އައްޑޫ ރޭޕް ކޭސް: ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި

އައްޑޫ ސިޓީ ހިތަދޫ މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

އެ މައްސަލާގައި އިއްޔެ ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެމީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި އިތުރު ބަޔަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އަދި އެކަމުގައި އިތުރު ބަޔަކު ބައިވެރިވެފައިވާކަން ވެސް ތަހުގީގަށް މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ރޭޕް ފަދަ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް، ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް ފުރިހަމަ ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ރޭޕްގެ ޝިކާރައަކަށްވި އަންހެން މީހާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާފައިވާނެ ކަމަށާއި އޭނާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުމަށް ފުވައްމުލަކު ސިޓީއަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ އުމުރުން 48 އަހަރުގެ އަންހެން މީހާ ރޭޕްކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

comment ކޮމެންޓް