މާލެ ގެނައި ބަލި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ދެ ރަށެއް ފުރަބަންދުކޮށްފި

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް --

ރ. އުނފޫފާރު ރީޖަނަލް ހޮސްޕިޓަލުން މާލެ ގެނައި ބަލި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ، އެ ރަށާއި ޅ. އޮޅުވެލިފުށި ފުރަބަންދުކޮށްފި އެވެ.

އިއްޔެ މާލެ ފޮނުވާލި އެ ބަލި މީހާއަކީ، އޮޅުވެލިފުށީ ސިއްހީ މަރުކާޒުގައި ފަރުވާދިނުމަށް ފަހު، މިދިޔަ މަހުގެ 29 ވަނަ ދުވަހު އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔަ މީހެކެވެ.

އުނގޫފާރު ހޮސްޕިޓަލުގެ ޕަބްލިކް ރިލޭޝަން ހަސަން ފަޒީލު މިއަދު "ސަން" އަށް ވިދާޅުވީ، ބަލި މީހާ ގައިގައި ކޮވިޑަށް ޝައްކު ކުރެވޭ އަލާމަތްތަކެއް ހުރެގެން އެ ހޮސްޕިޓަލުން ވެސް ސާމްޕަލް ނަގައި ޓެސްޓު ކުރި ކަމަށެވެ. ނަމަވެސް އެ ޓެސްޓުގެ ނަތީޖާ ނެގަޓިވްވުމުން މާލެ ފޮނުވާލުމަށްފަހު، މާލެ އިން ހެދި ދެ ޓެސްޓުވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ހެނދުނު އައިޖީއެމްއެޗް އިން ވަނީ އަންގާފައި އެ ހޮސްޕިޓަލުން ހެދި ދެވަނަ ޓެސްޓުވެސް ވައިރަހަށް ޕޮޒިޓިވްވިކަން. އެ ހިސާބުން މިހާރު ރަށްވެސް ވަނީ މޮނިޓަރިން ހާލަތައް ގެނެސްފައި،" ފަޒީލް ވިދާޅުވި އެވެ.

ފަޒީލް އަދި ވިދާޅުވީ، ހޮސްޕިޓަލް އިން ބަލި މީހުން ބެލުންވެސް މިހާރު ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ގާތްގަނޑަކަށް ޕްރައިމަރީ ކޮންޓެކްޓްސްގެ ގޮތުގައި 20 އަށްވުރެ ގިނަ މީހުން ވަނީ ދެނަގަނެވިފައި. އޭގެ ތެރޭގައި 8-7 ޑޮކްޓަރުން އުޅޭނެ،" ފަޒީލް ވިދާޅުވި ވެ.

އޮޅުވެލިފުށި ކައުންސިލުން ބުނި ގޮތުގައި އޭނާ އެރަށު ސިއްހީ މަރުކަޒަށް ޑޮކްޓަރަށް ދައްކަން ދިޔައީ، ބަޑަށް ތަދުވާތީ އެވެ. އަދި އޭނާ އަކީ، އެވެސް ކަހަކަ ޓްރެވެލް ހިސްޓަރީއެއްވެސް އޮތް މީހެއް ނޫން ކަަމަށް ކައުންސިލުން ބުންޏެވެ.

"ރަށް މޮނީޓަރުންނަށްލުމަށްފަހު، މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުން،" އޮޅުވެލިފުށީ ކައުންސިލުން ބުންޏެވެ.

މި ދެ ރަށާއެކު މިވަގުތު ފުރަބަންދުގައިވާ ރަށްތަކުގެ އަދަދު ވަނީ ހަތަކަށް އަރާފަ އެވެ. އެއީ ހއ. މާރަންދޫ، ހދ. މަކުނުދޫ، ހދ. ނޮޅިވަރަން، ހދ. ފިނޭ އަދި ހއ. އިހަވަންދޫ އެވެ.

comment ކޮމެންޓް