެވެ. އޭރު ޒައިތޫންވެސް ފަރުދާ ހިއްލާލާފައި ނުކުމެ ވަޑައިގެންފިއެވެ. މަރިޔަމް ފެނުމުން ކުޑަ ހާސްކަމެއް މޫނުމަތިން ފެނިލިނަމަވެސް ޒައިތޫން ހިނިފުޅުވަޑުވައިލެއްވިއެވެ.

"މަލަކާ. ކިއްލާއަށް މުސްލިމުން ވެރިވެގެންފި..." މަރިޔަމްގެ ލޯ ކަރުނުން ފުރުނެވެ.

ޒައިތޫން ކުއްލިއަކަށް ލޫސީ ގެނެސް މޭގައި ޖައްސަވާލެއްވިއިރު ލޫސީއަށްވެސް ނުހިފެހެއްޓިގެން ރޮވެނީއެވެ. ބައްޕައާއި ބޭބެ މުސްލިމުން އަތުން ގަތުލުވެ ދިޔައީ ކަމުގައި ޔަގީން ކުރެވި ދެފައިވެސް ތުރުތުރުލާންފެށިއެވެ. ހިތާމައާއި މޮޅިވެރިކަން އެ ނާޒުކް ހިތް ހަލާކުކޮށްލައިފިއެވެ. މަރިޔަމްއަށްވެސް ވީ އެވަރެވެ. ލޯބިވާ ދާނިޔަލްއަށްޓަކާ އެހިތް ރޮނީއެވެ. ޒައިތޫން އެދެމީހުން ދުރުކުރުވަން ކުރި މަސައްކަތް ކާމިޔާބުވީ ހީނުކުރާފަދަ ދެރަގޮތަކަށް ނޫންހެއްޔެވެ؟ ޒައިތޫން ހިތްވަރުކޮށްލައްވާފައި ކުދިން ގޮވައިގެން ގޮސް ޔޫގަންނާ ދިރިއުޅުއްވާ ކޮޓަރިއަށް ވަނެވެ. އެކޮޓަރީގެ ފާރުގައި ބައްތި ބަހައްޓަން ހަދާފައިވާ ތަނުން ބިތްގަނޑުގައި ވާ ތަނެއްގައި ހިފާ ދުރުކޮށްލުމުން މީހަކަށް ވަދެވޭނެ ބާގަނޑެއް ހެދުނެވެ. ޒައިތޫން ލޫސީއާއި މަރިޔަމް އެންމެ ކުރިން ފައިބަން އެންގެވިއެވެ. އެއަށްފަހު ޚާދިމާއިންނަށް ގޮވާ ގެނެސް އެކުދިންވެސް އެތަނުން ވެއްދުމަށްފަހު ޒައިތޫން އެތެރެއަށް ވެދެވަޑައިގެންފާ ހިލަގަނޑު ޖެއްސެވުމުން ކުރީގައި ހުރިގޮތަށް އެތަން ބެދި އެތަނުގައި ދޮރެއް ހުރިކަން ނުދެނެހުރި މީހަކަށް ޝައްކެއްވެސް ނުވާނެއެވެ. އެފަދަ ބިންގަރާސްތައް ހަދާފައިވަނީ އެހާ މޮޅަށެވެ. އެތާގެ ތެރޭގައި ރަޖާތަކާއި ބާލީސްތައް ވެއެވެ. ކައްކައި ކައިބޮއި ހެދޭނެ އިންތިޒާމްވެސް ހަމަޖެހިފައިވިއެވެ. ލޫސީއާއި މަރިޔަމް ކަނެއްގައި ކުރުގެޅިލައިގެން ބައްދާލައިގެން ތިބެ ރޮމުން ދިޔައިރު ޒައިތޫން ލޫސީއަށް ހިތްވަރުދިނެވެ. ބައްޕާފުޅު އަދި މުސްލިމުންނަށް ކެއްސެއް ދެެއްވާނެކަމަށާއި ވިސްނުންފުޅު ރަގަޅުކަމުން ކޮންމެވެސް ތަދުބީރެއް ކުރައްވައިގެން އެމީހުން ސަލާމަތުގެ އައްސޭރިއަށް ގެންދާނެކަމުގެ ޔަގީންކަން ދެއްވިއެވެ. ނަމަވެސް މަންމާފުޅުގެ ވާހަކަތަކަށް ބަރޯސާވެގެން ހުރެވޭނީ ކިހިނެއްހެއްޔެވެ؟މުސްލިމުންނަކީ ހިތްވަރުގަދަ ސިންގާއިންތަކެއް ފަދަ ބަޔެކެވެ. އޭނަ އަޑުއަހާގޮތުން އަނިޔާވެރިވެސް ބަޔެކެވެ. ވީމަ މަރިޔަމް ކިއްލާ ފަހަތަވެއްޖެއޭ ބުނުމުން އުއްމީދުގެ ހުޅުކޮޅު އެއްކޮށް ކަހަލަ ގޮތަކަށް ނިވުނެވެ. ނަމަވެސް މަންމާފުޅުގެ މިންނެއް މަސައްކަތުން ލޫސީގެ ހިތަށް ކުޑަ ތަސައްލީއެއް ލިބުނެވެ.

"އައުޒާޒު ކިއްލާގެ ވެރިޔާ އަދި މުސްލިމުންނަށް ހަމަލާދީ ބަލިކޮށްލާނެ...." މަރިޔަމް ލޫސީގެ ކޯތާފަތުގައިވާ ކަރުނަތައް ފޮހެލަދެމުން ހިނިތުންވެލިއެވެ.

އައުޒާޒްގެ ކިއްލާގެ ވާހަކަދެއްކުމުން ލާވަންގެ މަތިން ހަދާންވިއެވެ. ލާވަންގެ ހާލަކީ ކޮބާކަމެއްވެސް ނޭގެއެވެ. ފުރާނަ ހުރި ހާ ހިނދެއްގައި ލާވަން އޭނައަށް ވަފާތެރިވާނެކަމުގެ ޔަގީންކަން ހިތުގައި އެބައޮތެވެ. ލާވަންގެ މަންމާފުޅުގެ ހާލު ރަގަޅުވުމުން އެނބުރި އަންނައިރު އެމީހުންނާއި ލާވަން ދިމާވާނެހެއްޔެވެ؟ އެތައް ގިނަ ސުވާލުތަކެއް ހިތުގައި އުފެދުނުވަރަކަށް ކެތްތެރިވާން ޟަމީރު ބުނެދިނެވެ. ކަރުނައަކުން ފައިދާއެއް ނުކުރާނެއެވެ. އޮތީ ހިތްވަރުކުރުމެވެ.

