ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިދާނެކަމާ މެދު ޓްރަމްޕް މާޔޫސްވި ނަމަވެސް ވައިޓް ހައުސް އުންމީދުގައި

ޓްރަމްޕް މާޔޫސްކަމުގައި

ވޮޝިންޓަން (އޮގަސްޓް 03) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަގުބޫލުކަން އެގައުމުގެ ރައްޔިތުންގެ މެދުގައި އިންތިހާއަށް ދަށަށްދިޔުމާ އެކު ސިޔާސީ ކުރިމަގާމެދު ޓްރަމްޕް މާޔޫސްވެވަޑައިގެންނެވި ނަމަވެސް ޓްރަމްޕަށް އިންތިޚާބު ކާމިޔާބު ކުރެވޭނެކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

ވައިޓް ހައުސްގެ ސިޔާސީ ބޭފުޅެއްކަމަށްވާ ޗީފް އޮފް ސްޓާފް މާކް މީޑޯޒް ވިދާޅުވީ ޓްރަމްޕްގެ މަގުބޫލުކަން އެގައުމުގެ ރައްޔިތުންގެ މެދުގައި ދަށަށްދާކަން ޚިޔާލު ހޯދުމުގެ ސާވޭތަކުން ދެއްކި ނަމަވެސް އެއީ ހަގީގަތެއް ކަމަށް ބަލަންދަތި ކަމަށާއި ނޮވެމްބަރު މަހުގެ 3ގައި ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ޓްރަމްޕް ކަމުގަ އެވެ. ޓީވީ ޗެނެލްއެއް ކަމަށްވާ ސީބީއެސް ނެޓްވާކަށް ދެއްވި ބަސްދީގަތުމެއްގައި މީޑޯޒް ވިދާޅުވީ ޚިޔާލު ހޯދުމުގެ ސާވޭތައްް ކުރާއިރު އޭގައި ގިނައިން ޝާމިލްކުރަނީ ޓްރަމްޕަށް ތާއީދު ނުކުރާ މީހުން ކަމަށްވުމަކީ އެކަށީގެންވާ ކަމެއްކަމުގަ އެވެ.

މީޑޯޒް މިހެން ވިދާޅުވި އިރު ޚުދު ޓްރަމްޕް ވެސް ވަނީ ގިނަ ބަޔަކު އޭނާއާ ގަޔާއެއް ނުވާ ކަމަށް ވިދާޅުވެ އޭނާގެ ސިޔާސީ މުސްތަގްބަލާ މެދު ފުރަތަމަ ފަހަރަށް މާޔޫސްކަމާ އެކު ވާހަކަ ދައްކަވައިފަ އެވެ. ވައިޓް ހައުސްގައި އިއްޔެ ދެއްވި ބަޔާނެއްގައި ޓްރަމްޕް ވަނީ މީހުން ގަޔާނުވަނީ އޭނާގެ މިޒާޖާ ކަމަށާއި އޭނާގެ ވެރިކަމުގައި ގޯސްކަމެއް ނެތްކަމަށް ވިދާޅުވެފަ އެވެ. ފާއިތުވި ތިން އަހަރާއި ބައިގެ މުއްދަތުގައި އެމެރިކާއަށް އިތުރު މުއްސަނދިކަމާއި ފާގަތިކަން ހޯދައިދީ އެމެރިކާގެ ބާރު ހުރިހާގޮތަކުން ވެސް އިތުރަށް ވަރުގަދަކުރުމުގައި އޭނާގެ ސަރުކާރުން ކާމިޔާބު ހޯދާފައިވާނެކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ނަމަވެސް ގިނަ ބަޔަކު ޓްރަމްޕާ ގަޔާ ނުވާކަމަށް ވިދާޅުވެ ޚުދު ޓްރަމްޕް ވާހަކަ ދެއްކެވުމަކީ އޭނާގެ މަގްބޫލުކަން ދަށަށް ދިޔަކަމާއި އަދި އިންތިޚާބު ކާމިޔާބު ނުކުރެވިދާނެކަމުގެ ކަންބޮޑުވުން އިންތިހާއަށް އޭނާ އިހްސާސް ކުރައްވާކަމުގެ ހެއްކެތް ކަމަށާއި މިއީ ކުރިން ޓްރަމްޕް ނުދައްކަވާ ވާހަކަތަކެއް ކަމަށް މުރާސިލުން ބުނެ އެވެ.

ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް މާކް މީޑޯވް އުންމީދުގައި

އެމެރިކާގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމުގައި ޓްރަމްޕްގެ ސަރުކާރުވަނީ މުޅިން ފޭލްވެފަ އެވެ. އަދި ކޮވިޑަށް ފަހު އިގްތިސާދު އަލުން ހުޅުވާލުމަށް ޓްރަމްޕް ކުރެއްވި މަސައްކަތް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ. މިއާ އެކު އެމެރިކާގެ އިގްތިސާދު މިސްރާބު ޖަހާފައި ވަނީ އިނދަޖެހުމާ ދިމާއަށް ކަމަށާއި ކޮވިޑްގެ ނުރައްކަލުން އަރައިގަތުމަކީ އެމެރިކާގެ ރައްޔިތުންގެ ސުލޫކާއި ބަސްނޭހުން ހުންނަ ގޮތުން އެމެރިކާ އަށް ކުރެވޭނެ ކަމެއް ނޫންކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ކޮވިޑުން ސަލާމަތް ވުމަށް އެމެރިކާއަށް އޮތް އުންމީދަކީ އެބައްޔަށް ވެކްސިންއެއް އީޖާދު ކުރުންކަމަށާ ޓްރަމްޕްގެ ސަރުކާރުން ބަރޯސާ ވަނީ ވެކްސިންއަށް ކަމަށް މުރާސިލުން ދެކެ އެވެ.

އަނެއްކޮޅުން އެމެރިކާގައި ނަސްލީ އިތްތިޔާޒާ ދެކޮޅަށް ކުރާ މުޒާހަރާތަކަށް ވެސް ހުއްޓުމެއް ނާދެ އެވެ. އަދި ކޮވިޑް ޖެހިގެން އެމެރިކާގައި މަރުވަމުންދާ މީހުންގެ އަދަދު ވެސް ދަނީ މައްޗަށެވެ. އެބަލިޖެހޭ މީހުންގެ އަދަދު އެމެރިކާގައި ގުނާލެވެނީ ދުވާލެއްގެ މައްޗަށް 65 ހާހަށްވުރެ މަތިންނެވެ.

މީގެ އިތުރުން ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ ބާރާއި ނުފޫޒު ދުނިޔޭގައި ކުޑަވެ ޓްރަމްޕާއި އޭނާގެ ޓީމުން އެމެރިކާ ހިންގާ ގޮތުން ބައިނަލްއަގްވާމީ މުޖްތަމައުގައި އެމެރިކާގެ އިހްތިރާމު ގެއްލި އެމެރިކާ ބޮޑު ޖޯޖަކަށް ވެފައިވާ އިރު އެމެރިކާ ވަނީ އެމެރިކާއަށް ތާއީދުކުރާ ގައުމުތަކުގެ ތެރޭގައާ އަދި މުޅި ބައިނަލްއަގްވާމީ މުޖްތަމައުގައި ވެސް އެކަހެރިވާގޮތް ވެފަ އެވެ.

ޓްރަމްޕްގެ ސިޔާސީ ކުރިމަގާމެދު އޭނާ މާޔޫސްވެވަޑައިގެންފައި ވަނީ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ މެންބަރުންނާ އަދި އެޕާޓީގެ ސަޕޯޓް ބޭސްގެ ތެރޭގައި ހިމެނޭ ގިނަ ބައެއްގެމެދުގައި ވެސް ޓްރަމްޕްގެ މަގްބޫލުކަން ގެއްލި އެފަރާތްތަކުން ވެސް ޓްރަމްޕާ ދެކޮޅަށް ފާޅުގައި ފާޑުކިޔަން ފަށާފައިވާތީކަމަށާއި ޚުދު ޓްރަމްގެ ރިޕަބްލިކަން ޕާޓީގެ ތެރޭގައި ވެސް އޭނާ ބާކީ ވަމުންދާކަމަށް މުހައްލިލުން ދެކެއެވެ.

އަންނަ ނޮވެމްބަރު މަހުގެ 3ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕާ ދެކޮޅަށް ވާދަކުރައްވާ ޑިމޮކްރެޓިކް ކެންޑިޑޭޓު ޖޯ ބައިޑަންގެ މަގްބޫލުކަން ވަނީ ޓްރަމްޕަށް ވުރެ 14 އިންސައްތަ މަތީގަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް