ފުން އަސަރު ކުރުވައިފިއޭ... 15

ފުން އަސަރު ކުރުވައިފިއޭ ކަވަރު

ހިތަށް އެރި އެވެ. އެއީ އަޒްމަންގެ ކާކު ހެއްޔެވެ؟ ބައްޕަ ހެއްޔެވެ؟ ނޫނީ ބޮޑުބޭބެ ހެއްޔެވެ؟ އަހަންނަށް ކައިވެނި މިކުރެވުނީ، ކޮއްކޮގެ އިއްފަތް ފޭރިގަތް ނުބައި އިންސާނާގެ ލެޔާއި ހެއްޔެވެ؟ އަޒްމަން ކިތަންމެ ރަނގަޅަސް، އެހަށިގަނޑުގައި އެމީހެއްގެ ލޭ ހުންނާނެތާ އެވެ. އަނެއްކާ އަޒްމަން އަހަންނާއި ކައިވެނި ކުރީ، މާޒީގައި ވެފައި އޮތް ކަމެއްގެ ބަދަލު ހިފުމުގެ ގޮތުން ހެއްޔެވެ؟ ވިސްނާ ވިސްނާ ސިކުނޑި ސުމަކަށް ދިޔަ އެވެ. ކުރާނޭ ނުކުރާނޭ ކަމެއް ނޭނގި، މުޅި ކޮޓަރީގައި ހިނގެން ފެށުނެވެ.

*********

އެންމެންގެ އަޑު ކެނޑި މުޅި ގޭތެރެ ހިމޭންވެއްޖެ އެވެ. އަހަރެންގެ ހަރަކާތްތަކަށް ބަލަން އޮތް މިޝްރާ ވެސް ނިދައިފި އެވެ. އެކަނިވުމުން ވެސް އަހަރެންގެ ހިތް އިތުރަށް ނުތަނަވަސް ކުރުވި އެވެ. އެތައް އިރެއް ފާއިތުވެދިޔަ ފަހުން ދޮރު ހުޅުވައިލީމެވެ. ގޭތެރެއިން ފެންނަމުން ދިޔައީ، ފަނޑު އަލިކަމެކެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔަ އެވެ.

އަހަރެން މިސްރާބުޖެހީ ކާގެ އާއި ދިމާއަށެވެ. ކަރު ހިއްކައިގަނެފައިވާލެއް ބޮޑުކަމުން، ބޭރަށް ނުނުކުމެ ފަރު ނުޖެހުނީ އެވެ. ކާގެ ދޮރާއި ހަމައިން އަހަރެންގެ ފިޔަވަޅުތައް މަޑުޖެހިއްޖެ އެވެ. ސިންކު ކައިރީގައި އެހުރީ އަޒްމަން އެވެ. އޭނާ ހުރީ ކާމޭޒުމަތީގައި ހުރި ތަށިތައް ދޮންނާށެވެ. މޭޒުގެ އެއްފަރާތުގައި ބަރިއަކަށް ވާހެން އޭނާ ދޮވެފައިވާ ތަށިތައް ބަހައްޓާފައި ހުއްޓެވެ.

އަހަރެން އައިސް ދޮރުމަތީގައި ހުރިކަމެއް އޭނާއަކަށް ނޭނގެ އެވެ. އެ ހަރަކާތްތަކަށް ބަލަން އަހަންނަށް އެތައް އިރަކު ހުރެވުނެވެ. އަޒްމަން ފަސްއެނބުރި ބަލައިލަން އުޅޭހެން ހީވެ، އަހަރެން ފަހަތަށް ދެމިގަތީމެވެ. އަވަސްކުރަން ހަދައިގެން ދޮރުގެ ދާރައިގައި ޖެހިފައި ނުވެއްޓުނީ ކިރިޔާ އެވެ. ދޮރާއި ނިވާވެލައިގެން އުޅަނބޮށީގައި ފިރުމަން ހުއްޓައި، އޭނާ އައިސް ކޮނޑުގައި އަތް ޖައްސައިލުމުން ސިހޭގޮތް ވިއެވެ.

"އަހަރެން އަތްލީމަ ނީހާ ތިހާވަރަށް ސިހެނީ ކީއްވެތަ؟..." އަޒްމަން ހުރީ ހިނިތުންވެލައިގެންނެވެ. "ކިހިނެއް ތި ހަދަނީ؟... އަތަށް ކަމެއްވިތަ؟..." އަހަރެންގެ އަތަށް ބަލައިލަމުން، އޭނާ އަހައިލީ ކަންބޮޑުވެފައިވާ ކަހަލަ ރާގެއްގަ އެވެ.

އަހަރެން ވަކި އެއްޗެއް ނުބުނެ އިސްޖަހައިލީ އެވެ. ކުރެވުނު ކަމަކުން އަހަރެން ހުރީ ލަދުގަނެފަ އެވެ. އަހަރެން ބޯ ހޫރާލުމުން ވެސް އޭނާއަކަށް ކަމަކު ނުދިޔަ އެވެ. އަހަރެންގެ އަތަށް އެއްވެސް ކަމެއް ވެފައިވޭތޯ ބެލި އެވެ. ބޭރުފުށުން ކަމެއް ވެފައި ނެތްކަމުގައި ވިޔަސް، އަތް ގޮތްގޮތަށް އަނބުރައި، މޮޑެލަދީ ހެދި އެވެ.

"ހިނގާ ކާން ދޯ... މިޝީ ނިދީތަ؟..." ކޮޓަރި އާއި ދިމާއަށް ބަލައިލަމުން އަޒްމަން އަހައިލި އެވެ.

އަހަރެން ބޯ ޖަހައިލީމެވެ. މިޝްރާ ނިދީ ކައިގެން ކަމުގައި ބުނުމުން، އެ މޫނުމަތިން ހަމަޖެހުމުގެ އަސަރު ފެނިގެން ދިޔަ އެވެ. އަހަރެންގެ ޖަވާބަކަށް އޭނާ އިންތިޒާރެއް ނުކުރެ އެވެ. އަތުގައި ހިފައިގެން ގެންގޮސް ކާމޭޒު ކައިރީގައި ބައިންދައިފި އެވެ. ކާ އެއްޗެހި އަޅައިގެން ގެނެސްދިނީވެސް އޭނާ އަމިއްލަ އަށެވެ. އިއްޒަތްތެރިއަކާއި ދޭތެރޭގައި ކަންތައް ކޮށްދޭހެން، އަހަންނާއި ދޭތެރޭގައި ކަންތައް ކުރަން ފެށުމުން އަހަރެން އިނީ އުނދަގޫވެފަ އެވެ.

"ނީހާ ބޭނުން ނޫނިއްޔާ އެންމެ ރަނގަޅުވާނެ އެގެއަށް ނުދިޔަސް..."

ކާން އިނދެފައި އަޒްމަން ފެށި ވާހަކައަކުން އަހަރެން ކޮށި އަރާ ގޮތްވި އެވެ. ހިތަށް އެރި އެވެ. އަޒްމަން ހީކުރީ، އަހަރެން އެގޮތަށް ކަންތައްކުރީ އެގެއަށް ދާން ބޭނުން ނުވާތީ ކަމަށް ހެއްޔެވެ؟ ވީގޮތް އޭނާއަށް އެނގޭނޭނަމަ ކޮންފަދަ ހެއްޔެވެ؟ އެކަމަކު، އެވަރުގެ ކަމެއް އަންގައިގެން އޭނާގެ ސިކުނޑި ހާސްކުރުވުމުގެ ބޭނުމެއް ވެސް ވަކި ކޮބައި ހެއްޔެވެ؟

އަޒްމަން އަހަންނަށް ބަލައިލީ ފުން ނަޒަރަކުންނެވެ. ފެންތަށި ކައިރިއަށް ޖައްސާލަދީފައި ވެސް އަހަރެންގެ މޫނަށް ބަލަން އޭނާ އިރުކޮޅަކު އިނެވެ.

"އަހަރެން ނީހާ އާ ކައިވެނި ކުރީ، ނީހާގެ އެއްވެސް މިނިވަން ކަމަކަށް ހުރަސް އަޅާކަށް ނޫން... ނީހާ ބޭނުން ތަނެއްގަ، ބޭނުން ގޮތަކަށް އުފަލުގަ އުޅެންވީ... އޭރުން އެ ނިމުނީ..."