"ބައްޕާފުޅާއި ބޭބެއަށް ދުޝްމަނުން ގެއްލުމެއް ދިނިއްޔާ ހިތިގޮތަކަށް ބަދަލު ހިފާނަން..." ލޫސީގެ ހިތާމަތައް ރުޅިވެރިކަން ޚިޔާރުކުރިއެވެ. އޭނަ އަންހެންކުއްޖަކަށްވިޔަސް ކޮންމެފަދަ ގޮތެއް ހަދާފައިވެސް އޭނަގެ އަމިއްލަ ވަޒަން މިލްކުކުރާނެއެވެ. މިއީ މުސްލިމުންގެ ބިމެއް ނޫނެވެ. އޭނަ ކުޑައިރުއްސުރެން އުޅެ ބޮޑުވި އޭނަގެ ލޯބިވާ ވަޒަނެވެ. އޭނަގެ ގެއެވެ. ޚާދިމާއިންތައް ބައްތިތައް ދިއްލައިލުމަށްފަހު މަލަކާގެ އޯޑަރަކަށް ބަލަބަލާ ސަފަކަށް އެތުރިލައިގެން ތިއްބެވެ. އެކުދިންވެސް ތިބީ ބިރުގެންފައެވެ. މުސްލިމުން ކިއްލާ ފަތަހަކުރިކަން އެނގި އެކުދިންނާއިމެދު ދެން ކަންތައް ވާނެގޮތެއް ނޭގިގެން ހިތާމަކުރަނީއެވެ. މުސްލިމް ސިފައިން އެކުދިންނާއިމެެދު އަނިޔާވެރިވާނެ މިންވަރު ޚިޔާލުކުރަންވެސް ދަތިވިއެވެ.

***

އަބޫއުބައިދާ އާއި ޔޫގަންނާ އެކަކު އަނެކަކަށް ކުރިމަތި ލައްވައިގެން ތިއްބަވާފައި އަބޫއުބައިދާ އިސް އުފުލާ ބައްލަަވައިލެއްވިއެވެ.

"މަނިކުފާނުގެ ނަންފުޅަކީ އަޅުގަނޑުމެން އަޑުއަހާ މަޝްހޫރު ނަމެއް. ވިސްނުންތޫނު ހިތްވަރުގަދަ ފަހުލަވާނެއް. ޝެހެންޝާހުވެސް މަނިކުފާނުދެކެ ބިރުފުޅުގެން ވަޑައިގަންނަވާކަމުގައި ވަނީ. އަދި އަދުލުވެރިކަމާއި އިންސާފަށްވެސް ލޯބިކުރައްވާކަމަށް އަޅުގަނޑުމެންނަށް އެނގިފައިވޭ. ކޮންމެ އިންސާނަކުވެސް އެމީހަކު އުޅޭނެ އެންމެ ރަގަޅު މޮޅު ދީނެއް ހޯދާ ބަލަން ޖެހޭ. އަދި އެމީހެއްގެ ބުުއްދިއަށް ފެނުނު އެންމެ ރަގަޅުގޮތް ޚިޔާރުކުރަން ޖެހޭ. މިހެން ބަލާއިރު އެންމެ ރަގަޅު ދީނަކީ މާތްރަސްކަލާނގެ އެއްކައުވަންތަ ކަމަށް ހެކިވާ ދީން. މަނިކުފާނަށް އިސްލާމް ދީނާއި ބެހޭގޮތުން އެނގިވަޑައިގަންނަވަނީ ކިހާވަރަކަށްތޯ؟ " އަބޫއުބައިދާގެ ތަރުޖަމާނަށް އެންގެވުމުން އޭނަ އެވާހަކަތައް ރޫމީންގެ ބަހުން ބުނެދިނެވެ.

ޔޫގަންނާ އެންމެން ހައިރާންކޮށްލާފައި ވާހަކަަދައްކަވަން ފެށްޓެވީ އަރަބި ބަހުންނެވެ.

މިވަރުގަދަ ކިއްލާގެ ހުރިހާ އައްޑަނަތަކާއި ފޫއަޅުވާ އުސްފާރުތަށް ގިރާކުރި ފަހުލަވާނުންނަށް ނަސްރު ދެއްވާ މިކިއްލާ ފަަތަހަކޮށްދެއްވި މާތް ރަސްކަލާނގެއަށް ހަމްދުކުރަން . މާތްﷲއަކީ އެންމެ ބާރުގަދަ އެންމެ މަތިވެރި ފަރަތް.އެފަރާތުން ތިޔަ ބޭކަލުންނަށް ރަހުމަތުގެ ބެއްލެވުމަކުން ބައްލަވާ ވޮޑިގެން ނަސްރު ދެއްވައިފި. ސަބަބަކީ ތިޔަ ދީނަކީ އެންމެ މާތް އަދި ތެދުމަގު ކަމުގައިވީތީ. އެކަމުގެ ހެއްކަކަށް އިންޖީލުގައި މުހައްމަދ ރަސޫލުﷲ ސައްލައްﷲ އަލައިހި ވަސައްލަމްގެ ވާހަކަ އޮތީމަ. ކްރައިސްޓް އުފާވެރި ޚަބަރު ދެއްވި ބޭކަލަކީ އެއީކަމާއިމެދު ޝައްކެއް ވަސްވާހެއް ނެތް. އިންސާނާ މަގުފުރެދި ނުބައި މަގު ޚިޔާރުކޮށްގެން އުޅެނިކޮށް ތެދުމަގު ގެނައީ އެކަލޭގެފާނު. އެއީ އެބޭކަލެއްގެ މަންމާފުޅާއި ބައްޕާފުޅު އަވަހާރަވެ ކާފާފުޅާއި ބޮޑުބޭބޭފުޅު ބެއްލެވި ޔަތީމު ބޭފުޅާ. އެއީ މާތް ރަސޫލާ ނޫންތޯ؟ " ޔޫގަންނާގެ ވާހަކަފުޅުން މުޖާހިދުންވެސް ތިބީ ހައިރާންކަމުގެ ނަޒަރަކުން ބަލަހައްޓައިގެންނެވެ.

