އީރާނުން ކޮވިޑުގައި މަރުވި މީހުންގެ އަދަދު ފޮރުވި ކަމަށް ލީކުވި މައުލޫމާތުން ހާމަވެއްޖެ

އީރާނުން ކޮވިޑުގައި މަރުވި މީހުންގެ އަސްލު އަދަދު ފޮރުވި ކަމަށް ބުނާ ތުހުމަތުތައް ވަނީ ފެންމަތިވެފަ -- ފޮޓޯ: އޭއެފްޕީ

ތެހެރާން (އޮގަސްޓު 3): އީރާނުން ކޮރޯނާވައިރަހުގައި މަރުވި މީހުންގެ އަދަދު އެގައުމުގެ ހެލްތު މިނިސްޓްރީން ބުނާ ވަރަށް ވުރެ ގާތްގަނޑަކަށް ތިން ގުނަ އިތުރު ކަމަށް ލީކުވެފައިވާ ސަރުކާރުގެ ރެކޯޑުތަކުން ދައްކާ ކަމަށް ބީބީސީން ރިޕޯޓުކޮށްފި އެވެ.

ބީބީސީގައިވާ ގޮތުން އީރާނުގެ ސަރުކާރުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 21އާ ހަމަޔަށް އެގައުމުން ކޮވިޑް-19ގެ އަލާމާތްތައް ފެނުނު 42،000 މީހަކު ވަނީ މަރުވެފަ އެވެ. ނަމަވެސް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެހާ ހިސާބަށް މަރުވެފައި ވަނީ 14،405 މީހެކެވެ. އަދި ވައިރަހަށް ޕޮޒިޓިވްވި ކަމަށް އެ ރެކޯޑުތަކުގައި 451،024 މީހަކު ފާހަގަކޮށްފައިވި ނަމަވެސް ހެލްތު މިނިސްޓްރީން އިއުލާންކޮށްފައިވާ އަދަދަކީ 278،827 އެވެ.

މީގެ އިތުރުން، ކޮވިޑުގައި އެންމެ ފުރަތަމަ އީރާނުން މީހަކު މަރުވެފައި ވަނީ 22 ޖެނުއަރީގައި ކަމަށް ސަރުކާރުގެ ރެކޯޑުތަކުގައި އޮތް ނަމަވެސް އެގައުމުން ވައިރަސް ފެނުނުކަން އިއުލާން ކުރީ އޭގެ އެއް މަސް ފަހުންނެވެ.

ބީބީސީން ބުނި ގޮތުގައި އެ ނޫހަށް މައުލޫމާތު ފޯރުކޮށްދީފައި ވަނީ ނަން ހާމަ ކުރަން ބޭނުން ނުވާ މީހެކެވެ. އަދި އެއީ އީރާނުގެ ސަރުކާރުގައި މަސައްކަތް ކުރާ މީހެއް ކަމާއި އޭނާއަށް އެ ލިޔެކިޔުންތައް ލިބުނު ގޮތެއް ޔަގީން ކުރެވިފައި ނުވެ އެވެ.

ނަމަވެސް ކޮވިޑުގައި މަރުވި ކަމަށް ނުވަތަ ފަރުވާ ހޯދަމުންދާ މީހުން ކަން ބީބީސީއަށް އެނގިފައިވާ މީހުންގެ ނަންތައްވެސް އެ ލިސްޓުގައި ހިމެނޭ ކަމަށާއި އެ މައުލޫމާތުތައް ދިމާވާ ކަމަށް އެ ނޫހުން ފާހަގަ ކުރި އެވެ.

އެ ލިޔެކިޔުންތަކުގައި އީރާނުގެ ހޮސްޕިޓަލްތަކުގައި ވަކި މުއްދަތެއް ތެރޭ އެޑްމިޓު ކުރި މީހުންގެ ނަންތަކާއި އުމުރާއި ޖިންސާއީ އެމީހުންގެ ފަރާތުން ފެނުނު އަލާމާތްތަކާއި އެކަމާ ބެހޭ ތާރީހުތައް ވެސް ހިމަނާފައިވެ އެވެ.

އެ ލިޔެކިޔުންތައް ލީކުކޮށްލި މީހާ ބޭނުން ވަނީ ބަލިމަޑުކަމާ ގުޅުން ހުރި "ސިޔާސީ ގޭމުތައް" ނިމުމަކަށް ގެނެސް، "ހަގީގަތަށް އަލި އަޅުވާލަން" ކަމަށް ބީބީސީން ބުންޏެވެ.

އީރާނުގައި ކޮރޯނާވައިރަސް ފެތުރެން ފެށީ އެގައުމުގައި ޕާލިމެންޓް އިންތިހާބު ބާއްވަން ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގައި ކަމުން، އެ އިންތިހާބަށްދާ މީހުން މަދުވެދާނެތީ ކޮރޯނާވައިރަހާ ބެހޭ މައުލޫމާތު ސަރުކާރުން ފޮރުވި ކަމަށް މީގެ ކުރިންވެސް ވަނީ ތުހުމަތު ކުރެވިފަ އެވެ. މިދިޔަ ފެބްރުއަރީ މަހުގެ 21ގައި ބޭއްވި އެ އިންތިހާބު ވެގެންދިޔައީ އެގައުމުގެ ތާރީހުގައި ވެސް އެންމެ މަދު އަދަދަކަށް މީހުން ބައިވެރިވި އިންތިހާބަށެވެ.

އީރާނުގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ އެ އިންތިހާބުގައި ގިނަ މީހުން ބައިވެރި ނުވީ އެގައުމުގެ ދުޝްމަނުން ކޮރޯނާވައިރަހާ ގުޅުވައިގެން ފެތުރި ވާހަކަތަކާ ގުޅިގެން ކަމަށް ވިދާޅުވެފަ އެވެ. އެ އިންތިހާބުގެ ދެވަނަ ބުރެއް އަންނަ މަހު ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

އީރާނުގައި އެ އިންތިހާބު ބާއްވަނީ އެގައުމުގެ ސަރުކާރަށް ފާޑު ކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި އެމެރިކާއިން އަނެއްކާ ވެސް އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި، މިދިޔަ ނޮވެމްބަރު މަހު ކުއްލި ގޮތަކަށް އެގައުމުގައި ތެލުގެ އަގު ބޮޑު ކުރުމާއި އެ ނިންމުމާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި 1،500 އަށް ވުރެ ގިނަ މީހުން މަރުވުން ހިމެނެ އެވެ.

comment ކޮމެންޓް