މާލޭ ސަރަހައްދުގައި ރޭގަނޑު 10:00-5:00 އަށް ކާފިއު ހިންގަނީ

މެއި 22، 2020: މާފަންނު ސަހީދުއަލީ ހިނގުމުގެ ގެއަކުން ސާމްޕަލް ނެގުމަށް އެފްޕީއޭގެ ޓީމަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސަރަހައްދުގައި ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބޭރަށް ނުކުމެ އުޅުން މަނާކޮށްފި އެވެ.

ރާއްޖޭގައި ކޮވިޑް19ގެ ބަލި ހަލުވިކަމާއެކު ފެތުރެމުންދާތީ، ބަލި ކޮންޓްރޯލް ކުުރުމަށް އަޅާނެ އިތުރު ފިޔަވަޅުތައް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ވަނީ ހާމަކޮށްފައެވެ.

ދަރުބާރުގޭގައި ގައިމުކޮށްފައިވާ އެޗްއޯސީސީގައި ފިޔަވަޅުތައް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތް އައިޝަތު ސާމިޔާ ވިދާޅުވީ، މިރެއިން ފެށިގެން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް އެއްވެސް ގޮތަކަށް މީހުން ބޭރަށް ނިކުމެ އުޅުމަކީ މަނާކަމެއް ކަމަށެވެ. މީގެ އިތުރުން ވިޔަފާރިތައްވެސް ހުޅުވާފައި ބެހެޓޭނީ 9:30 އަށް ކަމަށް ސާމިޔާ ވިދާޅުވިއެވެ.

"އެކަކު އަނެއްކާ ދިމާވުމުގެ ފުރުސަތު މަދުކުރުމަށްޓަކައި، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރޭގަނޑު 10:00 އިން ފަތިހު 5:00އަށް އެއްގަމު އުދަނދު ދުއްވުމާއި، މީހުން ބޭރަށް ނުކުރުން މާނާ މި ކުރަނީ. އަދި ރޭގަނޑު 9:30އިން. ފަތިހު 5:00 އަށް ޓޭކްއަވޭއާއި ޑެލިވަރީކުރުންވެސް ހުއްޓާލާނެ،" ސާމިޔާ ވިދާޅުވިއެވެ.

މީގެ ކުރިން މާލެ ސަރަހައްދުގައި މީހުން ބޭރަށް ނިކުމެ އުޅުން މަނާކޮށްފައި އޮތީ ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 5:00 އަށެވެ. އަދި ވިޔަފާރިތައް ހުޅުވާފައި ބެހެޓެނީ، ރޭނގަޑު 10:00 އަށެވެ.

ސާމިޔާ ވިދާޅުވީ މާލެ ސަރަހައްދުގައި ބޭރަށް ނިކުތުން ހުއްދަ ވަގުތުގައި ވެސް ފަސް މީހުންނަށް ވުރެ ގިނަ މީހުންނަށް އެއްތަނަކަށް އެއްވެ ނޫޅެވޭނެ ކަމަށެވެ.

"ބަލި ފެތުރުމަށް ދިމާވާ އެއް ސަބަބު އެއީ ކޮންޓެކްޓްވާ މީހުން ގިނަވުން ނުވަތަ ކޮންޓެކް ބަބްލް ބޮޑުވުން. ވަރަށް މުހިންމު ކަމެއްމީ، އެ މީހަކު ކޮންޓެކްޓްވާ މީހުން ވީހާވެސް މަދު ކުރުން. އެހެންވެ ފަސް މީހުންނަށްވުރެ ގިނައިން އެއްވެ އުޅުން ނުވަތަ އެކުގައި އުޅުން ހުއްޓާލުން،"ސާމިޔާ ވިދާޅުވިއެވެ.

މީގެ ކުރިން މިދިޔަ މަހު އެއްވަނަ ދުވަހު ފުރަބަންދަށް ދިން ލުއިތަކާއެކު އެއްތަނަކަށް އެއްވަގުތެއްގައި އެއްވެވޭނެ އަދަދެއްގެ ގޮތުގައި ކަނޑައާޅީ 30އަށްވުރެ ގިނަ މީހުންނެވެ.

މިރެއިން ފެށިގެން މީހުން އެއްވެގެން ކުޅިވަރު ކުޅުމާއި ހަފްލާތައް ބޭއްވުން ވެސް މާލޭ ސަރަހައްދުގައި މަނާވާނެ ކަމަށް ވެސް ސާމިޔާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެހެން ރަށްތަކުގައިވެސް ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުމަށް ސާމިޔާ އެދިވަޑައިގެންނެވިއެވެ. އަދި ބަލި އޮތް ރަށްތަކުގައި މާސްކު އެޅުމަށް މަޖުބޫރު ކުރުމަށްވެސް ނިންމާފައިވާ ކަމަށް ސާމިޔާ ވިދާޅުވިއެވެ.

މިހާރު މާލެއިން ބޭރު، 10 ރަށެއްގައި އެކްޓިވް ކޭސްތައް އެބަހުއްޓެވެ. އަދި ހަތް ރަށެއް އޮތީ އަރާ ފޭބުން މަނާކޮށްފައެވެ.

މީގެ އިތުރުން އެއް ރަށަށް އަނެއް ރަށަށް ކަނޑު މަގުންނާއި ވައިގެ މަގުން ދިގު ދަތުރުތައް ކުރާއިރުވެސް މާސްކު އެޅުން މަޖުބުރުކޮށްފައިވާ ކަމަށް ސާމިޔާ ވިދާޅުވިއެވެ.

ހުރިހާ ރަށެއްގައި މާސްކު އެޅުމަށް އިރުޝާދު ދެނީ، މިހާރުވެސް ނޭނގި ބައެއް ރަށްތަކުގައި ބަލި އޮވެދާނެ ފުރުސުތު އޮތަތީވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށް ސާމިޔާ ވިދާޅުވިއެވެ.

ދެން އެޅި ބޮޑު ފިޔަވަޅަކީ، ކޮންމެހެން ޒަރޫރީ ބޭނުމެއްގައި ނޫނީ މީހުންނަށް ރަށްރަށަށް ނުދެވޭނެ ގޮތް ހެދުމާއި ރަށްރަށުން މާލެއަށް އަންނަ ބޯޓް ފަހަރުތަކަށް ވެސް ލަފާ ފޭބުމަށް ހާއްސަ ސަރަހައްދުތަކެއް ކަނޑައެޅުމަށެވެ.

މީގެ ކުރިން މާލެއިން ފުރައިންގެންދާ ކޮންމެ މީހަކަށްވެސް ރަށަށް ގޮސް ކަރަންޓިންވުމުގެ ފުރުސަތު އޮވެއެވެ. މިހާރު އެޅި ފިޔަވަޅާއެކު، ދެން ރަށްރަށަށް ދެއުމުގެ ހުއްދަ ދޭނީ ހަމައެކަނި ޒަރޫޒީ ބޭނުމަށް ކޮންމެހެން ދަން ޖޭހޭ މީހުންނަށް އެކަނި ކަމަށް ސާމިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެޅި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކަށް ނިކުމެ މަސައްކަތް ކުރާނީ، ކޮންމެހެން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް އޮފީހަށް ނިކުންނަން ޖެހޭ މުވައްޒަފުންނެވެ. އަދި އެ ނޫން މުވައްޒަފުންނާއި އަމިއްލަ އޮފީސްތަކުގެ މުވައްޒަފުން ވެސް ގޭގައި މަސައްކަތް ކުރުމަށް ބާރު އަޅާ ކަމަށް ވެސް ސާމިޔާ ވިދާޅުވިއެވެ. އަދި އޮފީސްތަކުގެ ބައްދަލުވުންތައް ވެސް އޮންލައިންކޮށް ބޭއްވުމަށް ވެސް ވަނީ ސާމިޔާ އިރުޝާދު ދެއްވިއެވެ.

ސާމިޔާ ވިދާޅުވީ މި ފިޔަވަޅުތައް އަޅަން މަޖުބޫރުވީ، މެނޭޖް ކުރެވޭ ވަރަށް ވުރެ ބޮޑަށް ބަލި ފެތުރޭ މިންވަރު އިތުރުވަމުން ދާތީ ކަމަށާއި ހިފެހެއްޓުންތަކެއް ގެނެސްގެން ނޫނީ ބަލި މިހާރު ފެތުރޭ ރޭޓް ކޮންޓްރޯލް ނުކުރެވޭނެތީ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް އެންމެ ގިނަ އަދަދަކަށް އެއް ދުވަސްތެރޭ މީހުން ޕޮޒިޓިވްވެފައި ވަނީ، މިދިޔަ އާދިއްތަ ދުވަހުއެވެ. އެއީ 215 ކޭސްއެވެ. އަދި މިހާރު ދުވަހުން ދުވަހަަށް ފެންނަ ކޭސްތައް ހުރީ 100 އިން މަތީގައެވެ. ރާއްޖެ ފުރަބަންދުގައި އޮތް އެންމެ ގިނަ އަދަދަކަށް ފެނުނު ކޭސްތަކުގެ އަދަދަކީ 197 އެވެ.

މިހާތަނަށް ޖުމްލަ 4,293 ކޭސް ރާއްޖެއިން ވަނީ ފެނިފައެވެ. އޭގެ ތެރެއިން ބިދޭސީންނަށްވުރެ ގިނައީ ދިވެހިންނެވެ. އަދި މިހާރު ފަރުވާ ދެމުންދާ ކޭސްތަކުގެ އަދަދަކީ، 1،619 އެވެ. ބަލި ފަސޭހަވި މީހުންގެ އަދަދަކީ، 2،670 އެވެ. މަރުވި މީހުންގެ އަދަދު 19އަށް އަރާފައެވެ.

comment ކޮމެންޓް