"ތިވިދާޅުވީ ހަމަ ރަގަޅަށް. އެއީ އަހަރެމެންގެ އުއްމަތަށް ރަހުމަތެއް ކަމުގައި ފޮނުއްވި މާތް ސާހިބާ. އެކަމަކު މަނިކުފާނުގެ ވާހަކައައިމެދު ވަރަށް އަޖައިބުވެއްޖެ. އަޅުގަނޑުމެންގެ ލަޝްކަރުތައް ނައްތާލަން ހަގުރާމަކޮށް ގާފިލާތައް ލޫޓުވާ މިހުރިހާކަމެއް ކުރައްވާފައި މިއަދު އަރަބިބަހުން ވާހަކަދައްކަވާ މި ދީނަށް ތައުރީފު ކުރެއްވީ. އަޅުގަނޑު ދެނެހުރިގޮތުން މަނިކުފާނު އަރަބި ބަސް ދެނެވަޑައި ނުގަންނަވާ. ދެންމެ ދެއްކެވި ވާހަކަފުޅަކީ ހިތުދަސްކުރައްވާފައި އޮތް ބަޔެއްތޯ؟" އަބޫއުބައިދާ އެއްސެވިއެވެ.

"އެއަށްވުރެ އަޅުގަނޑު މާތްﷲ ފިޔަވާ އިލާހަކު ނުވާކަމަށާއި މުހައްމަދުގެ ފާނަކީ ރަސޫލާކަމަށް ހެކިވުމުން މަނިކުފާނު ހައިރާންވެ ވަޑައިގަންނަވާނެކަން ނޭގޭ....."

"ވަރަށް ހައިރާންވެއްޖެ..." އަބޫއުބައިދާ ވިދާޅުވީ ހިނިފުޅުވަޑުވައިލަމުންނެވެ. ޔޫގަންނާގެ ވާހަކަފުޅުން ހުރިހާ މުޖާހިދުން އެއް އަޑުން ތަކްބީރު ކިޔާލިއިރު ގައިން ހީބިހިނަގާވަރުވިއެވެ.

"އައްސަވާ. އަޅުގަނޑު މުސްލިމުންގެ ކަންތަކާމެދު ވަރަށް ވިސްނަމުން އައީ. ހަގީގަތް ފެންނާން އޮތްއިރުވެސް ގަބޫލުކުރަން ބޭނުންނުވެފައި ހުރީ. އަޅުގަނޑު ވަރަށް ވިސްނިން. ދެން ހިތަށް އަރައިފި އެންމެ ފަހުން މުސްލިމުން ކިއްލާއާއި ހަމަޔަށް އައީއޭ. ފަތަހަވެސް ކުރާނެއޭ. އެކަހަލަ ޚިޔާލެއްގައި އިންދާ ކުޑަކޮށް ނިދިޖެހުނީ. ދެން ފެނުނީ ހަނދަށްވުރެ އަލިކަން ގަދަ ރީތި ބޭކަލެއް. އެހިސާބުގައި ހަރުލާފައިވީ އެންމެ މީރުވަސްދުވާ ގޮމަކަސްތޫރިއަށްވުރެ މީރުވަހެއް. އެބޭކަލެއްގެ އަރިހުގައި ނާތް ފާޑުޖަހާ އެހެން ބޭކަލުންތައްވެސް ތިއްބެވި. އަޅުގަނޑު އެބޭކަލުން ކައިރިން ސުވާލުކުރުމުން ދެންނެވީ އެއަލި މޫނުގެ ވެރިޔާއަކީ މާތްﷲ ގެ ރަސޫލާކަން. އަޅުގަނޑު ދަންނަވައިފިން ތިއީ ރަސޫލާ ކަމަށް ވަންޏާ އަޅުގަނޑަށް އަރަބި ބަސް އުގަންނަވާދެއްވަން މާތްﷲގެ ހަޟުރަތުގައި ދަންނަވާދެއްވާށޭ. އެހެން ދެންނެވީމަ އެކަލޭގެފާނު އަޅުގަނޑަށް އިޝާރަތް ކުރައްވާފައި ހަދީސްކުރެއްވި ޔޫގަންނާއޭ. ތިމަން ކަލޭގެފާނަކީ އީސާގެފާނު އުފާވެރިކަމުގެ ޚަބަދުދެއްވި ރަސޫލާއޭ. ތިމަންކަލޭގެފާނުގެ ފަހުން އެއްވެސް ނަބިއްޔެއް ރަސޫލެއް ދެން ނުފޮނުއްވާނެއޭ. ބޭނުމިއްޔާ މާތްﷲފިޔަވާ އެހެން އިލާހަކު ނުވާކަމަށާއި އަދި ތިމަންކަލޭގެފާނު މުހައްމަދުއަކީ ރަސޫލާކަމަށް ހެކިވާށޭ....."

އަޅުގަނޑު އެކަލޭގެފާނުގެ އަތްޕުޅުގައި ހިފާ ބޮސްދީފައި އިސްލާމްވީ. ނިދިޖެހިފައި ހޭލެވުނުއިރު އަޅުގަނޑުގެ އަތުގައި ގޮމަކަސްތޫރި ވަސް ހިފާފައި އަދި އަރަބިބަހުން ވާހަކަދައްކަން އެނގޭ. ވަގުތުން އަޅުގަނޑުގެ ކޮއްކޮ ޔޫހަންނާގެ ގަނޑުވަރަށްގޮސް އޭނަ ގެންގުޅުނު ފޮތްތައް ބަލައިލީ. އެތަނުން ފެނުނު ފޮތެއްގައި އެކަލޭގެފާނުގެ ޚަބަރުތަކާއި ސިފަފުޅުތައް ވަރަށް ރަގަޅަށް ބަޔާން ކުރެވިފައި ހުރި. އެކަލޭގެފާނު ދެކެ އެންމެ ނުރުހި ނަފްރަތުކުރާ ބަޔަކީ ޔަހޫދީން ނޫންތޯ؟ " ޔޫގަންނާ ސުވާލުކުރެއްވިއެވެ.

"ތިކަން އޮތީ ތިހެން. ޔަހޫދީން އެކަލޭގެފާނުގެ މައްޗަށް އަނިޔާވެރިވީ. އެކަމަކު އެމީހުންގެ ކުޅަދާނަ ފަހުލަވާނުންތައް ބަލިކޮށް ކިއްލާތައް ފަތަހަވެއްޖެ. މާތްﷲ އެކަލާނގެ ރަސޫލާއަށް ނަސްރު ދެއްވި..." އަބޫ އުބައިދާ ވިދާޅުވިއެވެ.

"އަދި އެކަލޭގެފާނުގެ ސިފަފުޅުތައް ކިޔަމުން ދިޔައިރު މާތްﷲ އެކަލޭގެފާނުގެ އަސްހާބުންނާއި މުސްލިމުންނާއި ޔަތީމުން އަދި ފަގީރުންނާއިމެދު އިރުޝާދު ދެއްވާފައިވިކަން އެނގުނު...."

"މާތްﷲ އެކަލޭގެފާނުގެ އަސްހާބުންނާއިމެދު ގުރުއާނުގައި ވަހީކުރައްވާފައިވަނީ " އަދި މުއުމިނުންނަށްޓަކާ ކަލޭގެފާނުގެ ފިޔަފުޅު ތިރިކުރައްވާށެވެ....." އަދި ޔަތީމުންނާއ ފަގީރުންނާއިމެދު ވަހީ ކުރައްވާފައިވަނީ މިފަދައިންނެވެ. وَوَجَدَكَ ضَالًّا فَهَدَىوَوَجَدَكَ عَائِلًا فَأَغْنَىٰ .فَأَمَّا اليَتِيمَ فَلاَ تَقْهَرއަދި ކަލޭގެފާނުގެ ވެރި ރަސްކަލާނެގެ ކަލޭގެފާނު ގެއްލެނިވެ ވަޑައިގެންވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލޭގެފާނަށް ހިދާޔަތް ދެއްކެވިއެވެ. އަދި ފަގީރަކު ކަމުގައި ކަލޭގެފާނު ވާތީ އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނު މުއްސަދިކުރެއްވިއެވެ. ދަންނާށެވެ. ފަހެ ކަލޭގެފާނު ޔަތީމު ކުއްޖާ ނިކަމެތިކޮށް ނުލައްވާށެވެ." އަބޫ އުބައިދާ ގުރުއާންގެ އާޔަތްތައް ކިޔަވާދެއްވިއެވެ.

"ޔޫގަންނާ. މާތް ﷲ މިގޮތަށް ވަހީ ކުރައްވަނީ ކީއްވެތޯ؟وَوَجَدَكَ ضَالًّا فَهَدَى"

"ضَالًّا މާނައަކީ ގެއްލިފައިވުމެވެ. ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް މިފަދަ ގޮތަކަށް ސިފަކުރައްވާފައިވިޔަސް އެކަލޭގެފާނު މާތްﷲ ގެ ހަޟުރަތުގައި މާތް ބޭކަލަށްވަނީ ކީއްވެހެއްޔެވެ؟ " އެ ސުވާލަށް ޖަވާބު ދެއްވީ މުއާޒް ބިން ޖަބަލްއެވެ.

އެއީ ވެސް ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ސަހާބީއެކެވެ. އަންސާރު ބޭކަލެކެވެ. އިލްމުގެ ކޯރުން ފެންވަރުއްވައިގެން ހުންނެވި ޒުވާން ބޭކަލެކެވެ. އެކަލޭގެފާނަށް ލިިބިވަޑައިގެންފައިވާ އިލްމުގެ ސަބަބުން ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމް އެކަލޭގެފާނަށް ތައުރީފުކުރައްވާ ހަދީސް ކުރައްވާފައިވަނީ ދަންނަބޭކަލުން ގޮވައިގެން ސުވަރުގެއަށް އިސްމީހެއްގެ ގޮތުގައި ވަޑައިގަންނަވާނީ އެކަލޭގެފާނު ކަމުގައެވެ.

"ޔޫގަންނާ. މިއާޔަތުގައި ضَالًّ އޭގެ މާނައަކީ މާތްﷲއަށް ކުއްތަންވުމަށް އެކަލޭގެފާނަށް ވަކިގޮތެއް އެނގިވަޑައިނުގެންވެސް އެކަމަށްޓަކާ މަސައްކަތްކުރެއްވި ކަން. އަދި އޭގެ ސަބަބުން ﷲ ސުބުހާނަހޫ ވަތައާލާ އެކަލޭގެފާނަށް އެންމެ ސާފުވެގެންވާ މަގަށް ހިދާޔަތް ދެއްކެވިކަން. އަދި އެމަގާއި ހަމަަޔަށް ދިޔުމަށް ފަސޭހަކޮށްދެއްވިކަމެވެ. އެކަލޭގެފާނަށް ކަންކަމުގެ ހަގީގަތް ސާފުކޮށް ފެންނާނެ ފަދަ މަގާމެއްގައި އެކަލޭގެފާނު ލެއްވިކަން. ހަގީގަތް ހޯދުމުގެ ކަނޑެއްގައި ހަލާކުގެ ނަވެއްގައި ދަތުރުކުރަމުން ދަނިކޮށް ހަގީގަތުގެ އައްސޭރިއަކަށް އެކަލޭގެފާނު ގެންނަވާ ހަގީގަތުގެ ހިޔަލަކުން އެކަލޭގެފާނަށް ހިޔާ ދެއްވި. އެއީ އެކަލޭގެފާނުގެ ހިތްޕުޅު އެހެން ހުރިހާކަމަކަށްވުރެ ބޮޑަށް ﷲއަށް ލެނބޭފަދައަކުން. އަދި އެހިތްޕުޅު ހަވާނަފުސްގެ އެދުންތަކުގެ އަޑީގައިވާ އޮޅުމެއްގެ ތެރޭގައިވެސް ނުވާނެ ފަދައަކުން. އަދި ﷲގެ ހަޟުރަތަށް އެނބުރިވަޑައިގެންނެވުމުން އެ ހިތްޕުޅުގައި އެދުމެއް ލެއްވުމަށް. ﷲއާއި ބެހޭގޮތުން އިލްމެއް އަދި މައުލޫމާތެއް އޭރު އެކަލޭގެފާނަށް ލިބިވަޑައިގެންފައެއް ނުވޭ. ﷲގެ ރުއްސެވުން ހޯއްދަވާނެގޮތެއް އެކަލާނގެ އެކަލޭގެފާނަށް ދެއްކެވި. އަދި ﷲގެ ގަދަރުފުޅުގެ ހަގީގަތްވެސް ދެއްކެވި......."

"ޔޫގަންނާ. މުއުމިނުންނަށް އިލްމަށްވުރެ ހިތް ފުރޭ އެއްޗެއް ކެތްތެރިކަމަށްވުރެ ފައިދާކުރުވަނިވިކަމެއް ދީނަށްވުރެ އަގުހުރި އެއްޗެއް ވިސްނުންތޫނުކަމަށްވުރެ ރީތި އެކުވެރިއެއް ޖާހިލުކަމަށްވުރެ ނުބައި ބައިވެރިއެއް ތަގުވާވެރިކަމަށްވުރެ އެމީހުންނަށް ލޯބި ހުރި ދުނިޔޭގެ އެދުންތަކުން ދުރުވުމަށްވުރެ ބޮޑު ހިތްހަމަޖެހުމެއް ފިކުރުކުރުމަށްވުރެ ބޮޑު އަމަލެއް ކެތްތެރިކަމަށްވުރެ އަގުހުރި މުދަލެއް ކިބުރުވެރިކަމަށްވުރެ ނުބައި ސިފައެއް ދޫދިނުމަށްވުރެ ރަގަޅު ބޭހެއް މޮޔަކަމަށްވުރެ ތަދުވާ ބައްޔެއް ދަހިވެތިކަމަށްވުރެ ދެރަ ފަގީރުކަމެއް މުދާ ބައްކުރުމަށްވުރެ ބަދުނަސީބު މުއްސަދިކަމެއް އިއްފަތްތެރި ދިރިއުޅުމަކަށްވުރެ ރަގަޅު ހެޔޮ އުފާވެރި ދިރިއުޅުމެއް ހިތްތެރިކަމަށްވުރެ ރަގަޅު އަޅުކަމެއް ނުވާނެ. ހިތުގެ ހަމަޖެހުމަށްވުރެ ޒާހިދުކަމެއް ހިމޭންކަމަށްވުރެ ރައްކާތެރިކުރާ އެއްޗެއް އަަދި ފެންނަން ނެތް އެއްޗެހީގެ ތެރެއިން މަރަށްވުރެ ކައިރި އެއްޗެއް ނުވޭ............." އެކަލޭގެފާނުގެ ވާހަކަފުޅު އަޑުއަހަން ޔޫގަންނާ އިންނެވީ ހައިރާންވެ އަންތަރީސްވެފައެވެ.

"لا إله إلا الله. ތިއީ ހަމަ އަޅުގަނޑުގެ ކޮއްކޮގެ ފޮތުން ފެނުނު ވާހަކަތައް ތަފާތެއް ނެތި. އިންޖީލާއި ތައުރާތުގައިވެސް ވަނީ ހަމަ ތިހެން...." ޔޫގަންނާ ދެން ސަޖިދައަށް ތިރިވެވަޑައިގެން މާތްﷲއަށް ޝުކުރު ދެންނެވިއެވެ. އަދި ތެދުވެ ވަޑައިގެންނެވުމަށްފަހު ވިދާޅުވިއެވެ. " ހުރިހާ ހަމްދަކާއި ޝުކުރެއް ހުރީ އަޅުގަނޑަސް ތެދުމަގު ދެއްކެވި މާތްﷲއަށް. ހިތުގައި މި ދީނުގެ ބިންވަޅު ނެގި މިއީ ތެދުމަގުކަން ޔަގީންވެއްޖެ. ޝައިތާނާއަށް ކިޔަމަންތެރިވެ އެއްބައިވެގެން ހަގުރާމަކުރިފަދައިން މާތް ﷲއަށްޓަކާ ހަގުރާމަކުރަން ނިންމައިފިން. އަޅުގަނޑުގެ ކޮއްކޮއާއި ބައްދަލުވެއްޖައުމަށް ދާންދެން މި ދީނަށް ވެވުނުގޮތަކުން ނަސްރު ދޭނަން...." ޔޫގަންނާ ކޮއްކޯފުޅު މަތިން ހަދާންވެ ކީރިތިކުރައްވަން ފެއްޓެވުމުން އަސްހާބުންގެ ލޯފުޅުވެސް ކަރުނައިން ތެމުނެވެ. އަބޫއުބައިދާ ޔޫސުފްއާއި އެކަލޭގެފާނުގެ ބޭބޭފުޅުގެ ވާހަކަ ކޮންމެވެސް ވަރަކަށް ކިޔާދެއްވީ ޔޫގަންނާގެ ހިތްޕުޅަށް ތަސައްލީއެއް ލިބޭތޯއެވެ.

"މާތްﷲ ޔޫސުފްގެ ފާނުގެ ބޭބޭފުޅުންނާއި ބެހޭގޮތުން މާތްﷲ ޔޫސުފް ސޫރަތުގެ ނުވަދިހަ ދެވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ.

"قَالَ لَا تَثۡرِيبَ عَلَيۡكُمُ ٱلۡيَوۡمَۖ يَغۡفِرُ ٱللَّهُ لَكُمۡۖ وَهُوَ أَرۡحَمُ ٱلرَّٰحِمِينَއެކަލޭގެފާނު ވިދާޅުވިއެވެ. މިއަދު ތިޔަބައިމީހުންގެ މައްޗަކަށް މަލާމާތެއް ދެރަބަހެއް ނެތެވެ. ތިޔަބައިމީހުންނަށް اللَّه ފާފަފުއްސަވާށިއެވެ! އަދި އެކަލާނގެއީ، رحمة ލައްވާ އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ."

އިރާދަކުރެއްވިއްޔާ ކޮއްކޯފުޅު ޔޫހަންނާ ވަނީ ހޫރުލް އީނުންނާއެކު އެންމެ މަތިވެރި ފިރުދައުސްގައި. ދެން އޮތީ މަނިކުފާނުގެ ވާހަކަ. މަނިކުފާނު މި ދީނަށް ވެދެވަޑައިގެންނެވި ވަގުތުން ފެށިގެން ހުރިހާ ފާފަތަކެއް ވާނީ ފޮހެވިފައި. މަންމަގެ ބަނޑުން އުފަންވި އިރެކޭ އެއްފަދައިން މައުސޫމްކަން މަތީގައި މަނިކުފާނު ހުންނަވާނީ." އަބޫ އުބައިދާ ވިދާޅުވިއެވެ.

އެވާހަކަފުޅުން މާ ބޮޑަށް ހިތަށް އަސަރުކޮށްގެން ކީރިތިކުރެއްވުން ގަދަވިއެވެ. އިރުކޮޅެއްފަހުން އަމިއްލަ ނަފުސް ހަމަޔަކަށް އަޅުއްވާފައި އެހެން ބޭކަލުންނަށްވެސް ނަޒަރު ހިންގާލެއްވިއެވެ. "އަޅުގަނޑު ކާފަރުންނާއި ދެކޮޅަށް ކުރާ ކޮންމެ ޖިހާދެއް. އަދި ގަތުލުކުރާ ކޮންމެ ކާފަރެއް. މިހުރިހާކަމެއް ޔޫހަންނާގެ ހެޔޮކަމުގެ ފަތަށް ދޭން މިހުރިހާ މުޖާހިދުން ހެކިކޮށްފިން. މާޒީގައި ކުރެވުނުހާ ނުބައި ކަންތައްތަކަށް ވާވަރަށް އަޅުގަނޑު ޖިހާދު ކުރާނަން. މާތްﷲގެ މަގުގައި ޖިހާދުކުރުމުގައި އަމިއްލަ ނަފުސާއި މުދާތައް ގުރުބާން ކުރަން މިހިރީ........" ޔޫގަންނާ ވިދާޅުވިއެވެ.

"މާތްﷲ މަނިކުފާނަށް ރަހުމަތްލައްވާ ހަގުރާމަތަކުގައި ނަސްރު ދެއްވާށި. މިހާރު އަޅުގަނޑުމެން މިއޮތީ ސީދާ ރޫމީންގެ ޝެހެންޝާހާއި ހަގުރާމަކުރުމުގެ ވަގުތު ޖެހިފައި. އޭނަގެ ހުރިހާ ޕްރިންސުންނާއި ކޮއިލުގެ ހެޑްކުއާޓާސްތައް ވަނީ އަންތާކިޔާ ގައި. އެހެންވީމަ ސީދާ އެތަނަށް ހަމަލާ ދިނުމާއި ބެހޭގޮތުން ހުރިހާ އެންމެންގެ ޚިޔާލަކީ ކޮބާތޯ؟ " އަބޫއުބައިދާ އެއްސެވިއެވެ.

"އޭ މާތް އަމީރު. އައުޒާޒު ކިއްލާއަކީ ވަރުގަދައަށް ހިމާޔަތް ކުރެވިފައިވާ ވަރުގަދަ ލަޝްކަރެއް އޮތްތަނެއް. ފަސޭހައިން އެތަނަށް ވަނުމަކީ އެކަށީގެންވާކަމެއްނޫން. ނަމަވެސް އެކަށީގެންނުވާ މިލަފުޒު މިހާރު އަޅުގަނޑުގެ ކިއްލާ ފަތަހަވުމަށްފަހުގައި އެހެން ބުނުމުގެ މާނައެއްނެތް. ކޮންމެ ކަމަކަށްވެސް މާތްﷲ ކުޅަދުންވަންތަ. އިންސާނާއަށް ބުއްދި ދެއްވާ އެ ބުއްދީގެ ބޭނުންކޮށްފިނަމަ އެކަށީގެންނުވާ ކަންތައް އެކަށީގެންވާ ކަމެއްކަމުގައި ވެދޭ. މުޖާހިދުންވަނީ އެކަން ސާބިތުކޮށްދީފައި. އައުޒާޒު ކިއްލާވެސް ވަނީ އެހާ ވަރުގަދަކޮށް ހަދާ އުސްފާރުތައް ލާފައި. އެތާގައިވެސް ހަގުރާމައިގެ ހަތިޔާރުތަކާއި ކާބޯތަކެތި އެތައް ދުވަހަކަށްވާންދެން ވާވަރަށް ލާފައި. އަޅުގަނޑުގެ ބައްޕަފަރާތު ބޮޑުބޭބެ ޖުފައްނާސްގެ ދަރި ދާރިއަސް އެތާގެ ވެރިއަކަށް ހުންނެވީ. އޭނައަކީ ކަނޑިއާއި ދުނީގެ ހަގުރާމައިގާ މޮޅު ފަހުލަވާނެއް. އެ ކިއްލާ ދޫކޮށްލާފައި އަންތާކިޔާއަށް ހަމަލާ ދީފިނަމަ އޭނަ ހަލަބްއާއި ގިންސަރިންއަށް ހަމަލާދީ އޭނަގެ ނުބައިކަން ފަތުރަފާނެތީ އަޅުގަނޑު ބިރުގަނޭ......" ޔޫގަންނާ އޭނަގެ ޚިޔާލު ފައުޅުކުރެއްވުމުން އަބޫއުބައިދާއަށް އެކަން ގަބޫލުފުޅުކުރެއްވުނެވެ.

"އޭ އަބުދުﷲ (އޭ މާތްﷲގެ އަޅ)ާ އެހެންވީއިރު މަނިކުފާނު އެތަނަށް ހަމަލާދޭން އެއްވެސް ކަހަލަ ތަދުބީރެއް އެބައޮތްތޯ؟ " އަބޫއުބައިދާ އެއްސެވިއެވެ. އިސްލާމްދީނަށް ވަނުމަށްފަހު ޔޫގަންނާ އެނަން ޚިޔާރުކުރެއްވީ ކަމެއް ނޭގެއެވެ.

"ލައްބަ. އަޅުގަނޑަށް ފެންނަގޮތް ދަންނަވާފާނަން. އަޅުގަނޑާއި އެކު ސަތޭކަ އަރަބިން ރޫމީންގެ ހެދުން އަޅައިގެން އަޅުގަނޑާއެކު އައުޒާޒަށް ދާނީ. އަޅުގަނޑުގެ ފަހަތުން އެއްހާސް އަސްވާރުން ފޮނުވާނީ. އަޅުގަނޑާއެކު ފޮނުވާ ލަޝްކަރު ހަޔެއްކަ ކިލޯމީޓަރު ދުރުގައި ތިބެގެން ދަތުރުކުރާނީ. ފަހަތުން އަންނަ ލަޝްކަރުގެ އަތުނުޖެހި ފިލައިގެންދާ ބަޔެއްގެ ގޮތުގައި އަޅުގަނޑުމެން ދަތުރުކޮށް އައުޒާޒު ކިއްލާއަށް ވަންނާނީ. ދާރިއަސް އަޅުގަނޑަށް މަރުހަބާ ކިޔާނެކަން ޔަގީން. ދާރިއަސް ސުވާލުކުރުމުން އަޅުގަނޑު ބުނާނީ އިސްލާމްދީނަށް ވަންނަން އެމީހުން މަޖުބޫރުކުރީކަމަށާއި އެހެންވެ ފިލައިގެން އައީކަމަށް. އޭރުން އޭނަ އަޅުގަނޑުމެންނަށް ކިއްލާއިން ހިމާޔަތް ދޭނެ. އަޅުގަނޑުމެންގެ ފަހަތުން އަންނަ ލަޝްކަރު ކައިރީގައިވާ އަވަށެއްގައި މަޑުކޮށްލާނީ. ދަންވަރު ވުމުން ކިއްލާގެ މެދުތެރެއިން ދުޝްމިނުންނަށް ހަމަލާދޭނީ. ފަތިސް ނަމާދުގެ ވަގުތުގައި އެ ލަޝްކަރު އަޅުގަނޑުމެންގެ އެހީއަށް އަންނާނީ..."