އަޒްމަންގެ ކޮންމެ ޖުމްލަ އަކުން އަހަރެންގެ ހިތަށް ފުން އަސަރުތަކެއް ކުރުވަމުން ދިޔަ އެވެ. ފިރިމީހާގެ އާއިލާގެ ކުރިމަތީގައި އޭނާގެ ޤަދަރަށް އުނިކަން ލިބޭގޮތަށް އަހަރެން ކަންތައް ކުރުމުން ވެސް އޭނާ އެ ވިސްނީ އަހަންނާއި މެދުގަ އެވެ. އަހަރެންގެ މި ގޯސް ސިފަތަކާއި އެކުގައިވެސް، އޭނާ އަހަރެން ބަލައިގަންނަނީ ކީއްވެ ހެއްޔެވެ؟ އަހަންނަށް އޭނާ އެހާ ރަނގަޅީ ކީއްވެ ބާއެވެ؟ ސަބަބެއް އޮވެދާނެ ހެއްޔެވެ؟ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާ އަހަންނަށް އެހާ ރަނގަޅު އިރު، އަހަރެން އޭނާ އާއިމެދު ގޯސްކޮށް ވިސްނަންވީ ކީއްވެ ހެއްޔެވެ؟ އޭގެ ކުޑަ އިރުކޮޅެއް ކުރިން ކަންތައް ކުރެވުނު ގޮތުން ދެރަ ވިއެވެ. ކާހިތްވެސް ކެނޑުނެވެ. އެވަރުން ވެސް އަހަރެން ތެދުވީ ތަށި ހުސްކޮށްލައިގެންނެވެ.

ތަށިތައް ދޮވެ ނިންމާފައި އަހަރެން ނުކުތްއިރު، އަޒްމަން އިނީ ސޯފާގަ އެވެ. އަހަރެން އައުމުން ތެދުވެގެން ކައިރިއަށް އައެވެ. އެ ފިރެހެންވަންތަކަމަށް ހިތުގެ އަޑިން ތައުރީފު ކުރަމުން ދަނިކޮށް، އޭނާ އައިސް ދާދި ކައިރީގައި ހުއްޓިލައިފި އެވެ. ހިތް ތެޅެން ފެށީ އޮބި ނޯންނަ ވަރަށެވެ. ނޭވާ އެތެރެހަށީގައި ތާށިވެފައި ވަނިކޮށް، އޭނާ އަހަންނާއި ދިމާއަށް ކުޑަކޮށް ގުދުވެލާފައި ކޯތާފަތުގައި ބޮސްދީފި އެވެ.

"ބާއްޖަވެރި ރެޔަކަށް އެދެން..." އަޒްމަން ބުންޏެވެ.

އަހަރެން ހުރީ ހުއްޓުން އަރާފަ އެވެ. ދެލޯ ބޮޑުވެ، މުޅި މީހާ ގަބުވެފަ އެވެ. އަހަރެން އުޅޭ ކޮޓަރި އާއި ޖެހިގެން ހުރި ކޮޓަރި އާއި ދިމާއަށް އޭނާ ހިނގައިގަތުމުން ވެސް އަހަންނަށް ހުރެވުނީ އޭނާއަށް ބަލާށެވެ. އަހަންނަށް ހަމަހޭވެރިކަންވީ އޭނާ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލި އަޑު އިވުމުންނެވެ.

********

އާދުވަހަކަށް އިރު އެރިއިރު، އަހަރެން ހުރީ، ބަދިގޭގެ ކަންތައްތައް ނިންމާލައިގެންނެވެ. ސައިހަދާ ނިންމާފައި، ގޭތެރެ ފޮޅައި ސާފު ކުރަން ހުރިއިރުވެސް ބެލެމުން ދިޔައީ އަޒްމަން ނިދަން ވަތް ކޮޓަރި އާއި ދިމާއަށެވެ. އެތަނަށް ވަނުމަށް ހިތް އެދި ގޮވަނީ އެވެ. ކިތަންމެ ފަހަރަކު ގޮސް ތަޅުގައި ވެސް ހިފައިލެވިއްޖެ އެވެ.

އެންމެފަހުން ފިހިގަނޑު ހިފައިގެން ދިޔައީ އެ ކޮޓަރިއަށް ވަނުމަށް ބަހަނާއެއް ހޯދައިގެންނެވެ. ކޮޓަރީގެ ތަޅުގައި ހިފައި އަނބުރައިލި ވަގުތު ސިހުން ލިބުނީ، ގޭގެ މައި ދޮރަށް ތަޅުދަނޑި ޖަހައިލި އަޑު އިވުމުންނެވެ. އަހަރެން އެ ކޮޓަރި ކައިރިން ދުރަށް ޖެހިލިތަނައި، އެމީހަކު ދޮރު ހުޅުވާލައިފި އެވެ. ދޮރުމަތީގައި ހުރީ އަޒްމަންގެ މަންމަ އެވެ. އަހަރެން ފެނުމުން، އޭނާ ހަދިޔާކޮށްލީ ފުޅާ ހިނިތުންވުމެކެވެ.

"ދަރިފުޅު ހާދަ އަވަހަކަށް ހޭލައިގެން ތިއުޅެނީ... މަންމަ ހީކުރީ، އަދި ނުހޭލާނެ ކަމަށް... އެހެންވެ މިއައީ، ހަނާކުރި މަސްކޮޅަކާ ރޮށިކޮޅެއް ވެސް ހިފައިގެން..." އަތުގައި އޮތް ތަށި ދައްކައިލަމުން އޭނާ ބުންޏެވެ.

ތަށީގައި ހިފަން ވެސް ނޭނގިފައި އަހަންނަށް ހުރެވުނީ އެވެ. ހިނިތުންވެލައިގެން ހުރެވުނު ކަންވެސް އެއީ ނަސީބެކޭ ހިތަށް އެރި އެވެ. އަހަންނަށް ހަމަހޭވެރިކަން ވީއިރު، މަންމަ ކާގެ އާއި ދިމާއަށް ހިނގައިގެންފި އެވެ. އަވަސްއަވަހަށް ގޮސް، ތަށީގައި ހިފީމެވެ. އެ ގެންގޮސް މޭޒުމަތީގައި ބަހައްޓާފައި އެނބުރުނުއިރު، މަންމަގެ ނަޒަރު އަމާޒުވެފައިވަނީ، މޭޒުމަތީގައި އަތުރާލާފައިވާ ތަށިތަކާއި ދިމާއަށެވެ.

"ދަރިފުޅު މިހާރު ސައިހަދާ ނިންމާލީ ދޯ... ހާދަ ބައިވަރު ތައްޓެއް އަތުރާލާފަ އެހުރީ..." މަންމަގެ މޫނުމަތިން އިހުނަށްވުރެ ބޮޑަށް އުފާވެރިކަން ފެނިގެން ދިޔަ އެވެ. އަހަންނާއި ދިމާއަށް އޭނަ ބަލައިލީ ފަހުރުވެރިވަމޭ ބުނާ ފަދައިންނެވެ.

"އަޒްމަން އަދިވެސް ނުހޭލަނީތަ؟... އާއްމުކޮށް ފަތިހާ ހޭލާނެ.." ކޮޓަރި އާއި ދިމާއަށް ބަލައިލަމުން މަންމަ ބުންޏެވެ.

އަހަރެން ބޯޖަހައިލުމުން، އަތުގައި ހިފައިގެން ގެންގޮސް ސޯފާގައި ބައިންދައިފި އެވެ. އަހަރެންގެ ކައިރީގައި އިށީނދެފައި ދެއަތުގައި ހިފައިލި އެވެ. ހީވީ ބޮޑު ވާހަކައެއް ދައްކަން ތައްޔާރުވެލި ހެންނެވެ.

"ދަރިފުޅު!... އަޒްމަން އަކީ ވަރަށް ހިތްބަލި ކުއްޖެއް... އޭނަ ވަރަށް އަވަހަށް ކަންކަމާ ދެރަވާނެ... އެކަމަކު އެކަމެއް ނުއެއް ދައްކާނެ..." މަންމަ ވާހަކަ ފެށީ ދުރުދުރުންނެވެ.

