އިތުރު ފުރަބަންދަކަށް ދިއުން ރަނގަޅެއް ނޫން، މާސްކް އަޅާ: ރައީސް

އެއާޕޯޓްގެ ތައްޔާރީތައް ރައީސް ބައްލަވާ ލައްވަނީ: މި އަހަރު ފަހުކޮޅު ޓުއަރިޒަމް ރަނގަޅުވެ އިގްތިސާދަށް ހެޔޮބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައި --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ކޮވިޑް19 ޖެހޭ މީހުން އިތުރުވަމުން އަންނަ ނަމަވެސް އިތުރު ފުރަބަންދަކަށް ދިއުމަކީ ރަނގަޅުކަމެއް ނޫން ކަމަށާއި، އެހެން ކަމުން ހުރިހާ ރައްޔިތުން ވެސް ބޭރުގައި އުޅޭއިރު މާސްކް އެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.

ހަލުވިކަމާއެކު ކޮވިޑު ފެތުރެމުން އަންނާތީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ބޭރަށް ނުކުންނައިރު މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ. އަދި ގައިޑްލައިންތަކަށް އަމަލު ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބޭރުގައި އުޅުއްވާއިރު މާސްކް އެޅުމުގެ އިތުރުން އެޗްޕީއޭގެ އެންގުންތަކަށް އަމަލުކުރުމަށް ވެސް ރައީސް ވަނީ ގޮވާލައްވައިފައެވެ.

"ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން ވަރަށް މުހިންމު. އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަގަޅު ކަމެއްނޫން،" ރައީސް ވިދާޅުވިއެވެ.

މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުން ވެރިރަށް މާލެއިން ކޮވިޑް19 ފެނުމާއެކު، މުޅި މާލެ ފުރަބަންދުކޮށް ރަށްރަށަށް ދަތުރުކުރުން މަނާކުރިއެވެ.

އަދި އޭގެ ފަހުން ޖޫން މަހުގެ 15 އިން ފެށިގެން ވަނީ ފުރަބަންދަށް ބޮޑެތި ލުއިތަކެއްދީ އާންމުންނަށް ބޭރަށް ނުކުމެވޭނެ ފުރުސަތު ދީފައެވެ. އަދި ޖުލައި މަހު ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތައްވެސް ވަނީ ހުޅުވައިފައެވެ. އަދި ރާއްޖޭގެ ބޯޑަރު ވެސް ވަނީ އަލުން ހުޅުވައިފައެވެ.

ކޮވިޑް19 ގެ ނަންބަރުތައް މަތިވަމުން އަންނާތީ ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އަލުން ފިޔަވަޅުތައް ވަރުގަދަކޮށް، ފުރަބަންދަކަށް ދިއުމަށް ގޮވާލަމުންނެވެ.

މާލެ ސަރަހައްދުގައި ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، އިއްޔެ ވަނީ ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވްވެފައެވެ. އިއްޔެ 215 މީހަކު ޕޮޒިޓިވްވި އިރު، މިއީ އެއް ދުވަހެއްގެ ތެރޭގައި ރާއްޖެއިން އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ދުވަހެވެ.

އަދި އެއާއެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 4،164 އަށް އަރައިފައެވެ. ރާއްޖޭގެ ކޭސްތައް އިތުރުވަމުން އަންނަ ވަރަކަށް، އެކްޓިވް ކޭސްތަކުގެ އަދަދުވެސް އަންނަނީ މަތިވަމުންނެވެ. މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 1،489 މީހަކު ތިބިއިރު، އޭގެ ތެރެއިން 84 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލުގައެވެ.

މާލެ ސަރަހައްދުގެ އިތުރުން ބައެއް ރަށްރަށުން ވެސް މިވަގުތު އެކްޓިވް ކޭސްތައް ވަނީ ފާހަގަވެފައެވެ. އެ ރަށްތަކަކީ، ހއ. ކެލާ، ހއ. އިހަވަންދޫ، ބ. އޭދަފުށި، ބ. ތުޅާދޫ، ބ.ހިތާދޫ، ޅ. ކުރެންދޫ، ޅ. ހިންނަވަރު، ކ. މާފުށި، ވ. ފުލިދޫއެވެ. މީގެ އިތުރުން ސޮނޭވާ ޖާނީ ރިސޯޓުން ވެސް އެކްޓިވް ކޭސް އެއް ވަނީ ފާހަގަވެފައެވެ.

ބަލީގައި މިހާތަނަށް ރާއްޖެއިން 18 މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް