14 ދުވަހަށް އެކަހެރިވާން ޖެހޭ، ސިކް ލީވް ނެތް މީހުންނަށް އޮސްޓްރޭލިއާއިން މާލީ އެހީ ދެނީ

އޮސްޓްރޭލިއާއިން ވަނީ 'ޕެންޑެމިކް ލީވް' ފައިސާ ދޭން ނިންމާފަ -- ފޮޓޯ: އީޕީއޭ

މެލްބަން (އޮގަސްޓު 4): އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓުގައި ކޮރޯނާވައިރަހަށް ޝައްކު ކުރެވުމުން، 14 ދުވަހަށް ގޭގައި މަޑު ކުރަން އަންގާ މުވައްޒަފުންގެ ތެރެއިން ސިކް ލީވް ނެތް މީހުންނަށް ސަރުކާރުން 1،500 ޑޮލަރު ދޭނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެ އެވެ.

އޮސްޓްރޭލިއާގެ ސަރުކާރުން އެފަދައިން ނިންމީ، ވަޒީފާއިން ސިކް ލީވް ނުލިބޭ މީހުން ސިއްހީ އޮފިޝަލުންގެ ލަފަޔާ ހިލާފަށް މަސައްކަތަށް ނުކުތުން ހުއްޓުވުމަށް ފިޔަވަޅުތައް އެޅުމަށް ގިނަ ބަޔަކު ޕްރެޝަރު ކުރި ފަހުންނެވެ.

އޮސްޓްރޭލިއާއިން ކޮރޯނާވައިރަސް ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައި ވަނިކޮށް އެގައުމުގެ ވިކްޓޯރިއާގައި ކޭސްތައް އިތުރުވުމާ ގުޅިގެން އެ ސްޓޭޓުގައި ވަނީ ޖިސްމާނީ ގައިދުރު ކުރުމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ. އަދި ސްޓޭޓުގެ ވެރިރަށް މެލްބަންގައި ރޭގަނޑު ކާފިއު ހިންގުމުގެ އިތުރުން ޒަރޫރީ ނޫން ވިޔަފާރިތައް އަނެއްކާވެސް ބަންދު ކުރަން ވަނީ ނިންމާފަ އެވެ.

އެ ފިޔަވަޅުތަކުގެ ސަބަބުން މެލްބަންގެ އެއް މިލިއަން މުވައްޒަފުން ގޭގައި މަޑު ކުރަން ޖެހޭނެ އެވެ.

ވިކްޓޯރިއާއިން އިއްޔެ 429 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު، އެ ސްޓޭޓުގައި ކޮމިއުނިޓީ ޓްރާންސްމިޝަން އިތުރުވި ސަބަބުތަކުގެ ތެރޭގައި ބަލި ޖެހިފައިވާ މީހުން ވަޒީފާއަށް ނުކުތުން ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

މޮރިސަން ވިދާޅުވި ގޮތުގައި ސަރުކާރުން އެ 'ޕެންޑެމިކް ލީވް' ފައިސާ ދޭން ފެށުމުން، ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން ގޭގައި މަޑު ކުރަން ޖެހޭ މީހުން ދެން ވަޒީފާއަށް ނުކުތުން ހުއްޓުވޭނެ އެވެ.

"އޭގެ މާނައަކީ، ޕަބްލިކް ހެލްތު އޮފިސަރެއްގެ އިރުޝާދުގެ މަތިން އެކަހެރިވާން ޖެހޭ މީހަކު މަސައްކަތަށް ނުކުތުމުގެ މާލީ ސަބަބެއް ދެން ނޯންނާނެއޭ،" މޮރިސަން ވިދާޅުވި އެވެ.

މީގެ އިތުރުން މޮރިސަން ވަނީ އެއް ފަހަރަށް ވުރެ ގިނައިން 14 ދުވަހަށް ގޭގައި މަޑު ކުރަން ޖެހޭ މީހުންނަށް ތަކުރާރުކޮށް އެ ފައިސާގެ އެހީއަށް އެދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

އޮސްޓްރޭލިއާގައި މިހާތަނަށް 18،318 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކޭސްތައް ފެނިފައި ވަނީ ވިކްޓޯރިއާއިން މިދިޔަ މަސް ތެރޭގަ އެވެ. އަދި އެގައުމުން ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 221އަށް އަރާފަ އެވެ.

comment ކޮމެންޓް