އެވާހައިގެ މުރާދެއް ނޭނގޭތީ އަހަރެން އިނީ، ހާސްވެފަ އެވެ. ހިތަށް އެރި އެވެ. އަހަރެމެންގެ ގުޅުން މަންމައަށް އެނގުނީ ބާއެވެ؟ ނޫނީ ޝައްކެއް ވީ ބާއެވެ؟

"ފަހަރެއްގަ ވެދާނެ މަންމަ ދައްކަން މިއުޅެނީ މާ ރަނގަޅު ވާހަކައެއް ނޫން ކަމަށްވެސް... އެކަމަކު، މި ވާހަކަ ނުދައްކާ މަންމަގެ ހިތަށް ކެތް ނުވީ..." މޭގައި އަތް ޖައްސައިލަމުން މަންމަ ވާހަކަ ދެއްކި އެވެ. "ދަރިފުޅަށް އަދި ނޭނގި އޮވެދާނެ ކަންނޭނގެ އަޒްމަން އާއި ޝާހާގެ ގުޅުން... އެދެކުދިން ރައްޓެހިވެގެން އުޅުނީ ވަރަށް ލޯބިން... ކައިވެނީގެ ހުރިހާ ކަމެއް ހަމަޖައްސާފަ އޮއްވާ، ކުއްލިއަކަށް ނޭނގުނު ވީގޮތެއް... އިވުނީ ޝާހާ ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ ޚަބަރު... އެ އާއިލާ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރިކަން އެނގުނީމަ މަންމަ ވަރަށް ދެރަވި... އަޒްމަން ކައިރީ އަހާއަހާ ވެސް ވީގޮތެއް ނުބުނި... އެ ދުވަސްކޮޅު މަންމައަށް ހީވި އެސޮރު ގެއްލުނު ހެންވެސް..."

އަޒްމަންގެ މަންމަ އިނީ ދެރަވެފަ އެވެ. ދޭތެރެއަކުން ދެލޯ ފޮހެލާގޮތުން، އޭނާ އަޒްމަންދެކެ ލޯބިވާވަރު ހާމަވެގެން ދިޔަ އެވެ. އެތަން ފެނި އަހަރެންގެ ހިތަށް ވެސް ގޮތެއް ވެއްޖެކަން ޤައިމެވެ. އިވުނު ވާހަކައެއްގެ ސަބަބުން ހިތި ގޮތަކަށް ހިންދިރުވައިލެވިއްޖެ އެވެ.

"މަންމަ ބޭނުމެއް ނޫން ތި ދެ ކުދިން ދުރުވާކަށް... މަންމަ ދަރިފުޅާއިމެދު ޝައްކެއް ނުކުރަން.... އެކަމަކު ވެސް މަޔަކަށް ވީތީ، މަޔެއްގެ ފަރާތުން ދަރިފުޅަށް ދޭނެ ނަސޭހަތަކީ، ދެކުދިން ދުރު ނުވައްޗޭ... މިހާރު ތިތިބީ ކައިވެނީގެ މަތިވެރި ގުޅުމަކުން ގުޅެވިފަ... މަންމައަށް އެންމެ ރަނގަޅު މަންމަ ކައިރީ އުޅެން ގެއަށް ނުދިޔަސް، ތި ދެކުދިން އުފަލުގަ އުޅުނީމަ މަންމަވެސް ހުންނާނީ އުފަލުން..." އަހަރެންގެ ބޮލުގައި ފިރުމާލަމުން މަންމަ ބުންޏެވެ.

މަންމަ ދިޔުމުން، އަހަންނަށް ބަލައިލެވުނީ އަޒްމަން އޮތް ކޮޓަރި އާއި ދިމާއަށެވެ. ޝާހާދެކެ ރުޅި އާދެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލަ އެވެ. ހިތް ސުވާލުތަކުން ފުރިގެން އައެވެ. މިހާރު ޝާހާ ކޮބައި ހެއްޔެވެ؟ ދެމީހުން ދުރުވީ ކޮން ސަބަބަކާއިހުރެ ހެއްޔެވެ؟ އެއީ ވަރަށް ރީތި އަންހެން ކުއްޖެއް ބާއެވެ؟ މިހާރު ވެސް އަޒްމަން ޝާހާދެކެ އެހާ ވަރަށް ލޯބިވޭ ހެއްޔެވެ؟

ޚިޔާލާއި ފިކުރުގެ ތެރޭގައި ހުރެ ގޮސް، އަޒްމަން އޮތް ކޮޓަރީގެ ތަޅުގައި ހިފައިލެވިއްޖެ އެވެ. އެތެރެއިން ދޮރު ހުޅުވައިލީ ވެސް އެވަގުތު އެވެ. ހަށިގަނޑު މަތަ ނުކުރެވިގެން، އަރިއަޅާލައިފި އެވެ. ކޮޓަރި ތެރެއަށް ވެއްޓެން ދިޔަ ވަގުތު ހިފައިގަނެވުނީ ކުރިމަތީގައި ހުރި އަޒްމަންގެ ގައިގަ އެވެ. ދެމީހުން ވެއްޓުނީ އެކު އެކީގަ އެވެ. ކޮޓަރިތެރޭގައި ހަރުލައިގެން ދިޔައީ އަހަރެންގެ އަނގައިން ނުކުތް ތޫލި ހަޅޭކުގެ އަޑެވެ.

އަޒްމަން އޮތީ އަހަރެންގެ ދަށުގަ އެވެ. ވެއްޓެން ދިޔަ ވަގުތު ހިފެހެއްޓި ގޮތަށް، އޭނާ އޭރުވެސް އޮތީ އަހަރެންގެ އުނަގަނޑުގައި ދެއަތް ވަށާލައިގެންނެވެ.

ފެންވަރައިގެން ނުކުތް ގޮތަށް އޭނާގެ ގައިން ފެން ވެސް ނުހިކެ އެވެ. ހަމައެކަނި ތުވާލިކޮޅާއި އެކުގައި އޮތްއިރު، އެ ހަށިގަނޑުން ދުވަމުންދިޔަ މީރު ވަހުން، ނޭފަތް އެތެރެއަށް ދަމާލެވިއްޖެ އެވެ. އެ ހަށިގަނޑުގައި ދަތުރު ކުރަމުންދިޔަ ފެންތިކިތަކަށް އަހަރެންގެ ނަޒަރު ހުއްޓެމުން ދިޔަ އެވެ. އެއިން ކޮންމެ ފެން ތިއްކަކާއިމެދު ޙަސަދަވެރި ވެވުނު ވަގުތުކޮޅެއް ވެސް ދިޔަ މެއެވެ. ތެދުވަން ވެސް ނޭނގިފައި އެގޮތުގައި އޮވެވުނީ ކިހާ އިރަކު ކަމެއް ނޭނގުނެވެ. ހުދު އަޒްމަންގެ ނަޒަރު ވެސް ވަނީ އަހަންނަށް ހުއްޓިފަ އެވެ. އެ ބެލުން ތަފާތެވެ.

"ދޮންތީ!..." ކޮޓަރިން ނުކުތް މިޝްރާ އަޑު ހަރުކޮށް ގޮވައިލި އަޑު އިވުނެވެ.

ދެމީހުންނަށް ވެސް ތެޅިގަނެވުނެވެ. އަވަހަށް ތެދުވެގެން ކޮޓަރީގެ ދޮރު ލައްޕައިލެވިއްޖެ އެވެ. ކުރެވުނު ކަންތައް އެނގުނީ ދޮރު ލައްޕައި، ދޮރުގައި ލެނގިލި ފަހުންނެވެ. ކުރިމަތީގައި ހުރި އަޒްމަންއަށް އަހަރެން ނަޒަރު ސީދާ ވުމާއިއެކު، ލަދުން މުޅި މޫނު ރަތްވެއްޖެ އެވެ. ހަމައެކަނި ތުވާލިކޮޅުގައި އެ ފިރެހެންވަންތަ ހަށިގަނޑުން ބޮޑުބައެއް އެހުރީ، އަހަރެންގެ ކުރިމަތީގައި ހާމައަށް ފެންނާށެވެ. އަހަރެން އުޅުނީ އަވަހަށް އޭނާގެ ކުރިމަތިން ދުރަށްދާށެވެ. ދޮރު ހުޅުވައިލަން އުޅުނު ވަގުތު، އަޒްމަން އޭނާގެ އެއް އަތުން ދޮރުގައި ހިފަހައްޓައި އެކަމަށް ހުރަސްއަޅައިފި އެވެ.

