އީސީއަށް ގޮސްގެން ހޯދޭ ހިދުމަތްތައް މެދުކަނޑާލައިފި

އާންމު ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް ހާޒިރުވެ ހޯދަމުން ގެންދާ ހިދުމަތްތައް މެދުކަނޑާލަން އެ ކޮމިޝަނުން ނިންމައިފި އެވެ.

އީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ހަލުއިކަމާއެކު ކޮވިޑް19 ފެތުރެމުން އަންނައިރު، ބައްޔަށް ޕޮޒިޓިވްވާ މީހުން ގިނައީ އޮފީސް މާހައުލުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާތީ، އެ ކޮމިޝަނުން ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އާންމު ފަރާތްތަކުން ކޮމިޝަނަށް ހާޒިރުވެ ހޯދަމުން ގެންދާ ހިދުމަތްތައް މެދުކަނޑާލުމުގެ އިތުރުން އެ ކޮމިޝަނުން ވަކި ގޮތެއް އަންގަންދެން އޯގަސްޓް ހަތަރަކުން ފެށިގެން ކޮމިޝަނުން ދެމުންދާ އާންމު ހިދުމަތްތައް އީމެއިލް އަދި އީ-ގަވަމެންޓް (ޖެމްސް) މެދުވެރިކޮށް ދިނުމަށް ވަނީ ނިންމައިފަ އެވެ.

ހަމައެއާއެކު މާދަމާއިން ފެށިގެން ކޮމިޝަންގެ ރަސްމީ ގަޑިއަކީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު ފަހު 13:00 ކަމަށް ވެސް ވަނީ ނިންމައިފަ އެވެ.

އީސީން ވަނީ އެ ކޮމިޝަނުން ދެމުންގެންދާ އެއްވެސް ހިދުމަތެއް ލަސްވާ ނަމަ ނުވަތަ އިތުރު މައުލޫމާތު އޮޅުންފިލުވަން ބޭނުން ނަމަ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ (9867422) އަށް މެސެޖު ކުރުމަށް އެދިފައިވެ އެވެ.

އަދި ކޮވިޑް19 ފެތުރުން ހުއްޓުވުމަށްޓަކައި އެ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތަށް އާންމު ފަރާތްތަކުން އެއްބާރުލުން ދިނުމަށް ވެސް ވަނީ އެދިފަ އެވެ.

comment ކޮމެންޓް