ޔޫގަންނާގެ އެ ޚިޔާލުުފުޅުން އަބޫއުބައިދާގެ މޫނުފުޅު އިތުރަށް އަލިވެގެން ދިޔުމާއެކު ޚާލިދުއާއި މުއާޒް ބިން ޖަބަލްގެ ގާތުންވެސް އެކަމާމެދު ފެންނަގޮތެއް އެއްސެވިއެވެ.

"އޭ އުއްމަތުގެ އަމާނާތްތެރިޔާ. ޔޫގަންނާ އަޅުގަނޑުމެންނަށް ޚިޔާނާތްތެރި ނުވާ ހިނދަކު އަދި ކުރީގެ ދީނަށް އެނބުރި ރުޖޫއަ ނުވާނެނަމަ މިއަށްވުރެ ރަގަޅު ލަފައެއް އަޅުގަނޑުމެންނަކަށްވެސް ނުފެނޭ." އެދެބޭފުޅުންވެސް އެ ޚިޔާލަށް ތާއީދުއޮތްކަން ހާމަކުރެއްވިއެވެ.

އަބޫއުބައިދާ :މާތް ﷲ ވަހީކުރައްވަނީ إِنَّ رَبَّكَ لَبِٱلْمِرْصَادِމާނައަކީ ހަމަކަށަވަރުން ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އެއުރެން ކުރާކަންތައް ބެއްލެވުމުގައި ވޮޑިގެންވާކަން ކަށަވަރެވެ."

"ﷲ ގަންދީ ބުނަން. އަޅުގަނޑު ކުރީގައި އުޅުނު ދީން މުޅިން ދޫކޮށް ތިޔަބޭކަލުންގެ ދީނަށް ވަދެ މިހިރީ. ކުރީގައި ސަލީބާއި ފައްޅީގެ އެހެން އެއްޗެއްސަށް އެހާ ބޮޑު ގަދަރެއްކުރިޔަސް މިހާރު އަޅުގަނޑު ގެ ހިތުގައި މާތްﷲ، އަދުނާންގެ ދަރިކޮޅުން ވަޑައިގެން ހުންނެވި ވެރިޔާ މުހައްމަދު އަދި ޖިހާދު ފިޔަވާ އެހެން ފަރާތަކަށް އަދި ކަމަކަށް ލޯތްބެއްނުވޭ. މިދެންނެވި ވާހަކަތައް މާތްﷲ ހެކިވެ ވޮޑިގަންނަވާނެ. މާތްﷲ ފިޔަވާ އެހެން އިހާލަކު ނުވޭ އަދި މުހައްމަދުއަކީ އެކަލާނގެ އަޅާ އަދި ރަސޫލާ ފަދައިން އަޅުގަނޑުގެ ވާހަކައިގާ ދޮގެއްނެތް. އެކަމަކު ތިޔަބޭކަލުން އަޅުގަނޑާއިމެދު ހިތުގައި ޝައްކެއް ވަސްވާހެއް އޮތިއްޔާ މިކަން ކުރިޔަ ދެއްވާނެކަމެއް ނެތް..."ޔޫގަންނާގެ އަޑުގައި ޔަގީން ކަމެއްވިއެވެ.

"މަނިކުފާނު މުސްލިމުންނަށް ޚިޔާނާތްތެރިނުވެ އަދި އެމީހުންނަށް ހެޔޮކަމަށް އެދިވަޑައިގަންނަވަންޏާ މަނިކުފާނު މާތްﷲއަށްޓަކާ ކުރައްވާ ކޮންމެ މަސައްކަތެއްގައި ބަރަކާތްލައްވާ އެހީތެރިވެވޮޑިގަންނަވާނެ، ތެދުވެރިކަން ޚިޔާރުކުރައްވާ އޭރުން ކާމިޔާބު ލިބިވަަޑައިގަންނަވާނެ. އަޅުގަނޑުމެންގެ ދީން ސާބިތުވެގެންވަނީ ތެދުވެރިކަން މަތީގައި. މުއުމިން އަޚުންގެ ފަހަތުން ވަޑައިގަންނަވާ. ތެދުވެރި މުއުމިނެއްކަމުގައި ވަންޏާ ކިތަންމެ ކުޑަ ކާއެތިކޮޅެއް ލިބުނަސް އުނު ނިވާކުރާނެ ވަރުގެ ކުޑަ ފޮތިކޮޅެއް ލިބުނަސް ކޮންމެތާކުން ބޯ ހިޔާވަހިކަން ލިބުނަސް ހިތްހަމަޖެހުންމަތީ ދެމިހުންނާނެ. އެހެންވީމަ މަނިކުފާނުގެ ވެރިކަން ނެތިގެން ދިޔަސް އެކަމާ ހިތާމަފުޅު ކުރައްވާނެކަމެއްނެތް. ސަބަބަކީ މަނިކުފާނު ހޯއްދަވާ ފަރާތަކީ އަބަދަށްޓަކާ ދެމިވޮޑިގެންވާ މަތިވެރި މާތް ރަސްކަލާގެ ކަމަށްވާތީ، މިދުނިޔޭގެ އުފަލާއި ނިއުމަތަކީ ވަގުތީ އެއްޗެއް އަދި އާޚިރަތުގެ ނިއުމަތަކީ އަބަދަށްޓަކާ ދެމިގެންވާ ނަސީބާއި އުފާ. މަނިކުފާނު މިއަދު ޝިކުރުން ބަރީއަވެއްޖެ. އެހެންވީމަ މިދުނިޔެއަކީ ކާފަރުންނަށް ސުވަރުގެ ކަމާއި މުއުމިނުންނަށް ހުރަގެއެއްކަން ގަބޫލުފުޅު ކުރައްވަންވާނެ. މުއުމިނުން ގަބޫލުކުރާ ގޮތުން ކަށްވަޅަކީ އެމީހުންގެ އެނދު އެކަނިވެރިކަމަކީ އެމީހުންގެ ނިޔަތ،ް ކަންތައް އުނގެނި ދަސްކުރުމަކީ ޚިޔާލް ބަހަކީ ގުރުއާން އެކުވެރިއަކީ ހެއްދެވިފަރާތ،ް ބައިވެރިއަކީ މާތްﷲ ހަދުމަކުޅައުން. ޒާހިދުކަމަކީ ބައިވެރިޔާ، ލަދުވެތިކަމަކީ ބެޖް، މޮޅިވެރިކަމަކީ އޭނަގެ މާކް، ވާހަކަދެއްކުމަކީ ބުއްދިވެރިކަން، ބިމަކީ އޭނަގެ ދޫލަ، ތަގުވާވެރިކަމަކީ އޭނަގެ ރިޒުގު ހިމޭންކަމަކީ އޭނަގެ ޣަނީމާ. ކެތްތެރިކަމަކީ އޭނަގެ ނިންމުން، މާތްﷲއަށް ވަކީލުކުރުމުން އޭނައަށް ފުދޭ، އޭނަގެ މަގުދެއްކުމަކީ ވިސްނުންތޫނުކަން، ވަޒީފާއަކީ އަޅުކަން ކުރުން އަދި އޭނަގެ ގެއަކީ ޖަންނަތުލް ފިރުދައުސް. ޔޫގަންނާ. އަޅުގަނޑުމެންގެ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ހަދީސް ކުރައްވާފައިވޭ. މީހަކަށް ހަތަރުކަމެއް ދެއްވައިފިއްޔާ އިތުރު ހަތަރުކަމެއް އެމީހަކަށް ދެއްވާނެއެވެ."

