ލިޔޯން އޮތީ ޔުވެންޓަސް ގެއަށް ފޮނުވާލަން ތައްޔާރަށް: ޑިޕާއީ

ލިޔޯންގެ ފޯވާޑް މެމްފިސް ޑިޕާއީ -- ފޮޓޯ//ލައިވްސްކޯ

އަންނަ ހުކުރު ދުވަހު ޔުވެންޓަސްއާ ދެކޮޅަށް ނުކުންނާނީ އެ ޓީމު ކަޓުވާލައި ގެޔަށް ފޮނުވާލުމުގެ ވަރުގަދަ އަޒުމުގައި ކަމަށް ލިޔޯންގެ ފޯވާޑް މެމްފިސް ޑިޕާއީ ބުނެފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ލިޔޯންގެ އަމިއްލަ ދަނޑުގައި ޔުވެންޓަސް 0-1 އިން ވަނީ ބަލިކޮށްފަ އެވެ. އެހެން ކަމުން ދެވަނަ ލެގަށް ލިޔޯން އިޓަލީގެ ޓިއުރިންއަށް ދަތުރު ކުރާނީ އެޑްވާންޓޭޖަކާ އެކު އެވެ. އެ މެޗުން އެއްވަރު ކޮށްލައިގެން ވެސް ލިޔޯންއަށް ދެން އޮތް ރައުންޑަށް ދަތުރުކުރެވޭނެ އެވެ.

އެހެން ނަމަވެސް ކުރީ މެޗުގެ ހާލަތާއި މިހާރު ހާސްބައި ވަނީ ތަފާތު ވެފަ އެވެ. ކޮވިޑްގެ ސަބަބުން މިދިޔަ މާޗް މަހުގެ ކުރީކޮޅު ލީގުތައް މެދުކަނޑާލި އިރު ފްރެންޗް ލީގު ވަނީ އިތުރަށް ނުކުޅެ ކެންސަލް ކޮށްފަ އެވެ. އެކަމާ ވިދިގެން ލިޔޮންއަށް ގިނަ ދުވަސްތަކެއް ވަންދެން މެޗެއް ކުޅުމުގެ ފުރުސަތެއް ނުލިބި ދިޔަ އިރު، ޔުވެންޓަސް ވަނީ އިޓާލިއަން ލީގުގައި ވަރުގަދަ މެޗުތަކެއް ކުޅެ ލީގު ކާމިޔާބު ކޮށްފަ އެވެ.

ވާދަވެރި ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ލިބުމާ އެކު ޔުވެންޓަސްއަށް އެކަމުގެ އެޑްވާންޓޭޖް ނެގުނު ނަމަވެސް ލިޔޯންއަށް ވެސް ވަނީ ޗެމްޕިއަންސް ލީގަށް ތައްޔާރުވާން ވަގުތު ލިބިފަ އެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރި ޑިޕާއީ އެނބުރި ޓީމާއި ގުޅިފައިވާ އިރު ޔުވެންޓަސް މެޗަށް ނުކުންނާނީ ވަރުގަދަ އަޒުމެއްގައި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"ފުރަތަމަ ލެގު ކުޅުނު އިރު އަހަރެން އަނިޔާގައި ހުންނަން ޖެހުނަސް އެދުވަހު ވެސް ޓީމުގެ ފެންވަރު ސާބިތު ކޮށްދިން. މިހާރު މިއޮތީ ހާލަތު މުޅިން ބަދަލުވެފައި،" ޑިޕާއީ ބުންޏެވެ.

"މީގެ މަސްތަކެއް ކުރިން ދެ ޓީމު އޮތް ހާލަތު ވަރަށް ތަފާތު. ޔުވެންޓަސްއަށް ގިނަ މެޗުތަކެއް ކުޅެން ލިބިއްޖެ. އަނެއް ކޮޅުން އަހަރެން އަނިޔާއިން ސަލާމަތްވާން ވަގުތު ލިބިއްޖެ. އުންމީދަކީ ޔުވެންޓަސް ބަލިކޮށް ގެޔަށް ފޮނުވާލުން،"

ކޮވިޑް-19ގެ ސަބަބުން މާޗް މަހު ޗެމްޕިއަންސް ލީގުގެ ކުޅުން މެދުކަނޑާލިއިރު ހަތަރު ޓީމަކުން ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. ބާކީ ހަތަރު ޓީމު ކަށަވަރު ވާނީ އެޓީމުތަކުން ކުޅޭ ދެ ވަނަ ލެގްގެ މެޗުތަކަށް ފަހު އެވެ. ޔޫއެފާއިން ޗެމްޕިއަންސް ލީގު މިނީ މުބާރާތެއްގެ ގޮތުގައި ކުރިއަށްގެންދަން ނިންމާފައި ވަނީ އޮގަސްޓް 10 އިން 23 އަށެވެ.

މި މުއްދަތުގައި މިނީ މުބާރާތެއް ގޮތަށް ކުއާޓާ ފައިނަލުން ފެށިގެން މެޗުތައް ކުޅޭނީ ޕޯޗުގަލްގެ ބެންފީކާގެ ސްޓޭޑިއަމްގަ އެވެ. ޗެމްޕިއަންސް ލީގު މެދުކަނޑާލިއިރު ނުކުޅެވުނު ދެ ވަނަ ލެގްގެ މެޗުތައް ކުޅޭނީ އޮގަސްޓް 7-8 ވަނަ ދުވަހު އެވެ.

ފުރަތަމަ ލެގްގައި ރަށުން ބޭރުގައި މެންޗެސްޓާ ސިޓީން ވަނީ ރެއާލް މެޑްރިޑް 2-1 އިން ބަލިކޮށްފަ އެވެ. ދެ ވަނަ ލެގް އަމިއްލަ ދަނޑުގައި ކުޅޭއިރު މެޗު އެއްވަރުކޮށްލައިގެން ވެސް ސިޓީ އަށް ކުއާޓާ ފައިނަލަށް ދެވޭނެ އެވެ. ދެ ވަނަ ބުރުގައި ޗެލްސީން އަމިއްލަ ދަނޑުގައި ބަޔާން މިއުނިކް އަތުން 3-0 އިން ބަލިވެފައިވާ އިރު ދެ ވަނަ ލެގް އޮންނާނީ ބަޔާންގެ ދަނޑުގަ އެވެ. ނަޕޯލީ އާއި ބާސެލޯނާ ވާދަކުރި ފުރަތަމަ މެޗު 1-1 އިން ވަނީ އެއްވަރުވެފަ އެވެ. ދެ ވަނަ ލެގް އޮންނާނީ ބާސެލޯނާގެ ދަނޑުގަ އެވެ.

comment ކޮމެންޓް