ހައިވޭގައި ދެ ކާރު ޖެހި އެކްސިޑެންޓެއް ހިނގައިފި

އެކްސިޑެންޓް ހިނގާފައިވަނީ ހައިވޭ ހަތަރު ލޭން ހިމެނޭ ސަރަހައްދުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭއާއި މާލެއާ ދެމެދު ހައިވޭގައި ދަތުރުކުރަމުންދިޔަ ދެ ކާރު ޖެހި އެ ދެކާރަށްވެސް އެކި ވަރުގެ ގެއްލުންތައް ވެއްޖެ އެވެ.

ފުލުހުން ބުނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރަމުންދިޔަ ކާރަކާއި ހުޅުމާލެއިން މާލެއަށް ދަތުރުކުރަމުންދިޔަ ކާރެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު 11:20 ހާއިރު ފުލުހަށް ހުށަހާފައިވާ ކަމަށެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ ހައިވޭގެ ހަތަރު ލޭން ހިމެނޭ ސަރަހައްދުގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވަނީ އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ދެ ކާރަށްވެސް އެކި ވަރުވަރުގެ ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވަނީ އެކްސިޑެންޓްވި ދެ ކާރު ދުއްވަން ތިބި މީހުންގެ އަތުގައިވެސް ކާރު ދުއްވުމުގެ ލައިސަންސް އޮންނަ ދެމީހުން ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.

comment ކޮމެންޓް