7-އިލެވެންގެ ވެރިފަރާތުން އެމެރިކާގެ ސްޕީޑްވޭ ގޭސް ސްޓޭޝަންތައް 21 ބިލިއަން ޑޮލަރަށް ގަންނަން ނިންމައިފި

7-އިލެވެންގެ ޕޭރެންޓު ކުންފުނި ސެވެން އެންޑް އައި އިން ވަނީ އެމެރިކާގެ ސްޕީޑްވޭ ގޭސް ސްޓޭޝަންތައް ގަތުމަށް އެއްބަސްވުމެއް ހަދާފަ -- ފޮޓޯ: ބްލޫމްބާގް

ޓޯކިޔޯ (އޮގަސްޓު 4): ދުނިޔޭގެ އެންމެ ބޮޑު ކޮންވީނިއެންސް ސްޓޯ ފްރެންޗައިޒް ކަމަށްވާ 7-އިލެވެންގެ ވެރިފަރާތުން އެމެރިކާގެ ސްޕީޑްވޭ ގޭސް ސްޓޭޝަންތައް 21 ބިލިއަން ޑޮލަރަށް ގަންނަން އެއްބަސްވެއްޖެ އެވެ.

ސެވެން-އިލެވެންގެ ވެރިފަރާތް ކަމަށްވާ ޖަޕާނުގެ ސެވެން އެންޑް އައި ހޯލްޑިންސްއިން ބުނި ގޮތުގައި އެމެރިކާގެ ތެޔޮ ސާފު ކުރާ ކުންފުނި މެރެތަން ޕެޓްރޯލިއަމްއިން ހިންގާ ސްޕީޑްވޭ ގަތުމަށް އެ ކުންފުނިން ހެދި އެއްބަސްވުމަކީ، ސެވެން އެންޑް އައި އިން މިހާތަނަށް ހެދި އެންމެ ބޮޑު އެއްބަސްވުމެވެ. އަދި އެއީ މިއަހަރުގެ ކުރީކޮޅު ކޮރޯނާވައިރަސް ބަލިމަޑުކަން ފެތުރެން ފެށި ފަހުން ވިޔަފާރީގެ ދުނިޔޭގައި ހެދި އެންމެ ބޮޑު އެއް އެއްބަސްވުމެވެ.

ސެވެން އެންޑް އައި ހޯލްޑިންސްއިން ޖަޕާނުގައި 21،000 ފިހާރަ އާއި އެމެރިކާ އާއި ކެނެޑާގައި 9،800 ފިހާރަ ހިންގަ އެވެ. އަދި އެ ކުންފުނިން ސްޕީޑްވޭ ގޭސް ސްޓޭޝަންތައް ގަތުމަށް ހެދި އެއްބަސްވުމާ އެކު އެ ސްޓޭޝަންތަކުގައި ހަދާފައިވާ ގާތްގަނޑަކަށް 4،000 ފިހާރަ ވެސް އެ ކުންފުންޏަށް ލިބޭނެ އެވެ.

"މި އެއްބަސްވުމުގެ ސަބަބުން އަޅުގަނޑުމެންގެ ފިހާރަތައް އެމެރިކާގައި، ހާއްސަކޮށް އެގައުމުގެ މިޑްވެސްޓާއި އީސްޓް ކޯސްޓުގައި ހުންނަ މިންވަރު އިތުރު ކުރެވޭނެ،" 7-އިލެވެންގެ ރައީސް އަދި ސީއީއޯ ޖީ ޑިޕިންޓޯ ވިދާޅުވި އެވެ.

މީގެ އިތުރުން އެ އެއްބަސްވުމުގައި ވަނީ މެރެތަން ޕެޓްރޯލިއަމްއިން 15 އަހަރު ވަންދެން ކޮންމެ އަހަރަކު ސްޕީޑްވޭއަށް 7.7 ބިލިއަން ގެލަންގެ ތެޔޮ ސަޕްލައި ކުރުމަށް ވެސް ނިންމައިފަ އެވެ.

މެރެތަންއިން އެ ކުންފުނީގެ ރީޓެއިލް ބައި ދޫކޮށްލާފައި ވަނީ ދުނިޔޭގައި ތެލުގެ އަގު ދަށްވެ، ބަލިމަޑުކަމުގެ ސަބަބުން ތެލަށް އޮތް ޑިމާންޑު ވަރަށް ބޮޑަށް ދަށްވެފައި ވަނިކޮށެވެ. އަދި ތެލަށް އޮތް ޑިމާންޑު ކުރިން އޮތް މިންވަރަށް އިތުރުވާނީ އަންނަ އަހަރު ކަމަށް ކަމާ ބެހޭ މާހިރުން ލަފާކޮށްފައި ވަނިކޮށެވެ.

މެރެތަންއިން ބުނި ގޮތުގައި އެ އެއްބަސްވުމަށް ފަހު ޓެކްސް ދެއްކުމުން ކުންފުންޏަށް ލިބޭ 16.5 ބިލިއަން ޑޮލަރު ބޭނުން ކުރާނީ ދަރަނި އަދާ ކުރުމަށާއި ޝެއާހޯލްޑަރުންނަށް ދިނުމަށެވެ.

comment ކޮމެންޓް