ކޮރަޕްޝަންގެ ތުހުހުމަތުވާ ސްޕެއިންގެ ކުރީގެ ރަސްގެފާނު ގައުމު ދޫކުރައްވާ ވަޑައިގެންފި

ސްޕެއިންގެ ކުރީގެ ރަސްގެފާނު ހުއަން ކާލޯސް އާއި ދަރިކަލުން އަދި މިހާރުގެ ރަސްގެފާނު ފިލީޕޭ -- ފޮޓޯ: ގެޓީ

މެޑްރިޑް (އޮގަސްޓު 4): ސްޕެއިންގެ ކުރީގެ ރަސްގެފާނު ހުއަން ކާލޯސްއާ ކޮރަޕްޝަނުގެ މައްސަލައަކާ ގުޅުން އޮތް ކަމަށް ތުހުމަތު ކޮށްފައި ވަނިކޮށް އޭނާ ގައުމު ދޫކުރައްވާ ފުރާ ވަޑައިގެންފި އެވެ.

ކާލޯސް ފުރާ ވަޑައިގަންނަވާކަން އޭނާ ވަނީ ދަރިކަލުން އަދި މިހާރުގެ ރަސްގެފާނު، ފިލިޕޭ ހަވަނައަށް ސިޓީއަކުން އަންގަވާފަ އެވެ.

އެ ސިޓީގައިވާ ގޮތުން ކާލޯސް ގައުމު ދޫކުރައްވާ ވަޑައިގަތުމަށް ނިންމެވީ "މާޒީގައި ހިނގާދިޔަ ކަންތައްތަކެއްގެ ސަބަބުން މިހާރު ކުރިމަތިލާންޖެހިފައިވާ މައްސަލަތަކާ" ހެދި އެވެ. އަދި އޭނާ އުއްމީދު ކުރައްވަނީ ދަރިކަލުންނަށް ސުލްހަވެރި ކަމާއެކު ރަސްކަމުގެ ޒިންމާތައް އަދާ ކުރައްވަން ފުރުސަތު ލިބިލައްވާނެ ކަމަށެވެ.

"ސްޕެއިންގެ ރައްޔިތުންނަށާއި އިދާރާތަކަށާއި ރަސްގެފާނަށް އެންމެ ރަނގަޅަށް ހިދުމަތް ކުރުމުގެ ނިޔަތުގައި، އަޅުގަނޑު މިވަގުތަށް ސްޕެއިންއިން ބޭރަށް ދާން ނިންމާފައިވާކަން ހާމަ ކުރަން،" ކާލޯސްގެ ސިޓީގައިވެ އެވެ.

ސްޕެއިންގެ ޝާހީ ގަނޑުވަރުން މިއަދު ވަނީ އެސިޓީ އާއްމުކޮށްފަ އެވެ. އަދި ރަސްގެފާނު ފިލިޕޭ ވަނީ ކާލޯސްގެ ނިންމެވުމަށް އިހުތިރާމް ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ފަހުން ކާލޯސް ގައުމުން ފުރާ ވަޑައިގެންފައިވާ ކަމަށް ޝާހީ ގަނޑުވަރުގެ ތަރުޖަމަނަކާ ހަވާލާދީ ސީއެންއެންއިން ރިޕޯޓު ކުރި އެވެ. ނަމަވެސް ކުރީގެ ރަސްގެފާނު ވަޑައިގެންނެވި ގައުމެއް ތަރުޖަމާނު ވިދާޅެއްނުވެ އެވެ.

ކާލޯސްގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކޮށްފައި ވަނީ އޭނާ ރަސްކަމުގައި ހުންނެވި އިރު، 2008 ވަނަ އަހަރު އޭރުގެ ސައުދީ ރަސްގެފާނު އަބްދުﷲ ދެއްވި 100 މިލިއަން ޑޮލަރުގެ ފައިސާގެ ހަދިޔާއަކާ ގުޅިގެންނެވެ. އަދި ސްޕެއިން އާއި ސުވިޒަލޭންޑުގެ ޕްރޮސެކިއުޓަރުން ދަނީ އެއީ މައްކާ އާއި މަދީނާއާ ދޭތެރޭ ހައި-ސްޕީޑް ރޭލުގެ ނިޒާމެއް ގާއިމުކުރުމަށް ސްޕެއިންގެ ކުންފުނިތަކަކަށް ލިބުނު ކޮންޓްރެކްޓަކާ ގުޅުން ހުރި ފައިސާތޯ ބެލުމަށް ތަހުގީގު ކުރަމުންނެވެ.

އެ ތުހުމަތުތަކާ ގުޅިގެން މިދިޔަ މާޗް މަހު ރަސްގެފާނު ފިލީޕޭ ވިދާޅުވެފައި ވަނީ ކާލޯސްގެ ފަރާތުން ވާރުތަވާ ފައިސާއެއް ގަބޫލު ނުކުރައްވާނެކަމަށެވެ. އަދި ކާލޯސްއަށް ކޮންމެ އަހަރަކު އެލަވަންސެއްގެ ގޮތުގައި ދެއްވާ 217،000 ޑޮލަރު ދެން ނުދެއްވާނެ ކަމަށެވެ.

ސްޕެއިންއަށް ޑިމޮކްރެސީ ގެނައުމަށް މަގުފަހިކޮށްދެއްވި ކާލޯސް ރަސްކަމުން ފައިބައިވަޑައިގަތީ އެ މަގާމުގައި ހުންނަވާތާ 39 އަހަރު ފަހުން، 2014 ވަނަ އަހަރެވެ. އޭނާއަކީ ރަސްކަމުގައި ހުންނެވި ގިނަ އަހަރުތަކުގައި ރައްޔިތުންގެ މެދުގައި މަގުބޫލު ބޭފުޅަކަށްވި ނަމަވެސް، ސްޕެއިންއަށް މާލީ ކާރިސާއެއް ދިމާވެފައި ވަނިކޮށް 2012 ވަނަ އަހަރު ބޮޓްސްވާނާއަށް އެތް ޝިކާރަ ކުރައްވަން ވަޑައިގަތުމާއި ދަރިކަނބަލުންގެ ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ކާލޯސްއަށް ރައްޔިތުންގެ ނުުރުހުން އަމާޒުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް