ޖުލައި މަހު ރާއްޖެއަށް އައީ 1769 ފަތުރުވެރިން: އިމިގްރޭޝަން

ޖުލައި 15، 2020: ކޮވިޑް19އާ ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޯޑަރު ހުޅުވާލި ފުރަތަމަ މަހުގައި ރާއްޖެއަށް 1700 އަށް ވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ އެވެ.

ކޮވިޑާ ގުޅިގެން މާޗު މަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު ބޯޑަރު އަލުން ހުޅުވާލީ ޖުލައި 15 ވަނަ ދުވަހުގަ އެވެ.

މޯލްޑިވްސް އިމިގްރޭޝަނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބޯޑަރު ހުޅުވާލައިގެން ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ޖުމުލަ 1769 ފަތުރުވެރިން އައިސްފަ އެވެ.

މި މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެގައުމުން 258 ފަތުރުވެރިން ޖުލައިގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި އެމެރިކާއިން އައިސްފައި ވަނީ 189 ފަތުރުވެރިންނެވެ.

ދެން އެންމެ ގިނައިން ފަތުރުވެރިން އައި ގައުމުތަކަކީ ޔޫއޭއީ، ޖާމަނީ އަދި ސުވިޒަލޭންޑެވެ.

ބޯޑަރު އަލުން ހުޅުވާލި ނަމަވެސް، ހިދުމަތް ދިނުމުގެ ހުއްދަ ދީފައި ވަނީ ރިސޯޓުތަކާއި މީހުން ދިރިނޫޅޭ ރަށްރަށުގައި ހިންގާ ހޮޓާ ފަދަ ތަންތަނަށް އެކަންޏެވެ.

މި މަހުގެ އެއް ވަނަ ދުވަހު މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސް އަދި ހޮޓާ ފަދަ ތަންތަން ހުޅުވަން ހުއްދަ ދޭން ކުރިން ނިންމާފައި އޮތް ނަމަވެސް، ކޮވިޑު ކޭސްތަކުގެ އަދަދު އިތުރުވާން ފެށުމުން އެ ނިންމުން ވަނީ ބަދަލުކޮށްފަ އެވެ.

https://sun.mv/140574

comment ކޮމެންޓް