އެތުލެޓިކްސްގެ ޖެނެރަލް ސެކްރެޓަރީއަކަށް މިފަހަރުވެސް މުންތަގިމް

އްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުމްތަގިމް --- ފޮޓޯ/ މީސް މީޑިއާ

ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަނުގެ ކުރިއަށް އޮތް ދައުރުގެ ޖެނެރަލް ސެކްރެޓަރީ ކަމަށް މިހާރުވެސް އެ މަގާމު ފުރަމުން އަންނަ އަހުމަދު މުންތަގިމް ހަމަޖައްސައިފި އެވެ.

ކޮވިޑްގެ ސަބަބުން އައި މެދުކެނޑުމަކަށްފަހު އެތުލެޓިކްސް އެސޯސިއޭޝަންގެ އިންތިހާބީ ކޮންގްރެސް މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި އިރު، މިދިޔަ ދައުރުގައި ވެސް މަގާމުތައް ފުރުއްވި ފަރާތްތަކުން ވަނީ ބޮޑު ކާމިޔާބީއެއް ހޯއްދަވައިފަ އެވެ. އެގޮތުން ކުރީގެ ދުވުންތެރިޔާ ޔަޒްނީ ނަޝީދާ (ޔަޒޫ) އާ ވާދަކޮށް މިދިޔަ ދެ ދައުރުގައި ވެސް ރައީސްކަން ކުރެއްވި މުހައްމަދު ތޮލާލް ވަނީ އެ މަގާމު ދިފާއު ކުރައްވާފަ އެވެ.

އަދި އެ އެސޯސިއޭޝަނުގެ ނައިބު ރައީސްގެ މަގާމަށް ވާދަކުރެއްވީ މިހާރުވެސް އެ މަގާމު ފުރުއްވަމުން އަންނަ އަޙްމަދު އަޒީލެވެ. އަދި ހަޒާންދާރުގެ މަގާމަށް ކުރިމަތިލެއްވޯ ކުރީ ދައުރެއްގައި އެ މަގާމު އަދާކުރި މުސްތަފާ މުޙައްމަދެވެ. މި މަގާމުތަކަށް އެންމެ މީހަކު ކުރިމަތިލާފައިވުމުން ފެންނަ ނުފެންނަ ވޯޓެއް ނެގިއިރު، އަޙްމަދު އަޒީލާއި މުސްތަފާ މުޙައްމަދު، މި ކޮންމެ ބޭފުޅަކަށްވެސް ވަނީ 15 ވޯޓު ލިބިވަޑައިގެންފައެވެ.

މީގެ އިތުރުން ހިންގާ ކޮމިޓީގެ ތިން މެމްބަރުންގެ މަގާމަށް ހޮވިވަޑައިގެންނެވީ 15 ވޯޓާ އެކު މުހައްމަދު ޝުޖާއު އާއި 14 ވޯޓާ އެކު ކުރީގެ ދުވުންތެރިޔާ އަހުމަދު ޝަގީފް (ރިވަރިން) އަދި 13 ވޯޓާ އެކު ހުސެއިން އަމީން ނަސީރެވެ. ދެން ވާދަކުރެއްވި މުހައްމަދު ޝާހިދު (ޝާޑު) އަށް ދެ ވޯޓް ލިބުނުއިރު، ކުރީގެ ދުވުންތެރިޔާ އިބްރާހީމް އުމަރު (ވިއްސަ) އަށް ލިބުނީ އެންމެ ވޯޓެކެވެ.

އަދި އަންހެން މެންބަރު ކަމަށް ޔާސްމީން އަބްދުﷲ އެކަނި ކުރިމަތިލެއްވިއިރު، އޭނާއަށް ވަނީ ފެންނަ ނުފެންނަ ވޯޓުގައި 15 ވޯޓު ލިބިވަޑައިގެންފައެވެ.

އެސޯސިއޭޝަނުގެ ފުރަތަމަ އެކްސްކޯ މީޓިންގް މިއަދު ބާއްވާފައިވާ އިރު އެ އެސޯސިއޭޝަނުން ވަނީ ކުރިއަށް އޮތް ދައުރުގައި ވެސް ޖެނެރަލް ސެކެއްޓަރީގެ މަގާމަށް މުންތަގިމް ހަމަޖައްސައިފަ އެވެ. މިއީ އޭނާ މި މަގާމާއި ހަވާލުވާނެ ހަތަރުވަނަ ދައުރެވެ.

އައްޑޫ އިންޓަ ސްކޫލް އެތުލެޓިކްސް މީޓުގައި 1996 ވަނަ އަހަރު އެންމެ ފުރަތަމަ އޮފިޝަލްކުރަން ފެށި މުންތަގިމަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް އެތުލެޓިކްސް ރެފްރީ އެވެ. ސްޕޯޓްސް ޑިވިޝަނުގައި 1995 ވަނަ އަހަރު ވަޒީފާއަދަކުރަން ފަށައި 1999 ވަނަ އަހަރުން ފެށިގެން އެތުލެޓިކްސް އެސޯސިއޭޝަނުގައި މަސައްކަތްކުރަމުން އަންނައިރު އޭނާ އަކީ 2008 ވަނަ އަހަރުން ފެށިގެން އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އެވެ.

މުންތަގިމް ވަނީ މިހާތަނަށް ބައިނަލްއަގްވާމީ ދެ މުބާރާތެއްގައި އެތުލެޓިކްސް އިވެންޓްތަލުގެ އިންޓަނޭޝަނަލް ޓެކްނިކަލް އޮފިޝަލް (އައިޓީއޯ) ގެ މަގާމު ފުރުއްވާފަ އެވެ.

އެގޕތުން ޖަޕާނުގެ ޖިފޫގައި 2018 ވަނަ އަހަރު އޮތް އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ސްޓާޓް ރެފްރީކުރުމާ އެކު އޭނާ ވެފައިވަނީ އޭޝިއާގެ މުބާރާތެއްގައި އެފަދަ ޒިންމާއެއް ނެގި ފުރަތަމަ ދިވެއްސަށެވެ.

އޭނާ ވަނީ މިދިޔަ އަހަރުގެ މާޗު މަހު ހޮންކޮންގުގައި އޮތް އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ގާތްގަނޑަކަށް ހުރިހާ އިވެންޓެއްގައި ވެސް ރެފްރީކަންކޮށްފަ އެވެ. އަދި އެއަށްފަހު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ވެސް މުންތަގިމް ވަނީ އެތުލެޓިކްސްގެ ޓްރެކް އަދި ފީލްޑުގެ ތަފާތު އިވެންޓްތަކުގެ އެންމެ އިސް ރެފްރީގެ މަގާމް ފުރުއްވާފަ އެވެ.

comment ކޮމެންޓް