އިހަވަންދޫގައި ހޯމް ކަރަންޓީނުކޮށްފައި ހުރި މީހަކު ފިލައިފި

އިހަވަންދޫ ބަނދަރުމަތި -- ސަން ފައިލް ފޮޓޯ

ހއ. އިހަވަންދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކަރަންޓީނުން ފިލައިފި ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

އިހަވަންދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ އެމީހާ ފިލީ މިއަދު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ރަށު ކައުންސިލް، ފުލުހުން އަދި ކޮވިޑް ޓާސްކްފޯހުން ކުރަމުން އަންނަ ކަމަށެވެ.

ފިލައިގެން އުޅެނީ މާލެއިން އެރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.

ފިލައިގެން އުޅޭ މީހާއާ އެއްގެޔެއްގައި އިތުރު މީހަކު ކަރަންޓީނުގައި ނެތްކަމަށް އިހަވަންދޫ ކައުންސިލްގެ މެމްބަރު ވިދާޅުވިއެވެ.

ފިލައިގެން އުޅޭ މީހާ އަކީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށް ވެސް ކައުންސިލް މެމްބަރު ވިދާޅުވިއެވެ.

އިހަވަންދޫއިން މިހާތަނަށް ވަނީ ކޮވިޑް-19ގެ ތިން ކޭސް ފެނިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެރަށަށް ނިސްބަތްވާ ދެ ބޯޓެއްގައި މަސައްކަތްކުރާ މީހުންނެވެ.

އެމީހުންނާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގް ދަށުން ގިނަ އަދަދެއްގެ ބަޔަކު ޓެސްޓުކުރުމަށް ސާމްޕަލް ނެގިފައިވާއިރު އެ ރަށުގައި މާލެއިން ދަތުރުކޮށް ހޯމް ކަރަންޓީނުގައިވެސް ގިނަ އަދަދެއްގެ ބަޔަކު ތިބިކަމަށް ކައުނސްިލުގެ ފަރާތުން ވަނީ ހާމަކޮށްފައެވެ.

އެ ރަށުން ކޮވިޑަށް އެންމެ ފަހުން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގް ގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

comment ކޮމެންޓް