އެފަދަ ގޮތަކަށް އެހާ ގައިގޯޅިވެގެން ތިބެން ޖެހުމުން، އަހަރެންގެ ހިތުގެ ވިންދު އަވަސްވެއްޖެ އެވެ. އަމިއްލަ ހަށިގަނޑުގެ މައްޗަށް ބާރު ނުފޯރުވިދާނެހެން ހީވަނީ އެވެ. ހާސްވެގެން މުޅި މީހާ ދާހިއްލާ ފޯވާން ފެށި އެވެ. ގޭތެރެއިން ދެވަނަ ފަހަރަށް މިޝްރާ ގޮވައިލި އަޑު އިވުނެވެ. އަޒްމަން އޭނާގެ އަތުގެ އިޝާރާތުން އޭނާ ހުރިގޮތް ދައްކައިލި އެވެ. ކަންތައް ވީގޮތް އެނގުނީ ދެނެވެ. އޭނާ އަހަރެން ދިޔަ ނުދީ ހިފެހެއްޓީ، ހަމައެކަނި ތުވާލިކޮޅުގައި ހުއްޓައި މިޝްރާއަށް ފެނިދާނެތީ ކަން އެނގުނެވެ.

އަހަރެން ބޭރަށް ނުކުތީ، އަޒްމަން ގޮސް ފާޚާނާއަށް ވަނުމުންނެވެ. އޭރު، މިޝްރާ ހުރީ އަހަރެން ނުފެނިގެން ރޮވޭވަރު ވެފަ އެވެ. އަހަރެން ފެނުމުން، އައިސް ބައްދައިލިގޮތަށް ދުވަހަކު ވެސް ދޫކޮށްލާފައި ނުދިޔުމަށް އެދުނެވެ.

********

ސައި ބޮއެ ނިންމައިލިގޮތަށް، މިޝްރާ ގޮވައިގެން އަޒްމަން ނުކުތީ ބޭރަށެވެ. ސޯފާގައި އޮއްވައި އަހަންނަށް ނިދުނީ ކޮން އިރަކު ކަމެއް ނޭނގުނެވެ. ދެލޯ ހުޅުވައިލެވުނު އިރު، މުޅި ގޭތެރެއަށް ވެރިވެފައިވަނީ ކަނު އަނދިރި ކަމެވެ. ކައިރީގައި މީހަކު އިންހެން ހީވުމުން، އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. އަހަރެން ހީކުރިގޮތަށް ސޯފާގައި މީހަކު އިނެވެ. އޭނަ އަހަންނާއި ދިމާއަށް ގުދުވެލައިފި އެވެ.

"ނޫން..." އަހަންނަށް ހަޅޭއްލަވައިގަނެވުނެވެ.

ފުންމައިގެން ތެދުވިތަނައި، ގޭތެރެއަށް ވަދެގެން އައި އަޒްމަން އަހަންނާއި ދިމާއަށް ދުވެފައި އަންނާތީ ފެނުނެވެ. އޭނާ އައިސް އަހަރެންގެ ކައިރީގައި އިށީނދެފައި ދެކޮނޑުގައި ހިފަހައްޓާލައިފި އެވެ. އެންމެ ވަގުތުކޮޅެއް ވެސް މަޑުކުރަން ނުހަދާ އަޒްމަންގެ ހަށިގަނޑުގައި ދެއަތް ވަށާލެވިއްޖެ އެވެ. ފެނުނީ ހުވަފެނެއްކަން އެނގުނު ނަމަވެސް، ހިތުގެ ތެޅުމަކަށް ބަދަލެއް ނައެވެ. އޭރުވެސް ބިރުން ރޮވެނީ އެވެ. އަހަންނަށް މިވަނީ ކިހިނެއް ހެއްޔެވެ؟ ހާސްވެ ނުތަނަވަސް މިވަނީ ކީއްވެ ހެއްޔެވެ؟ އެ ހުރިހާ ކަމަކާއި އެކުވެސް، އަޒްމަން ކައިރީގައި ހުރުމުން، ހިތަށް ހަމަޖެހުން ލިއްބައިދެ އެވެ. އަމާންކަމާއި ރައްކާތެރިކަން އިހުސާސް ކުރެވިގެން ދެއެވެ.

"ނީހާ!... އަހަންނަށް މަޢާފު ކުރޭ..." އަޒްމަންގެ އަޑު ކުރެހުނެވެ.

(ނުނިމޭ)

comment ކޮމެންޓް