މާތްﷲގެ ކަލާމްފުޅުގައި އެ ހަތަރު ކަންތައް ބަޔާންކުރައްވާފައިވޭ. އެއީ

فَٱذۡكُرُونِيٓ أَذۡكُرۡكُمۡ ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ."

ٱدۡعُونِيٓ أَسۡتَجِبۡ لَكُمۡۚ إِ ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ. "

لَئِن شَكَرۡتُمۡ لَأَزِيدَنَّكُمۡۖ

ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ.

ٱسۡتَغۡفِرُواْ رَبَّكُمۡ إِنَّهُۥ كَانَ غَفَّارٗا

ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ."

ޔޫގަންނާއާއި އެހެން މުޖާހިދުން އަބޫއުބައިދާގެ އަގުހުރި ވާހަކަފުޅުތަކުން މުޖާހިދުންގެ ހިތްތަކަށް އަސަރުކޮށް ކަރުނަ އަންނަމުން ދިޔައީ ހިފެހެއްޓުމެއްނެތިއެވެ.

އެވާހަކަފުޅަށްފަހު ޔޫގަންނާގެ އޮފިސަރުންނާއި ކިއްލާގެ ސިފައިން އިސްލާމްދީނަށް ވަންނާން ފެށިއެވެ. އެހުރިހާ އެންމެން އެއްފަހަރާ އިސްލާމްވުމުން މުޖާހިދުންނަށް ބުނަންނޭގޭފަދަ އުފާވެރިކަމެއް ލިބުނެވެ. ކޮންމެ މީހަކު އިސްލާމް ވުުމުން އެންމެން ތަކުބީރުކިޔާ އަޑު ކިއްލާ ގުގުމާލައިގެން ދެއެވެ. އެންމެން އިސްލާމްވުމަށްފަހު ބާކީތިބީ އިސްލާމުންގެ ލަޝްކަރު މިހިސާބަށް އައުމުން ބިރުން ކިއްލާއަށްވަދެ ތިބި ދަނޑުވެރިންތަކެވެ. އެމީހުން އިސްލާމްވާން ނުރުހުމުން މުސްލިމުންނާއި ދެކޮޅުނުވާން އަދި އެއްވެސް ރޭވުމެއްގައި ބައިވެރި ނުވާން ހުވާކުރުވާފައި ޖިޒީ ދިނުމަށާއި މުސްލިމުންގެ ވެރިކަމުގެ ދަށުގައި ތިބެން އަހުދުކުރުވާފައި ކިއްލާއިން ނުކުމެގެން ދާން އަމުރުކުރެއްވިއެވެ. އެމީހުން ސަލާމަތްވީކަމަށްޓަކާ އަބޫއުބައިދާއާއި މުސްލިމުންނަށް ހެޔޮ ދުއާކުރަމުން ނުކުމެގެން ދިޔައީއެވެ. ދެންއޮތީ ޣަނީމާ ބެއްސެވުމެވެ. އަބޫއުބައިދާ ކިއްލާގެ ފަސްބައިކުޅަ އެއްބައި ނަންގަވާފައި މުސްލިމުންނަށް އެހެން ބައިތައް ބެއްސެވިއެވެ. ދާމިސްގެ ކުޅަދާނަކަމާއި ހިތްވަރުގެ ވާހަކަދެކެވުނެވެ. އަދި އޭނައަށް ޣަނީމާގެ ދެބައިކުޅަ އެއްބައި ދެއްވިއެވެ. އެތައް ގިނަ ރަނާއި ކަންވާރުތައް ގުނާ އަދަދު ނުކުރެވެއެވެ. ޔޫގަންނާއާއި އެހެން އެންމެން އިސްލާމްވުމުން އެމީހެއްގެ މުދަލާއި ގެދޮރު އެމީހަކަަށް ދެއްވިއެވެ.

އެހުރިހާ ކަމުން ނިމުމަށްފަހު ރޫމީންގެ އޮފިސަރުންނާއި ސިފައިންތައްވެސް ކޭމްޕްތަކަށްގޮސް އެތަން ހުސްވުމުން ޔޫގަންނާ އަބޫއުބައިދާއަށް ބައްލަވާލެއްވިއެވެ.

"އަޅުގަނޑު މުސްލިމަކަށްވުމަށްފަހު މިހާރު ބޭނުންވަނީ އަޅުގަނޑުގެ އާއިލާވެސް މިދީނަށް ވައްދަން....."

"އެންމެ ރަގަޅު. އެބޭފުޅުން ގެންނަވާ. މާތްﷲ މަނިކުފާނުގެ އާއިލާއަށް ހިދާޔަތް ދެއްވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްދެއްވާށި................."

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު